އުމަރު ޒާހިރަކީ އުޒުރު ނުދައްކަވައި، ކަންކަމާއި ހަވާލުވެވަޑައިގެންނެވި ބަތަލެއް: ނާއިބު ރައީސް

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢުމަރު ޒާހިރަކީ ހަވާލުވެ ވަޑައިގަންނަވާ ކޮންމެ ކަމެއްގައިވެސް އެއްވެސް ބަހަނާއެއް އުޒުރެއް ދެއްކެވުމެއްނެތި، ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރެއްވި ޤައުމީ ބަތަލެއް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުމަރު ޒާހިރުގެ ހަނދާނުގައި މައުމޫން ފައުނޑޭޝަނުން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނަމޫނާ ޝަހުސިއްޔަތެއް" މިނަމުގައި މަރްހޫމް އުމަރުގެ ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވައި ތައްޔާރުކުރި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ އުމަރު ޒާހިރުގެ ޚިދުމަތް ނުލިބޭ އެއްވެސް ދާއިރާއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި މިއަދު ރާއްޖެއިން ފެންނަމުންދާ ތަރައްޤީގައިވެސް އުމަރު ޒާހިރުގެ ހިއްސާ ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ މަގުތަކާއި، މާލެސަރަހައްދުގެ ކުނީގެ މައްސަލަތަކާއި، ހުޅުމާލެ ހިއްކުމާއި މިނޫންވެސް އެތައް ކަމެއްގައި އަމިއްލަފުޅު އިސްނެންގެވުމަށް މަސައްކަތްތަކާއި ހަވާލުވެ ވަޑައިގެން ކަންކަން ކުރައްވައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވާފައިކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޒުވާނުން އެންމެ ބޮޑަށް އިބުރަތް ހާސިލް ކުރަންވީ ހުރިހާ ސިފަތަކެއް އުމަރު ޒާހިރުގެ ހަދާނުގައި ނެރުނު ފޮތުން ފެންނަން ހުރިކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ރިވެތި އަހުލާގާއި، ކުރާ ކޮންމެ ކަމަކީވެސް އެކަމުން އެހެން މީހުންނަށް މަންފާކުރާނެ ކަންތައްތަކަށް ހެއްދެވުމަށް ކުރެއްވި އަގުނުކުރެވޭ މަސައްކަތަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ ކޮންމެ ހިސާބަކުންވެސް ފެންނަން ހުރި ޚިދުމަތްކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
މިހަފްލާގައި ކުރީގެ ރައީސް މައުމޫންވެސް ވަނީ އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލި އަޅުވާލައި ވާހަކަ ދައްކަވާފައެވެ.
އުމަރު ޒާހިރުގެ ހަނދާނުގައި ނުރެނު ފޮތް ލިޔުއްވީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ