ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް އެކަށޭނެ ނިޒާމެއްނޫން: އިމްރާން އަބްދުﷲ

ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް އެކަށޭނެ ނިޒާމެއްނޫންކަމުގައި ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ  ހޯމަދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ހާމަކޮށްދެއްވައިފައި ވަނިކޮށެވެ.
ރިޔާސީ ނިޒާމުގައި ހުރި ތާށީކަން ހާމަކޮށްދެއްވައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއްނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސްފިނަމަ ސިޔާސީ ހަމަނުޖެހުންގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވެ ރައްޔިތުން ބައިބައިވެ ރައްޔިތުން ހާލުގައި ޖެހުން ފިޔަވައި އިތުރު މޮޅުތަކެއް ނުވާނެކަމަށެވެ.
އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ވަރަށް ގިނަ ކާމިޔާބީތައް ވެސް ހޯދިއްޖެ ކަމަށާއި، އެގޮތުން ރަނގަޅު ޓެކްސް ނިޒާމެއް ތައާރަފްކުރެވި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ ކަމަށާއި އަދި އިޖުތިމާއީ އެތައް ކަމެއްވެސް ހައްލުކުރެވި ހިދުމަތް ދިނުން ބާރުކުރެވިއްޖެ ކަމަށެވެ. އެކަމަކު ރައްޔިތުން އެދޭ ގޮތަށް ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި ވެރިކަމުގެ އޮނިގަނޑުގެ ތާށި ހައްލުކުރެވިގެން ކަންކަން ރަނގަޅު ކުރެވޭނެ ވަރައްގިނަ ކަންކަން އަދިވެސް އެބަހުރިކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތް ބަޔަކާ އެކު ވެރިކަން ކުރަން ކޯލިޝަން ހެދުމުން ވެރިކަމުގެ ނިޒާމާއި ސިޔާސީ ނިޒާމުގެ އޮނިގަނޑު މުޅިން ހަރާބުވެ ރައްޔިތުންނަށް ކޮށްދޭންބޭނުންވާ ގިނަކަންކަން ކުރުމަށް ބޮޑެތި ތަކްލީފްތަކެއް ދިމާވާކަމަށެވެ.އެހެންކަމުން އެފަދަ ކަންކަން ދިމާނުވާނެ ގޮތަކަށް ވެރިކަމުގެ ނިޒާމު އަބުރާލަންޖެހޭކަމަށާއި، އެފަދަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވެސް އެމަނިކުފާނުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ގާނޫނުއަސާސީ އަށް ހުށަހަޅުއްވަން ރައީސް ނަޝީދު ބޭނުންފުޅުވާ އިސްލާހުތައް ހިމެނޭ ޑްރާފްޓުގައިވާ ގޮތުން ވެރިކަން ހިންގަވާނީ ބޮޑުވަޒީރެވެ. ދައުލަތުގެ އެންމެ އިސްފަރާތުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ ރަމްޒީ މަގާމެއްގަ އެވެ. އަދި ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ ހުރިހާކަމެއް ހިންގާނީ ދައުލަތުގެ ވެރިޔާ (ރައީސް ނުވަތަ ރަސްގެފާނު) ދެއްވާފައިވާ ބާރުތަކުގެ ތެރެއިން ބޮޑުވަޒީރެވެ. ކެބިނެޓް އެކުލަވާލާނީ ޕާލަމެންޓް ތެރެއިންނެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ