އަންނަ އަހަރުގެ ބަޖެޓުގައި، އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް

ރައްޔިތުންނަކީ ރައްކާތެރި ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޅ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށާއި، ބަލިތަކުން ދުރުވެ، ބަލިތަކަށް ހުށަހެޅިފައި ނުވާ ފަދަ ގޮތަކަށް މުޖުތަމައު އޮތުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއަރ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ އެންމެ ގިނަ ބަލިތަކާ ގުޅުން އޮތް ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދި ނުގަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރިއާއި އެފަދަ ކަންކަމުގައި ޝާމިލު ނުވުމަށްވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ތަފާތު އެކި ބަލިތަކުގައި، އިންތިހާ ދަތި ހާލުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭޖެހުމަށް ލުޔެއް ހޯއްދަވައިދެއްވުމަށްވެސް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.
މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، އަތުން ހިފޭ ތަރައްގީއާއެކު ލޮލުން ފެންނަ، އަދި އިޙްސާސް ކުރެވޭ ތަރައްގީ މުހިންމުކަމުގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓް އޮންނަން ވާ ގޮތް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާއިރު، 2 ވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާއަށް ކަމުގައިވެސް، ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ