'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭގެ ޓްރެއިލާ 24 ގަޑިއިރު ތެރޭގައި 718.6 މިލިއަން މީހުން ބަލައިފި
ހޮލީވުޑްގެ ޒުވާން އެކްޓަރު ޓޮމް ހޮލެންޑް ލީޑް ރޯލް ކުޅެމުން އަންނަ "ސްޕައިޑަ-މޭން" ސީރީޒްގެ އާ ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ ޓްރެއިލާއަށް 24 ގަޑިއިރު ތެރޭގައި 718.6 މިލިއަން ވިއުސް ލިބި އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މިއީ މީގެ ކުރިން "ޑެޑްޕޫލް އެންޑް ވޮލްވެރިން"ގެ ޓްރެއިލާއަށް ލިބުނު 365 މިލިއަން ވިއުސްގެ ރެކޯޑް މުގުރާލި އަދަދެކެވެ. ސޮނީ ޕިކްޗާސްގެ މި ފިލްމުގެ ޓްރެއިލާ މިދިޔަ ބުދަ ދުވަހު ނެރުނުތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ޓްރެއިލާ ނެރުނުތާ އެންމެ އަށް ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 373 މިލިއަން ވިއުސް ވަނީ ލިބިފައެވެ. މިއާއެކު މި ފިލްމު ވެފައި ވަނީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ފިލްމު ޓްރެއިލާ އަށެވެ. އަދި ހަމައެހެންމެ، މިއީ ހުރިހާ ދާއިރާއަކުން ބެލިޔަސް އެންމެ މަގުބޫލު ޓްރެއިލާއެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 24 ގަޑިއިރު ތެރޭގައި 475 މިލިއަން ވިއުސް ހޯދި "ގްރޭންޑް ތެފްޓް އޮޓޯ VI' (GTA 6)" ވީޑިއޯ ގޭމްގެ ޓްރެއިލާ އަތުގައެވެ. "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"އަށް ފަހު ނެރޭ މި ފިލްމުގައި ވެސް ސްޕައިޑަ-މޭންގެ ރޯލުން ކުޅެފައި ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓޮމް ހޮލެންޑެވެ. މަލްޓިވާސްގެ ސިލްސިލާއަށް އުފެއްދި "ނޯ ވޭ ހޯމް" އަކީ ކުރީގެ ސްޕައިޑަ-މޭން އެކްޓަރުން ކަމަށްވާ ޓޯބީ މެގުއަޔާ އާއި އެންޑްރޫ ގާފީލްޑް ވެސް ފެނިގެންދިޔަ، ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. "ބްރޭންޑް ނިއު ޑޭ"ގެ ވާހަކަ ބިނާވެފައިވަނީ "ނޯ ވޭ ހޯމް"ގެ ހާދިސާތަކަށް ފަހު ހަތަރު އަހަރު ފާއިތުވެފައިވާ ދުވަސްވަރެއްގެ މައްޗަށެވެ. މި ފިލްމުގައި ޕީޓާ ޕާކާ އަކީ މިހާރު އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ ބޮޑު މީހެކެވެ. އޭނާ ވަނީ އޭނާގެ ލޯބިވާ މީހުންގެ ހަނދާނުން އަމިއްލައަށް ފުހެވިގެން ގޮސްފައެވެ. ނިއުޔޯކް ސިޓީގެ ރައްޔިތުންނަށް އޭނާގެ ނަން މިހާރު ނޭނގުނު ނަމަވެސް، އޭނާގެ މުޅި ވަގުތު ހުސްކޮށްފައި ވަނީ ސިޓީގެ ރައްކާތެރިކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކާއި އަދި ކުރިމަތިވާ ވަރުގަދަ ނުރައްކަލަކާ އެކު އޭނާގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ޓޮމް ހޮލެންޑްއާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް އޮން ބަތަލާ ޒެންޑާޔާ، ސޭޑީ ސިންކް، ޖޭކަބް ބަޓަލޯން، ޖޯން ބާންތަލް، ޓްރެމެލް ޓިލްމަން، މައިކަލް މަންޑޯ އަދި މާކް ރަފަލޯ ފެނިގެންދާނެއެވެ. ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކްރިސް މެކެނާ އާއި އެރިކް ސޮމާސްއެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކެވިން ފައިގީ، އެމީ ޕާސްކަލް، އޭވީ އަރަޑް އަދި ރޭޗަލް އޯކޯނާއެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ލޫއީ ޑި އެސްޕޮސިޓޯ އާއި ޑޭވިޑް ކެއިންއެވެ. ބޮކްސް އޮފީހުގައި ރެކޯޑު އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. "ސްޕައިޑަ-މޭން"ގެ ދެވަނަ ބަޔާއި ތިން ވަނަ ބަޔަކީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހުރަސްކުރި ދެ ފިލްމެވެ. އެގޮތުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަކީ 1.192 ބިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ. އަދި 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް"އަށް 1.133 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ