87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކުރުން ކޯޓުން ހުއްޓުވައިިފި

ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ވަނީ 136 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
ރަޖިސްޓްރީ ބާތިލުކުރި ނުވަ ވެހިކަލެއްގެ ވެރިފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ވަނީ ހުށަހެޅި މައްސަލާގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުން ގަވާއިދާ ހިލާފު ކަމަށް ކަނޑައަޅައި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.
ސިވިލް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި އެ ކޯޓުން ހުކުމްކުރުމުގެ ކުރިން އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށް އަމުރުކޮށްފަ އެވެ. އަދި އެ އުޅަނދުތަކަށް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް ވަނީ އަމުރުކޮށްފަ އެވެ.
ޓްރާންސްޕޯޓުން ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރިއިރު ބުނެފައިވަނީ އޭގެތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ޢުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވާޢިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ވަގު ލިޔުން ހުށަހަޅައިގެން ރަޖިސްޓްރީ ކުރި ވެހިކަލްތަކެއްގެ ރަޖިސްޓްރީ ވެސް ބާތިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ