ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލައި މަގާމުން ވަކިކުރަނީ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ޖުޑީޝަރީ ގެނައުމުގެ ބޭނުމުގައި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒު ފަހުމީގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
މި މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވައިފަ އެވެ.
އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސުއޫދު އެކްސްގައި ލިޔުއްވި ގޮތުގައި ސިވިލް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"މިއީ އަދުލު އިންސާފުގެ ނިޒާމުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ރޭވިގެން ކުރާ މަސައްކަތްތަކެއް. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ވާން ޖެހޭ. އެ ފަނޑިޔާރުން މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ސިޔާސީ މަގްސަދެއްގައި ހިންގާ މައްސަލަތަކެއް،" ސުއޫދު ލިޔުއްވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ ރިޓަޔާ ކުރައްވަން ނިންމަވާފަ އެވެ. ނިޔާޒަކީ ޖޭއެސްސީގެ މެންބަރެކެވެ.
ބައެއް ފަނޑިޔާރުންނަށް ރިޓަޔާ ކުރުމަށް ޕްރެޝަރު ކުރިމަތި ކުރުވަމުން އަންނައިރު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދަނީ ޖުޑީޝަރީގައި ތިބި މިނިވަން އަޑުތައް އެއްކޮށް ކަނޑުވާލުމަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރަނީ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ޖުޑީޝަރީ ގެނައުމަށް: ސުއޫދު ހައި ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރަނީ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ޖުޑީޝަރީ ގެނައުމަށް: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ