2 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އެންމެން ބަންދަށް

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އެންމެން ބަންދުކުރަން ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. 
ވީ ކިހިނެއް؟ - އެ މައްސަލާގައި ރޭ ހަތަރު މީހަކު ހައްޔަރުކުރިއިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ:
އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރު (އިންޖިނިއަރިން ޕްރޮޖެކްޓްސް)ގެ މަގާމުގައި މިހާރު ވެސް ހުންނެވި އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، ހ. ނިއުހެޕިނަސް؛ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި
ތަފްސީލް - މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ. އަދި މުއާޒުގެ ބަންދަށް 5 ދުވަސް ޖަހާފައި ވެއެވެ. ދެން ތިބި ދެ މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ.
އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ