އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުން: އަންހެނުން އަހަރަކު އެއް ފަހަރު މެމޮގްރާމް ހަދަން ސާޖިދާގެ އިލްތިމާސެއް
ހުރިހާ އަންހެނުން، ޚާއްސަކޮށް 40 އަހަރުން މަތީގެ އަންހެނުން އަހަރަކު އެއް ފަހަރު މެމޮގްރާމް ހެއްދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، "ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ކަމަނާގެ ވާހަކަފުޅުގައި، ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެން މީހުންނަށް ހިތްވަރު ހޯދޭކަން ފާހަގަކުރެއްވިއެވެ. އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ. ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫން ކަމަށާއި އެއީ ހައްގެއްކަން، އެންމެހާ އަންހެނުންނަށް، އެ ކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ. ވީމާ، 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއް ފަހަރު މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެ ތިބުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން ސާޖިދާ ވަނީ ސިއްހީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ޚާއްސަކޮށް އެކި ބަލިބައްޔަށް ޚާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. "ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" އަކީ، ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، އެ ދާއިރާގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމަށް ފުރުސަތު ދޭ އިވެންޓެކެވެ. ހަމަ އެއާއެކު، މިއީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޝާމިލު ގޮތުގައި ފަރުވާދިނުމާއި، ބަލި ޖެހުމުގެ ހިރާސް ދެނެގަތުމުގެ އިސްތިރާޖުތަކާއި، ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ބާއްވާ މަހާސިންތާއް ވެސް މެއެވެ. މި އަހަރުގެ މަހާސިންތާގެ ޝިއާރަކީ، "ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ