ބޭނުމީ އެއާޕޯޓާއި ހިއްކި ބިން ނުވަތަ ސިއްހަތާއި ތައުލީމުތޯ؟ ބޭނުމީ އެއާޕޯޓާއި ހިއްކި ބިން ނުވަތަ ސިއްހަތާއި ތައުލީމުތޯ؟

އަދު ދުނިޔޭގައި ތިބި އެންމެނަށް ވުރެ އެ ނިކަގަސް ދޮއްޓެވެ. އެއީ ރާއްޖޭގެ މޫސުމާއި ބަދަލުވަމުންދާ ތާރީހާއި ސަގާފަތުގެ ބަޔެކެވެ. އެ ހުރި ގޮތަށް ބަހައްޓައިފި ނަމަ، އަހަރުމެން އެންމެން މަރުވާ ފަހުން ވެސް އެ ނިކަގަސް ދުނިޔޭގައި ހުންނާނެ އެވެ. ވިލިނގިލީގައި ހުރި އެ ނިކަގަހަކީ ދިވެހިންނަށް ވުރެ "ދިވެހިވަންތަ" ގަހެކެވެ.
ނަމަވެސް އެ ގަސް މާ ގިނަ ދުވަހަކު ދެން ދުނިޔެއަކު ނުހުންނާނެ އެވެ. ސަބަބަކީ، ގާތްގަނޑަކަށް ފަންސާހަކަށް މީހުންގެ ސިޔާސީ ބައްދަލުވުމެއްގައި، އެ ގަސް ކަނޑާލަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނެގި ވޯޓެވެ.
"ރައްޔިތުން ބޭނުންވާ ގޮތް އަންގާލަދެއްވަންވީ ނޫންތޯ؟ އެ ގަސް އެތަނުން ނަގަން ބޭނުންފުޅުވާ ބޭފުޅުން އަތްޕުޅު ހިއްލަވާލަދެއްވާ! އެހެންވީމާ، އިއްތިފާގުން ގާތްގަނޑަކަށް ފާސްމިވީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ،" ނޮވެމްބަރު 23، 2025، ގައި މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއީ މިއަދުގެ ހަގީގަތެވެ. އެ ނިކަގަހަކީ އެންމެ މިސާލެކެވެ. އަހަރުމެން މިއަދު ބޭނުމީ، ގަހުން ލިބޭ ހިޔަލުގެ ބަދަލުގައި ތާރު އެޅި މަގެކެވެ. އަހަރުމެން ބޭނުމީ ކުޅީގެ ބަދަލުގައި އެއާޕޯޓެކެވެ. ފަރުގެ އާދަޔާ ހިލާފު ބަގީޗާތަކުގެ ބަދަލުގައި ހިއްކި ބިމެވެ.
އެ ހަގީގަތް އެންމެ ބޮޑަށް ސާފުވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއަށް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އަންނަ އަހަރުގެ ބަޖެޓަށް ފުންކޮށް ވިސްނާލުމުންނެވެ. ބަޖެޓުނުން ފެންނަނީ ދިރިދިރި އޮތް ގައުމެއް މަރުވާ މަންޒަރެވެ. އެ ބަޖެޓުން ފެންނަނީ އިންސާނީ ތަރައްގީގެ ބަދަލުގައި ކޮންކްރީޓަށް އިސްކަން ދެވޭ މަންޒަރެވެ.
ބަޖެޓުގެ ހަގީގަތަށް ބަލާއިރު، އަހަރުމެންގެ ފައިސާ އާއި ރައުސުލްމާލު ހަރަދު ކުރުން އެންމެ ރަނގަޅީ "ތަރައްގީގެ" ޕްރޮޖެކްޓުތަކަށް ކަމަށް އަހަރުމެންނަށް ގަބޫލު ކުރެވެ އެވެ. ދަރިންނަށް ކިޔަވައިދޭން ހޭދަ ކުރާ ފައިސާއަށް ވުރެ ބިން ހިއްކުމަށް ހަރަދު ކުރުން އަހަރުމެންނަށް މުހިންމެވެ. ސިއްހަތަށް ހަރަދު ކުރުމަށްވުރެ ރަނގަޅީ، މި ރަށުގައި ވެސް އެއާޕޯޓެއް އަޅައިލުމެވެ.
ދިވެހިރާއްޖެއަކީ ބިން ހިއްކާ ގައުމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ބިން ހިއްކަނީ ދިވެހިރާއްޖޭގަ އެވެ.
ނިއު ޒިލޭންޑުގެ ޔުނިވާސިޓީ އޮފް އޮކްލޭންޑުގެ ދެ ސައިންޓިސްޓުން އަދި ކެނެޑާގެ ޔުނިވާސިޓީއެއްގެ ސައިންޓިސްޓަކު 2021 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، 2000 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު، ދުނިޔޭގެ އަތޮޅުތަކުގެ ބިމަށް 61 އަކަ ކިލޯމީޓަރު ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން 60 ޕަސެންޓު ބިން އިތުރުވީ ރާއްޖޭގަ އެވެ.
ބިން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބިން ހިއްކުމެވެ. ރާއްޖޭގައި ވެސް ބިން އިތުރުވެފައި ވަނީ ބިން ހިއްކުމުގެ ސަބަބުންނެވެ. ރާއްޖޭގައި، 2007 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެދާ ހަމައަށް ބިން ހިއްކުމުގެ 52 ޕްރޮޖެކްޓު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ހައުސިން މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1404 ހެކްޓަރުގެ ބިން ރާއްޖޭގައި ވަނީ ހިއްކައިފަ އެވެ. އެއީ 14 އަކަ ކިލޯމީޓަރުގެ ބިމެވެ. އެއީ މ. މަޑުއްވަރި އާއި އެ އަތޮޅު ދިއްގަރުގައި ހިއްކި ބިން ނުހިމަނަ އެވެ.
ހިއްކައި ނިމިފައި ހުރި ބިންތަކަށް ބަލާއިރު، އެ ބިންތަކުގެ ބޮޑު ޕަސެންޓޭޖެއް ބޭނުން ނުކޮށް އޮންނަ ކަމަށް ދައްކަ އެވެ. ހިއްކި ބިމުގެ ތެރެއިން ކ. މާފުއްޓާއި، އެ އަތޮޅު ގުރައިދޫ އާއި ރ. ދުވާފަރު އަދި ގއ. ދާންދޫގައި ހިއްކި ބިންތައް މިއަދާ ހަމައަށް ވެސް ހުރީ އެއްވެސް ވަރަކަށް ބޭނުން ނުކޮށެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ހިއްކި ބިންތަކުގެ ތެރެއިން 100 ޕަސެންޓު ބޭނުން ކުރެވެނީ ވެރި ރަށް މާލެއިން ހިއްކި އިންޑަސްޓްރިއަލް ޒޯން އެކަންޏެވެ. ދެން އެންމެ ބޮޑަށް ބޭނުން ކުރެވެނީ ތ. ވިލުފުއްޓެވެ. ވިލުފުށީގެ ހިއްކި ބިމުގެ 80 ޕަސެންޓު ބޭނުން ކުރެ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ޕިކްނިކު ދާން ހެދި ކ. ކުޑަގިރީގެ ވެސް 70 ޕަސެންޓު ބޭނުން ކުރެ އެވެ.
ހިއްކި ބިންތަކުގެ ތެރެއިން އެވްރެޖުކޮށް ބޭނުން ކުރެވެނީ އެންމެ 20 ޕަސެންޓު ބިމެވެ. އަދި ހިއްކި ތަންތަނުގެ ތެރެއިން އާންމުކޮށް ބޭނުން ކުރެވެނީ އެންމެ 10 ޕަސެންޓު ބިމެވެ.
މި ރާއްޖޭގައި މިވަގުތު 20 އެއާޕޯޓު އެބަ އޮޕަރޭޓު ކުރެ އެވެ. ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ އަދަދު 32 އަށް އުފުލޭނެ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ރާއްޖެއަކީ 137 ވަނައަށް އެންމެ އެއާޕޯޓު ގިނަ ގައުމެވެ. ނިސްބަތުން އެންމެ އެއާޕޯޓު ގިނަ ގައުމަށް ކުރިމަގުގައި ރާއްޖެވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު ވެސް، ރާއްޖޭގައި ދިރިއުޅޭ 530،000 މީހުންނަށް 20 އެއާޕޯޓު ބަހާލުމުން އެއީ ކޮންމެ 26،500 މީހަކަށް އެއާޕޯޓެކެވެ.
އެއާޕޯޓު އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ވެސް ހަމައެއްނުޖެހެ އެވެ. ކައިރި ކައިރީގައި އޮންނަ ދެ ރަށުގައި ވެސް އެއާޕޯޓު އަޅައިފާނެ އެވެ. ފ. މަގޫދޫ އާއި އެ އަތޮޅު މަގޫދޫގައި ވެސް އެއާޕޯޓު އަޅަނީ އެވެ. ގއ. އަތޮޅުގައި ހަތަރު އެއާޕޯޓު އެބަ އޮތެވެ.
ފުލުފުލުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާ ގިނައިން އެއާޕޯޓު އެޅުމަކީ، ރަނގަޅު ކަމެއްގެ ބަދަލުގައި ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެކެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް. ކުޅުދުއްފުށި އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް. އަދި ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް. ފައިނުގައި ވެސް އެއާޕޯޓެއް އެޅުން ރަނގަޅެއް ނޫން،" މެއި 20، ގައި ނަޝީދު ވިދާޅުވި އެވެ.
އަތުގައި ނެތް ފައިސާއިން ބޭނުން ނުކުރެވޭ ބިންތައް ހިއްކަމުން އަންނައިރު، ފެންނަ ހަގީގަތަކީ ތައުލީމާއި ސިއްހަތާއި ތިމާވެއްޓަށް ހަރަދު ކުރާނެ ފައިސާ މަދުވަމުން ދިޔުމެވެ. ރައްޔިތުންގެ މަޖިލީހުން މިފަހުން ފާސް ކުރި ބަޖެޓުން އެކަން ވަރަށް ރަނގަޅަށް ފެނެ އެވެ.
ބަޖެޓަށް ބަލާއިރު، އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކަށައަޅާފައިވާ ނިޒާމުތަކަށް ހޭދަ ކުރާ މިންވަރު ދަށްވެގެން ގޮސް 2028 އަހަރު އެ މިންވަރު ބަޖެޓުގެ އަށް ޕަސެންޓަށް ވެއްޓޭނެ އެވެ. އަދި ސިއްހަތަށް ކުރާ ހަރަދު މިންވަރު ވެސް ދެ ޕަސެންޓު ދަށްވާނެ އެވެ. އެންމެ ބޮޑަށް މަދުވާނެ ކަމަށް ބެލެވެނީ ސިއްހަތަށް ކުރާ ހޭދަ އެވެ. ސިއްހަތަށް ކުރާ ހޭދަ ދެ ޕަސެންޓު މަދުވާނެ ކަމަށް ބެލެވެ އެވެ.
ސިއްހަތާއި ތައުލީމު ފަދަ ދާއިރާތަކަށް މިހާރު ވެސް ހޭދަ ކުރަނީ ނިސްބަތުން ވަރަށް މަދުންނެވެ. އެ ދާއިރާތައް ކުރިއެރުވުމަށާއި ތަރައްގީ ކުރަން ބަޖެޓުގެ ތެރެއިން ހޭދަ ކުރެވެނީ ވަރަށް މަދު އަދަދެކެވެ. މިސާލަކަށް ތައުލީމީ ދާއިރާއަށް ހާއްސަ ބަޖެޓުގެ 70 ޕަސެންޓަކީ މުވައްޒަފުންގެ މުސާރަ އެވެ.
"ދިވެހި އިގްތިސާދުގެ ނާޒުކު ކަމުން އިޖްތިމާއީ ދާއިރާތަކަށް ކުރެވޭ ހަރަދުތަކަށް ތާށިމަކެއް އައިސް، އަސާސީ ދާއިރާތަކަށް ކުރެވޭ އިންވެސްޓުމަންޓުތައް ދަނީ މަދުވަމުން. މިއީ ލޯނު ދެއްކުމަށް ކުރަންޖެހޭ ހޭދަ ދެ ގުނަވުމާއެކު ކުރިމަތިވާ ދަތިތަކެއް،" ބިލްޑިން ފިއުޗާސް ގެ ނަމުގައި ނޮވެމްބަރު، 2025، ގައި ޔުނިސެފް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ދަރަނީގެ ވާހަކަ އާއި ކޮންކްރީޓު ތަރައްގީގެ ވާހަކަ ވެސް އެންމެ ފުރިހަމަކޮށް ދެއްކީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ކޮންކްރީޓު ތަރައްގީއަކީ ގިނަ ފަހަރު ދަރަނި ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝިއާރަކަށް ވާންވީ "އެހަށް މަޑުކޮށްލާ" ކަމަށެވެ.
"ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް ހަތަރު، ފަސް އަހަރަށް ހުއްޓާލުން މުހިންމު. ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ 'އެހަށް މަޑުކޮށްލާ'. ދެން ވެރިކަމަށް އަންނަ ރައީސްއެއް ވައުދު ވާންވީ މަޑުޖެހިލާން. ކޮންކްރީޓަކީ ތަރައްގީއެއް ނޫން. އެއީ ގިނަފަހަރު ދަރަނި،" އޮކްޓޯބަރު 17، ގައި ނަޝީދު ވިދާޅުވި އެވެ.
~~
ރާއްޖޭގެ މިއަދުގެ ހަގީގަތީ، ސިޔާސަތާއި ގައުމުގެ ކުރިމަގު ބައްޓަންވެފައި އޮންނަނީ ވޯޓަށެވެ. ތިމާވެއްޓާއި ގައުމަށް ކިތަންމެ ގެއްލުންވި ނަމަވެސް ވޯޓު ލިބެންޏާ ތި ރަށުގައި ވެސް އެއާޕޯޓެއް އަޅައިދޭނެ އެވެ. އެއާޕޯޓު އަޅަނީ ރައްޔިތުން އެކަމަށް އެދި، ބޭނުންވާތީ އެވެ.
އެއާޕޯޓު އެޅުން ފަދަ "ގެއްލުންދެނިވި ތަރައްގީ" ހުއްޓޭނީ އެކަމަށް ބޭނުންވުން ވެސް ހުއްޓިގެންނެވެ. އެއާޕޯޓާއި ހިއްކި ބިމުގެ ބަދަލުގައި ވިސްނަންވީ ތައުލީމާއި ސިއްހަތަށެވެ. ހަމައެކަނި މިއަދަށް ވިސްނުމުގެ ބަދަލުގައި ވިސްނަންވީ 100 އަހަރު ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ