ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ހއ.ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު، ހއ.ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
އެގޮތުން ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ’ކަލެކްޝަން ޕޮއިންޓް’ގެ ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެމަނިކުފާނުގެ މި ވަޢުދުފުޅާއެއްގޮތަށް މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ފަށައި މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ޚިދުމަތްލިބޭގޮތް ވަނީ ހަދާފައެވެ. 
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ