ލަންކާގައި އިތުރަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު ބޮޑުވެއްޖެ

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފި އެވެ.
ލަންކާގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 618 އަށް އަރައިފަ އެވެ. 
އޭޝިއާގެ އެހެން ގައުމުތަކުގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 1،800އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން އިއްޔެ ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދިގުލައި ވާރޭ ވެހޭ މިންވަރު އިތުރުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭގެ ތެރޭގައި މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދުތަކާއި އުތުރު ހުޅަނގުގެ މެދުތެރޭގެ ސަރަހައްދު ހިމެނޭ ކަމަށެވެ.
މިދިޔަ ހަފްތާގައި އެރި 'ދިތުވާ' ތޫފާންގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގެ ސަބަބުން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މިއީ ގަރުނެއްގެ ތެރޭގައި ލަންކާއަށް އެރި އެންމެ ބޮޑު ތޫފާނެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން އެކަހެރިވެފައިވާ މީހުންނަށް އެހީވުމަށް ހެލިކޮޕްޓަރާއި މަތިންދާބޯޓު އިއްޔެ ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
ލަންކާގެ ވައިގެ އަސްކަރިއްޔާއިން އިއްޔެ ބުނީ މިޔަންމާއިން ފޯރުކޮށްދިން ތަކެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭން ފަށާާފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 618އަށް އަރައިފަ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު ވަނީ 209އަށް އަރައިފަ އެވެ.
ޑީއެމްސީން ބުނީ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 225،000 އިން 100،000އަށް ދަށް ކުރެވިފައިވާ ކަމަށެވެ.
ޑީއެމްސީން ބުނީ 75،000އަށް ވުރެ ގިނަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި 5،000އަށް ވުރެ ގިނަ ގެދޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.
އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރިކަވަރީ އާއި ރީކޮންސްޓްރަކްޝަނަށް 7 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނީ ލަންކާ އަލުން އާރާސްތުކުރުމަށް އިތުރު 200 މިލިއަން ޑޮލަރު ދިނުމަށް ލަންކާއިން އެދުމުން އެކަމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ