ޕްރޮސެސްކުރި އެއްގަމު މަހުން އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑު ޕްރޮސެސްކުރި އެއްގަމު މަހުން އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑު

ލަންޗަން މީޓްގެ ދެތިން ފޮތި ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްގަމު މަސްކޮޅެއް ލައިގެން ސޭންޑްވިޗެއް ހަދާލައި، އެއަށް އިތުރު ސޯސްތަކާއި ތަރުކާރީ އަޅާލައިގެން، ހެނދުނުގެ ކޮފީ ޖޯޑާ އެކުގައި ނާސްތާކޮށްލާއިރު އަނގަޔަށް ވަރަށް މީރެވެ. އިސާހިތަކު ބަނޑު ފުރި ދުވަހުގެ މަސައްކަތަށް މީހާގެ ވިސްނުން ސީދާވެއެވެ.
އެހެން ނަމަވެސް، ސައެންސްވެރިން މި ދައްކާ ވާހަކައަކުން އަދި އިތުރަށް ވިސްނާލަން އެބަޖެހެއެވެ. ދިރާސާއިން ދައްކާ ގޮތުގައި ޕްރޮސެސްކުރި އެއްގަމު މަސް، ނުވަތަ ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓޭ ގޮތަށް އުފައްދާފައި ހުންނަ އެއްގަމު މަސް، އާންމު ގޮތެއްގައި ކާ ނަމަ، އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ކްލިނިކަލް ނިއުޓްރިޝަން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެ ބާވަތުގެ މަސް ބޭނުން ނުކުރާ އަންހެނުންނާ އަޅައި ބަލާއިރު، ޕްރޮސެސްކުރި އެއްގަމު މަސް، އާންމު ގޮތެއްގައި ބޭނުންކުރާ މީހުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 57 ޕަސެންޓް އިތުރެވެ. ހަފުތާއަކު އެއްފަހަރު ނަމަވެސް، މި ބާވަތުގެ އެއްގަމު މަސް ކެއުމުން، ކެންސަރުގެ ފުރުސަތު ބޮޑުވެއެވެ.
މިއީ އިނގިރޭސި ވިލާތުގައި ކުރި ދިރާސާއެކެވެ. އެހެންކަމުން މި ދިރާސާގައި ތަހުލީލުކޮށްފައިވަނީ، އިނގިރޭސީން އާންމުކޮށް ހެނދުނުގެ ނާސްތާގައި ބޭނުންކުރާ އެއްގަމު މަހުގެ ބާވަތެއް ކަމަށްވާ އޫރުމަހުގެ އުފެއްދުންތަކެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި މިއީ މަހުގެ ބާވަތާ ގުޅިފައިވާ މައްސަލައެއް ނޫނެވެ. ހަގީގީ މައްސަލަ ގުޅިފައިވަނީ މިބާވަތުގެ މަހުގެ އުފެއްދުންތައް ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންކޮށްފައި ހުންނަ ވަކި މާއްދާތަކަކާއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި ދަޅުގައި ބަންދުކުރި އެއްގަމު މަހުން އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 50 އަހަރުން މަތީގެ އަންހެނުންނަށެވެ. މި މައްސަލައިގެ ހަގީގީ ސަބަބަކީ ސޯޑިއަމް ނައިޓްރޭޓް ކިޔާ މާއްދާއެކެވެ. މިއީ، ދަޅުގައި ބަންދުކުރި އެއްގަމު މަސް ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓުމަށް، އާންމު ގޮތެއްގައި ބޭނުންކުރާ ކެމިކަލް މާއްދާއެކެވެ. ލޭގެ ތެރެއަށް ސޯޑިއަމް ނައިޓްރޭޓް ދިޔުމުން، ކެންސަރު ޖައްސާ މާއްދާތައް ހަށިގަނޑުގައި އުފެދެން ފަށައެވެ.
ދިރާސާކުރާ މީހުން ބުނާ ގޮތުގައި އެއްގަމު މަހަކީ އޭގެ ޒާތުގައި ކެންސަރަށް މަގު ފަހިކުރާ އެއްޗެއް ނޫންކަން ވެސް ދިރާސާއިން ފާހަގަވިއެވެ. އެކަން އެނގެނީ، ސޯޑިއަމް ނައިޓްރޭޓް ބޭނުންނުކޮށް ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްގަމު މަސް ކާ މީހުންގެ ހަށިގަނޑުން އުރަމަތީ ކެންސަރުގެ އަސަރު ނުފެންނާތީއެވެ. އެހެންކަމުން، މިއީ ސޯޑިއަމް ނައިޓްރޭޓްއާ ގުޅިފައިވާ މައްސަލައެއް ކަމަށް ސައެންސްވެރިން ދެކެއެވެ.
މި ބާވަތުގެ ވިހަ މާއްދާތަކާ މެދު ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ ކޯލިޝަން އެގޭންސްޓް ނައިޓްރޭޓްގެ ތަރުޖަމާނު ވިދާޅުވާ ގޮތުގައި، މިފަހަރު ކުރި ދިރާސާގެ ނަތީޖާއިން ވެސް، ސޯޑިއަމް ނައިޓްރޭޓް ބޭނުންކޮށްގެން ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހާއި އުރަމަތީ ކެންސަރާ ދެމެދު ގުޅުމެއް ވާ ކަމަށް ކުރިން ކުރެވުނު ތުހުމަތަށް ބާރު ލިބެއެވެ.
މި ދިރާސާ ހަދާފައިވަނީ ދެކުނު ކޮރެއާގެ ސޯލް ޔުނިވަސިޓީގެ ފަރާތުންނެވެ. މި ދިރާސާގައި އުމުރުން 40-69 އަހަރުގެ 71000 އަންހެނުން ބައިވެރިކޮށް މައުލޫމާތު އެއްކުރިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ކަނޑައަޅާފައި އޮންނަ ގޮތުގައި، ކާސިނަޖެން ގުރޫޕް އެކެއްގައި ހިމެނެނީ ދަޅުގައި ބަންދުކުރި އެއްގަމު މަހުގެ ބާވަތްތަކެވެ. ކާސިނަޖެންއަކީ އިންސާނާގެ ހަށިގަނޑުގެ ދިރޭ ޓީޝޫތަކަށް ކެންސަރު ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ މާއްދާއެކެވެ.
އިނގިރޭސި ވިލާތުގެ ބަޔޯބޭންކުން 2018 ވަނަ އަހަރު ކުރި ދިރާސާއެއް، ޔޫރަޕިއަން ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވެއެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ދަޅުގައި ބަންދުކުރި އެއްގަމު މަސް ކެއުމަކީ އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ވަރަށް ބޮޑުވާ ކަމެކެވެ. ވަކިން ހާއްސަކޮށް އިއްދައިން ކެނޑިފައި ތިބޭ އަންހެނުންނަށް މިކަމުގެ ނުރައްކާ ބޮޑުކަމަށް ދިރާސާއިން ދައްކައެވެ.
އިނގިރޭސި ވިލާތުގައި އެކަނިވެސް، އަހަރަކު 55000 އަށް ވުރެ ގިނަ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހެއެވެ. އުރަމަތީ ކެންސަރު ޖެހުމުގައި ވިރާސީ އެތައް ސަބަބެއް ވެސް ހިމެނޭއިރު، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި ކައިބޮއިއުޅޭ ތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމަކީ ވެސް އުރަމަތީ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ