އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މެންބަރު ނިޒާރުގެ ނުރުހުން ފެނަކައަށް އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މެންބަރު ނިޒާރުގެ ނުރުހުން ފެނަކައަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުކުރެވޭތީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިސްމާއިލް ނިޒާރު ނުރުހުން ފާޅުކޮށްފި އެވެ.
ފޭސްބުކްގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިގެ އިސްވެރިންނާ އެކި ގޮތްގޮތަށް ވަރަށް ވާހަކަދެއްކިއްޖެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރާނެ ކަމަށް ބުނެ ތަފާތު އެކި ތާރީހުތައް ވެސް ދިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އަމަލީ އެއްވެސް ސިފައެއް ނާންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުން މިގޮތަށް ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، މިކަމަށް ފިޔަވަޅު އަޅައި ވަގުތުން މިކަން ހައްލު ކޮށްދެއްވުމަށް އަޅުގަނޑު ގޮވައިލަން،" ނިޒާރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޕަވާ ސްޓޭޝަނަށް ފެނަކައިން މި ފަހުން ގަތް ޖަނަރޭޓަރުތައް ގެންގޮސްގެން ކަރަންޓު ދޭން ފެށުމާ ގުޅިގެން ކަރަންޓު ނުކެނޑޭތާ ދުވަސްތަކެއް ވީފަހުން ރޭ ދަންވަރު އަނެއްކާ ވެސް އެ ހުރިހާ ރަށްތަކުން އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ކަރަންޓު ކެނޑުނީ ގަޑިއެއްހާއިރަށް ކަމަށެވެ. ނަމަވެސް ކަރަންޓު ދާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ ދަންވަރު 2:00 ހާއިރު ނިދާފައި ތިއްބާ ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުނީ، އެ ގަޑީގައި އެއްވެސް މީހަކަށް ނުގުޅޭ، އެހެންވެ ނޭނގެ ކީއްވެ ކަމެއް ކަރަންޓު ދިޔައީ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން ވަނީ އައްޑޫ ހިމެނޭހެން ރާއްޖޭގެ ތަފާތު އެކި ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައި ހުރީ ބާ ޖެނެރޭޓަރުތަކެއްކަން އެނގިފަ އެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ވެސް މިހައިތަނަށް ފެނަކައިން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ