ދިވެހި ރެޑް ކްރެސެންޓްގެ ބިން ތަރައްގީކުރުމަށް ފަސްޓް ނޭޝަނަލްއާ އެކު އެއްބަސްވުމެއް
ދިވެހި ރެޑް ކްރެސެންޓްގެ (އެމްއާރްސީ)ގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، އެ ޖަމާއަތުގެ ބިން ތަރައްގީކުރުމަށް، ދިވެހި ރެޑް ކްރެސެންޓްއާއި ފަސްޓް ނެޝަނަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްއާރްސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ދިވެހި ރެޑް ކްރެސެންޓްގެ ބިން ތަރައްގީކުރާނެ ގޮތުގެ ޕްލޭނިން، ފައިނޭންސް އަދި ކޮންސްޓްރަކްޝަން މަސައްކަތް ރާވައި ކުރިއަށް ގެންދާނީ، ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލް ގުޅިގެން ކަމަށެވެ. މި ޕްރޮޖްކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު، މާގިރި ހޮޓެލްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން، ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، މި މަޝްރޫއަކީ، ރާއްޖޭގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެޅޭ ބިންގަލެއް ކަމަށެވެ. އަދި، މިފަދަ މަޝްރޫޢުއެއްގައި މަސައްކަތްކުރުމަށް ފަސްޓް ނެޝަނަލްއަށް ފުރުޞަތު ލިބުމަކީ، ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަފުލާގައި ވާހަކަ ދައްކަވަމުން، ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، މިއީ އެތައް އަހަރެއް ވަންދެން ދިވެހި ރެޑް ކްރެސެންޓްއިން ވިލަރެސްކުރަމުން އައިސްފައިވާ މަޝްރޫއެއް ކަމަށެވެ. ދިވެހި ރެޑް ކްރެސެންޓްގެ އުއްމީދަކީ، މި މަޝްރޫޢު ކުރިއަށް ގެންދެވުމާއެކު، އެ ޖަމާއަތުން ފޯރުކޮށްދެމުންދާ ޚިދުމަތަތްތަކާއި، ހަރަކާތްތައް އިތުރަށް ފުޅާކުރެވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކާރިސާތަކަށް އިޖާބަ ދިނުމާއި، ކާރިސާގެ ހާލަތްތަކަށް ތައްޔާރުވުމަށާއި ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް އެ ޖަމާއަތުން ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނެވި ގޮތުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. އެމްއާރުސީން ވަނީ، މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް، ޕަބްލިކް، ޕްރައިވެޓް އަދި މުޖްތަމަޢުގެ ލާބައަށް އިޖުތިމާޢީ މަސައްކަތެއް ކުރިއެރުވުމަށް، ބްލެންޑަޑް ފައިނޭންސް މޮޑެލްގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ބުނެފައެވެ. މި މަޝްރޫޢުއަކީ، ދިވެހި ރެޑް ކްރެސެންޓްގެ ތާރީޚުގައި މި ޖަމާއަތުގެ ޚާއްސަ ބިމެއް ނުވަތަ ވަސީލަތެއް ތަރައްގީކުރުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުއަށް ވާނެ ކަމަށްވެސް އެމްއާރްސީއިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ