ރައީސް މުހައްމަދު މުއިއްޒު ހއ. އިހަވަންދޫއަށް ވީ ގިނަ ވައުދުތަކުގެ މަސައްކަތް ނުފެށި އޮތްވައި، އެ ވައުދުތައް ފުދެމުންދާ ކަމަށާއި އެއީ އިހަވަންދޫ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ އިހަވަންދޫ ބައެއް މީހުން ރޭ ހުޅުމާލޭގައި ބޭއްވި ބާބަކިޔޫއެއްގައި ބައިވެރިވުމަށް ފަހު، އެ ފޮޓޯތަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އިހަވަންދޫ ޒުވާނުން ބޭއްވި BBQ އެއްގައި މިރޭ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުދެމުންދިޔުމަކީ ރައްޔިތުން އުަފަލާއެކު ބަލައިގަންނަ ކަމެއް،" ސައީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިހަވަންދޫ އަށް ގިނަ ވައުދުތަކެއް ވެފައިވެ އެވެ. އޭގެ ތެރޭގައި މަސް ފެކްޓްރީ އާއި ހޮސްޕިޓަލާއި ކުޅިވަރު ކޮމްޕްލެކްސްގެ އިތުރުން ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ކުނީގެ މައްސަލަ ހައްލުކޮށް ދިނުން ވެސް ހިމެނެ އެވެ.
ނަމަވެސް މި ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ނުވެސް ފެށެ އެވެ.
"މިނިސްޓަރު ސައީދު ވިދާޅުވިޔަސް ރައްޔިތުން ތިބީ އުފަލަކުން ނޫން. ގިނަ މަސައްކަތްތައް ނުވެސް ފަށާ. ހަމައެކަނި ކުރިއަށް ދަނީ މަގުހެދުމުގެ މަސައްކަތް. އެވެސް ވަރަށް މަޑު ދުވެލީގައި،" އިހަވަންދޫގެ އިސް ވަޒީފާއެއްގައި ހުންނެވި މީހަކު ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ވީ ވައުދުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ނުފެށި އޮތްވައި، އެ ރަށަށްވީ އެންމެ ބޮޑު އެއް ވައުދުތަކުގައި މަސް ފެކްޓްރީގެ ތަފުސީލް، މި އަހަރުގެ ޖެނުއަރީ މަހު އެ ރަށަށް ވަޑައިގެން ރައީސް މުއިއްޒު ދެއްވި އެވެ.
ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫއުގެ މަސައްކަތް މެއި މަހު ފެށޭނެ ކަމަށާއި 18 ދުވަހުގެ ތެރޭގައި ނިމެނޭކަމުގެ ޔަގީންކަން އެ ދަތުރުގައި ރައީސް ދެއްވި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.
އެ މަޝްރޫޢުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ގާއިމްކުރެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ މަޝްރޫއުއަށް 474 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅައިދޭން ވެސް މުއިއްޒު ވައުދުވެފައިވެ އެވެ. އަދި އިސްލާމީ މަރުކަޒެއް ވެސް އަޅަން ވައުދުވެފައިވެ އެވެ.
އިހަވަންދޫ ބަނދަރު
އިހަވަންދޫ އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުނީ އެމްޑީޕީ ސަރުކާރު ބަދަލުކުރުމަށް ޕީއެންސީން އެންމެ ބޮޑަށް ދެއްކީ ބަނދަރުގެ ވެއްޓިފައިވާ ޖެޓީ ހެދުމާއި ނެރު ބަދަލުކުރުމުގެ މަސައްކަތުގެ ވާހަކަ ކަމަށާއި އެތަން މިނިސްޓަރު ސައީދު ތިން ފަހަރު ބައްލަވައިފި ކަމަށެވެ.
"ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ސައީދު ހެއްދެވީ ދޮގެއް، އިހަވަންދޫއަށް ވީ ވައުދުތަކުގެ މަސައްކަތް ކުރިއަކަށް ނުދޭ ސައީދު ހެއްދެވީ ދޮގެއް، އިހަވަންދޫއަށް ވީ ވައުދުތަކުގެ މަސައްކަތް ކުރިއަކަށް ނުދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ