ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރުގައި ނަފުސާނީ ގޮތުން ދިވެހިރައްޔިތުން ބަލިކޮށްފިކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދިވެހި ރައްޔިތުން ނުދޭނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ނަފުސާނީ ބަލިތަކަށް ފަރުވާދިނުމަށް ހަރުދަނާ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ގޮވައިލާ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ޝިޔާމު ވިދާޅުވީ ބޭރު ޤައުމުތަކުގައިވެސް ކުރެވިފައިހުރި ދިރާސާތަކުން ފެންނަ ގޮތުގައި ނަފުސާނީ ބަލިމަޑުކަން އާންމުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންގެ ފުދުންތެރިކަން ދަށްވެ، އާއިލާތަކަށް ކުރަންޖެހޭ ކަންކަން ނުކުރެވުމާމެދު ވިސްނަންޖެހޭ މިންވަރު އިތުރުވުން ކަމަށެވެ.
އެ ނުތަނަވަސްކަން ކުޑަކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއަކާއި ބާރެއް އޮންނަނީ ދައުލަތަށް އަދި ސަރުކާރަށް ކަމުގައި ޝިޔާމު ވިދާޅުވިއެވެ. "މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރަންޖެހެނީ ޔަގީނުންވެސް ދައުލަތުން. ދައުލަތުގެ އެންމެ ބޮޑު ބާރަކީ ސަރުކާރު. ސަރުކާރުން މިކަންކަން ފަހިކުރަންޖެހެނީ،" ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރަކީ ރައްޔިތުންނަށް ދުއްތުރާކޮށް ދަތިކުރުމުގެ ނިޔަތް އޮތް ސަރުކާރަކަށް ކަމުގައިވާނަމަ އެ މައްސަލަތައް ހައްލުނުވާނެކަމަށާއި މައްސަލަތަކުގެ ހައްލު ފެށިގެން އަންނަނީ ސަރުކާރުގެ ނިޔަތް ރަނގަޅުކޮށް އިސްލާހުކުރާ ހިސާބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް އެމީހުންގެ ދިރިއުޅުން ތަނަވަސްކުރުމުގެ ނިޔަތް ސަރުކާރުގައި އޮންނަންޖެހޭކަމަށް ވިދާޅުވިއެވެ. ޝިޔާމު ވިދާޅުވި ގޮތުގައި މިއަދު އޮތް ދިވެހި ސަރުކާރުގައި އެކަންކުރުމުގެ ނިޔަތެއް ނެތެވެ.
އަދި ދައުލަތުގެ ހޮސްޕިޓަލުގައި އޮތް އެންމެ ދިގު ކިއުއަކީ ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކުގެ ކިއުކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މެދުގައި ނަފުސާނީ މައްސަލަތައް އިތުރުވާ އެއް ސަބަބަކީ ސަރުކާރުތަކުން ރައްޔިތުންނަށްވާ ވައުދުތައް ނުފުއްދި ހާސިލުކޮށްދޭން ބުނާ ކަންކަން ހާސިލުނުވުން ކަމަށެވެ.
އަދި ރައީސް އިބްރާހީމަށް ދިވެހިން ދެވަނަ ދައުރެއް ނުދޭނެކަމަށާއި، ދެވަނަ ދައުރެއް ނުދޭނެ މައިގަނޑު ސަބަބެއްކަމަށް ޝިޔާމް ވިދާޅުވީ ރައީސްގެ ވައުދުތައް ނުފުއްދި އެކަމުގެ ސަބަބުން ރައްޔިތުން ނަފުސާނީ ގޮތުން ބަލިވެފައިވާތީ ކަމަށެވެ.
ސަރުކާރުން ނުފުއްދި ވައުދެއްގެ މިސާލެއްގެ ގޮތުގައި ޝިޔާމު ފާހަގަކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމުގެ ވައުދެވެ. ޝިޔާމު ވިދާޅުވީ ސަރުކާރު ނިމި ދައުރު ނިމުމާ ގާތްވުމުން އެ ވައުދު ފުއްދާކަމަށް ސަރުކާރުން ދައްކަން އުޅުނަސް އެ ވައުދު ފުއްދުމުގައިވެސް ސަރުކާރުގެ އިޚުލާސްތެރިކަމެއް އަދި ހެޔޮ ނިޔަތެއް ނެތްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ރައީސް އިބްރާހީމުވަނީ ނަފްސާނީ ގޮތުން ރައްޔިތުން ބަލިކޮށްފައި: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ