އިޔަން އަށް މި ފަހަރު ލިބުނީ އެންމެ ބޭނުންވެފައި ހުރި ކާމިޔާބީ އިޔަން އަށް މި ފަހަރު ލިބުނީ އެންމެ ބޭނުންވެފައި ހުރި ކާމިޔާބީ

މިހާރު ކުރިއަށްދާ ގައުމީ ބަނޑުފިލާ ޗެލެންޖް 2025 ގެ ޖޫނިއާ މެންސް ކެޓަރަގަރީގެ ޗެމްޕިއަންކަން ލިބުމާ އެކު އެންމެ ބޭނުންވި ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ކެޓަގަރީގެ ތަށި ހޯދުމުން ވަރަށް ބޮޑު އުންމީދެއް ހާސިލްކުރެވިފައިވާ ކަމަށް އުންމީދީ ބޮޑީބޯޑަރު، އިޔަން އަހުމަދު ބުނެފި އެވެ.
މި ފަހަރުގެ ބަނޑުފިލާ ޗެލެންޖަށް އައިއިރު، ޖޫނިއާ ރޭންކިން އަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން، މުހައްމަދު އަޒާން އަހުމަދު އާއި އިޔަން، ކޮންމެ އެތުލީޓަކު މުބާރާތެއް ނަގާފައި އޮތުމުން، ގައުމީ ބަނޑުފިލާ ޗެމްޕިއަންޝިޕް ނަގާ އެތުލީޓަކަށް ޖޫނިއާ ލީގު ރޭންކިން ކުރި ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. މުބާރާތަށް އައިއިރު، އިޔަން އާއި އަޒާން އަށް ވެސް ޖޫނިއާ ރޭންކިންގައި ލިބިފައިވަނީ، 1860 ޕޮއިންޓެވެ.
އިޔަން ވަނީ ޖޫނިއާ ފައިނަލު ހީޓުގައި، 3.17 ޕޮއިންޓުގެ ފަރަގަކުން މުޅިން އަލަށް މި ލެވަލްގެ މުބާރާތެއްގައި ވާދަކުރި ށ. ކަނޑިތީމުގެ އަބްދުލް އަހަދު ބަލިކޮށްފަ އެވެ. އިޔަން، ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، 12.10 ޕޮއިންޓް ސްކޯކޮށްގެންނެވެ. އިޔަންގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 6.50 ޕޮއިންޓާއި 5.60 ޕޮއިންޓެވެ. އަހަދު ވަނީ، އެންމެ ރަނގަޅު ދެ ރާޅުގައި، 4.50 ޕޮއިންޓާއި 4.43 ޕޮއިންޓް ސްކޯކޮށްފަ އެވެ.
"އިޔަން ހަމަ ވަރަށް ގިނަ ދުވަސް ބޭނުންވެފައި ހުރި ޓައިޓަލްއެއް މިއީ. ޖޫނިއާސް ލީގު ޓައިޓަލް، އެއާ އެކު މި މުބާރާތުގައި (ގައުމީ ބަނޑުފިލާ ޗެލެންޖްގައި) ވެސް ޖޫނިއާ މެންްސްގެ ކޮމްޕެޓިޝަން މޮޅުވީމަ ވަރަށް އުފާވޭ. ދެން، މެންސް (އޯޕަންސް)ގައި އެހާ ރަނގަޅަކަށް ނޫން ދިޔައީ، އެކަމު ބެޑަ ދޭން އެކްސްޕެކްޓެޑް (ހީކުރި ވަރަށް ވުރެން ރަނގަޅު) ކުއާޓާ އިން ކެޓީ. އެކަމު ޖޫނިއާ (ލީގު ޓައިޓަލް) މިއީ، އިޔަން ދެތިން އަހަރު ހަމަ ވަރަށް ބޭނުންވެފައި ހުރި އެއްޗެއް ލިބުނީމަ ވަރަށް އުފާވެފައި މި ހުރީ،" އިޔަން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އިޔަން، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ: އިޔަން ވަނީ ޖޫނިއާ ލީގު ޗެމްޕިއަންކަން ލިބުމަކީ ތިން އަހަރު ދުވަހު ކުރި އުންމީދެއް ހާސިލްވީ ކަމަށް ބުނެފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ / ނައުޝަމް ވަހީދު
އިޔަން ވަނީ މިދިޔަ އަހަރު ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިޔަން މި ފަހަރު އެ ކެޓަގަރީގައި ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ ގޮތުން، ކުއާޓާގައި، އިޔަން އާއި އާމިން އުމަރު މޫސާގެ މެދުގައި ދިޔައީ ވާދަވެރި ހީޓެކެވެ.
މުބާރާތުގައި ފޯރިގަދަކޮށް ދިޔަ އެއް ހީޓުގެ ގޮތުގައި ފާހަގަކުރެވޭ އެ ހީޓުގައި، އިޔަން އަތުން އާމިން މޮޅުވީ، 0.14 ޕޮއިންޓުގެ ފަރަގުންނެވެ. އާމިން، 12.00 ޕޮއިންޓް ހޯދިއިރު، އިޔަން އަށް ވަނީ 11.86 ޕޮއިންޓް ލިބިފަ އެވެ. އާމިން އެންމެ ރަނގަޅަށް ސްކޯކުރި ދެ ރާޅުން، 5.00 ޕޮއިންޓާއި 7.00 ޕޮއިންޓް ހޯދިއިރު، އިޔަން އެންމެ ރަނގަޅަށް ސްކޯކުރި ރާޅުތަކުން ހޯދީ 6.33 ޕޮއިންޓާއި 5.53 ޕޮއިންޓެވެ.
"(އާމިންއާ ވާދަކުރި) އެ ހީޓު ވަރަށް ސަޅި ދެން، އިޔަން، އަބަދު ވެސް ބޮލުގައި އިނީ، އިޔަން އަށް އާމިންއާ އެއްކޮށް ލީގެއް ނަގަން، އެހެންވީމަ، މި ލީގު އާމިން އަށް ލިބިއްޖިއްޔާ، އިޔަން ވަރަށް އުފާވާނެ، އާމިން އަކީ އިޔަންގެ ބޭބެ އެއް ކަހަލަ މީހެއް، ވަރަށް އުފާވޭ،" އިޔަން ބުންޏެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގައި ބާކީ އޮތީ މާސްޓާސް ޑިވިޝަނާއި ޑްރޮޕްނީގެ ސެމީ ފައިނަލާއި ފައިނަލް ހީޓުތަކެވެ. އެ ހީޓުތައް އޮތީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ