ފަލަސްތީނާއި ރާއްޖެ މެޗުގެ ސުވެނިއާ ޓިކެޓު އުއްޗު ބައްލަވައިގެންފި
ރާއްޖެ އާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސުވެނިއާ ޕްލެޓިނަމް ޓިކެޓް މަޝްޙޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ބައްލަވައިގެންފިއެވެ. އުއްޗުއާ މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤާއި ފަލަސްޠީނު 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޖުމާ ސުލައިމާނެވެ. އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ދެ މެޗަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އެގޮތުން ބޮޑެތި ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. ފަލަސްތީނާއި ރާއްޖެ މެޗުގެ ސުވެނިއާ ޓިކެޓު އުއްޗު ބައްލަވައިގަތުން-- ފަލަސްޠީނާއި ރާއްޖެއާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ފަލަސްޠީނު ޓީމު ރާއްޖޭގައި ކުރިޔަށް ގެންދާ ކޭމްޕްގެ ތެރެއިން ކުރިއަށްގެންދާ ދެ މެޗެވެ. މި ދެމެޗަށް އެފްއޭއެމުން 500 ސުވެނިއާ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު ކުޅުނީ އިއްޔެ ކަމަށްވާއިރު، މެޗުން ފަލަސްތީން ވަނީ 6-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ސުވެނިއާ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިިންމައިފައިވަނީ، ޒުރޭލުން ހިންގި ލާއިންސާނީ އުދުވާނާ ގުޅިގެން ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި އާލާކުރުމަށް ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށެވެ. https://sun.mv/213887 ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ފުރުސަތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ސަރުކާރާއި އެފްއޭއެމުންވެސް އެދިފައިވެއެވެ. އެފްއޭއެމުގެ އަމާޒަކީ ޖުމްލަ 500 ޓިކެޓް އެއްކޮށް ވިއްކާ ހުސްކޮށްލުން ކަމަށެވެ. މިރޭ ކުޅޭ ދެވަނަ މެޗުގެ ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެ ފަސޭހަ އިންތިޒާމެއް އެފްއޭއެމުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސުވެނިއާ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެފްއޭއެމްގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބާ ނުވަތަ ވަޓްސްއެޕުން މެސެޖުކުރުމަށް އެ އިދާރާއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ