އައްޑޫ މީހުން އަދި ހާސްވާކަށް ނުވޭ: ނަޝީދު

އައްޑޫ ރައްޔިތުން އަދި ހާސްވާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ރޭ ބޭއްވި ކްލައިމެޓް ޗޭންޖާ ގުޅޭ ސެމިނާއަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އައްޑޫ އަށް އާދެވުމުން އުފާވާ ކަމަށާއި އައްޑޫ އަށް ވަޑައިގަންނަވަނީ ވަރަށް ޒާތީ ހައިސިއްޔަތެއްގައި އައްޑޫ ދެކެ ލޯބިވާ މީހަކަށް ވާތީ ކަމަށެވެ.
އައްޑޫގައި ކަންކަން ވުމަށް އެދޭ ކަމަށާއި ނަމަވެސް އަދި ހާސްވެ ކަންބޮޑުވާން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހާ ހާސްވެ ކަންބޮޑުވެލައްވާކަށް އަޅުގަނޑަކަށް ނުފެނެޔޭ. އަރައިނުގަނެވޭނެ ތަނެއް އަދި އަޅުގަނޑަކަށެއް ނުފެނެޔޭ، އިރާދަކުރެއްވިއްޔާ އަރައިވެސް ގަނެވޭނެ. އިރާދަކުރެއްވިއްޔާ މި ބޭނުންވާ ކަންކަން ކާމިޔާބު ވެސް ކުރެވޭނެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބޭނުން ވެގެން މި އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް ކަމަށެވެ. އެގޮތުން ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީއެއް ނުލިބޭ ކަމަށާއި މަގުގައި ދުއްވާ ކާރަށް އަޅާނެ ޕެޓްރޯލް ލިބޭނީ ވެސް އާމްދަނީއެއް ލިބިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ އާމްދަނީ ހޯދޭނެ މަގުތައް މެނިފެސްޓޯތަކުގައި އެބަ ލިޔަން. އެބަ ބުނަން ޓޫރިޒަމާއި މަސްވެރިކަމާއޭ އޮތީ. އޭގެ މާނައަކީ އެއާޕޯޓާއި ބަނދަރާއި. ސަރުކާރުން އެންމެ މުހިއްމު ކަމެއް ދީގެންކޮށް ނިންމަންޖެހޭ ދެކަން އެއީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އޭގެ ވަށައިގެން ތަރައްގީގެ އެތައް އޮއިވަރެއް ހިނގާނެ ކަމަށާއި އައްޑޫ އަކީ ވަރަށް ފޮނި އުޖާލާ މުސްތަގުބަލެއް އޮތް ތަނެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
މިއީ މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ