ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވެގެންދިޔައީ ބޮޑު މުސީބާތަކަށް: ނާޒިލް ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވެގެންދިޔައީ ބޮޑު މުސީބާތަކަށް: ނާޒިލް

މި ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވެގެން ގޮސްފައިވަނީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު މުސީބާތަކަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ މި އަހަރުގެ ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް އޮތް މައިގަނޑު ސިޔާސަތަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުންފަތުން ނެގޭ ޓެކްސް ބޮޑުކުރަން ނިންމި ނިންމުން ކަމަށެވެ.
"އެހެން ނަމަވެސް އެ ވެގެންދިޔައީ ގައުމަށް. ރައްޔިތުންނަށް. އާންމު ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވެގެންދިޔައީ އިއްޒަތްތެރި ރައީސް. ވަގުން އިތުރުވީ. ވިޔަފާރިވެރިން ކުރާނެ އައު މޮޅު ވިޔަފާރިއެއް ގޮތަށް މި ގައުމުގަ އެހެން ގޮތަކަށް ނިޒާމު ބަދަލުވެގެންދިޔައީ. ވަރަށް ރަނގަޅަށް ވިޔަފާރި ކުރަމުން އައި ވިޔަފާރިވެރިންނަށް ވެސް ކުއްލިއަކަށް ބޮޑު ފައިދާއެއް ލިބޭނެ އެއްޗެއް ގޮތުގަ ފެނިގެންދިޔައީ ދުންފަތް ނުވަތަ ސިނގިރޭޓު،" ނާޒިލް ވިދާޅުވި އެވެ.
ދުންފަތް ޑިއުޓީ ބޮޑުކުރަން މަޖިލީހަށް ސަރުކާރުން ބިލު ހުށަހެޅުމުން އޭރު ވެސް މީގެ ނުރައްކާތެރި ނުރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުންދިޔަ ކަން ނާޒިލް މިއަދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"607 މިލިއަން ރުފިޔާ އަޅުގަނޑު ހަނދާންވާ ގޮތުގަ އެބަހުރި މި ބުނާ ދުންފަތާ ހެދި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި މިހާރު. އެއީ ބަޖެޓަށް ލުއިކުރަން އޭރު ކުރި އެއް މަސައްކަތް،" ނާޒިލް ވިދާޅުވި އެވެ.
ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން މި ސަރުކާރުން ވަނީ ވޭޕް މަނާ ކުރުމަށާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭން އެއް ތައާރަފުކޮށްފަ ވެ. މި ސިޔާސަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ކުރިން ނެތް، ވޭޕާއި ސިނގިރޭޓުގެ ވަގު ބާޒާރެއް ވަނީ އުފެދިފަ އެވެ.
ޑިއުޓީ ނުދައްކައި ވަގަށް ސިނގިރޭޓު އެތެރެކުރުމާއި ރާއްޖޭގައި ސިނގިރޭޓު އުފެއްދުމާއި އެއާޕޯޓު ޑިއުޓީ ފްރީ ފިހާރަތަކުން ވަގަށް ސިނގިރޭޓު ބޭރުކުރުމުގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ