ރާއްޖެ އަށް ދަތުރުތައް ބާއްވަމުން އަންނަ ކަޒަކަސްތާންގެ، އެއާ އެސްޓާނާގެ އޮޕަރޭޝަންތައް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
މިކަން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެއާ އެސްޓާނާ އަކީ ޓާމިނަލް 1 އަށް ހިދުމަތްތައް ބަދަލުކުރި 15 ވަނަ އެއާލައިނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އަމާޒަކީ ކުރިއަށް ޓޫރިޒަމްގެ ޕީކް ސީޒަންގެ ކުރިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރުން ކަމަށެވެ.
އާ ޓާމިނަލުން މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާ އާއި ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް އާއި އިންޑިގޯ އާއި ގަލްފް އެއާ އާއި މެލޭޝިއާ އެއާލައިންސް އާއި ސައުދިއާ ޗޮންގްޗިންގް އެއާ އާއި ބްރިޓިޝް އެއާވޭސް އާއި ވާޖިން އެޓްލާންޓިކްގެ އިތުރުން އެއާ އެސްޓާނާ އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އެއާ އެސްޓާނާގެ އޮޕަރޭޝަންސް ވެސް އާ ޓާމިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ