މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައާރަފުކުރި "މާލެ ޓެކްސީ" އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަޙީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
މެންބަރުގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އެޕްރީލް 2 ވަނަ ދުވަހުގެ ރޭ އިފްތިތާހު ކުރެވުނު ބަންޑާރަ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުމުގައި، ކުންފުނީގެ އުސޫލުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފައެވެ. އެގޮތުން މި މަސައްކަތުގެ ބީލަން ހުޅުވާލާފައިވަނީ ހަމައެކަނި ދައުވަތު ދެވުނު ފަރާތްތަކަށް އެކަނި ކަމަށްވާތީ، އެ ފަރާތްތައް ހޮވި މިންގަނޑާއި އެކަމަށް ކަނޑައެޅި ހާއްސަ ޝަރުތުތަކަކީ ކޮބައިތޯ ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏެއްތޯއާއި، މި މަސައްކަތުގައި އެމްޓީސީސީގެ އަމިއްލަ އައިޓީ ޑިޕާޓްމަންޓުގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ސާފުކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
ކުންފުނީގެ ހިންގުމުގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، 15 މިލިއަން ރުފިޔާއަށް ވުރެ ދަށް ނުވަތަ މަތީ އިންވެސްޓްމަންޓްތަކުގައި އަމަލުކުރަންޖެހޭ ހާއްސަ ޕޮލިސީތަކެއް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން "އިންވެސްޓްމަންޓް ރިވިއު ކޮމިޓީ" އާއި "ސްޓްރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް ކޮމިޓީ" އިން ފާސްކުރަންޖެހޭ އިޖުރާއަތްތައް މި މައްސަލައިގައި ފުރިހަމަކޮށްފައިވޭތޯ ބެލުމަކީ މުހިންމު ކަމެއްކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޓެންޑާ އިވެލުއޭޝަން ހެދުމުގައި ކުންފުނީގެ ޕޮލިސީއާ ހިލާފަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެކަން ހުއްދަދިން ފަރާތެއް ސާފުކުރުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
13 މިލިއަން ރުފިޔާގެ މި ޓެކްނިކަލް ޓެންޑަރާ ގުޅޭގޮތުން މެންބަރު އިތުރަށް ފާހަގަކުރެއްވީ، މި މަސައްކަތަށް ދައުވަތު ފޮނުވި ސަޕްލަޔަރުން ކުންފުނީގެ ދަފްތަރުގައި ހިމެނުނު ތާރީހުތަކާއި، އެ ފަރާތްތަކުގެ ތަޖުރިބާ ސާބިތުވާނެ ކިތާބީ ހެކި މަޖިލީހާ ހިއްސާކުރަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް އެމްޓީސީސީން ބޭނުންކުރަމުންދާ އާރުޓީއެލް އެޕްގައި ހުރި ބައިތައް ހިމަނައިގެން، އައު އެޕެއް ހެދުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރުމަށް ނިންމި މީޓީންގެ ޔައުމިއްޔާ ހޯދުމަށްވެސް ވަނީ އެދިފައެވެ. އެމްޓީސީސީއަކީ ސަރުކާރުގެ ކުންފުންޏަކަށް ވެފައި، ރައްޔިތުންގެ ފައިސާ މިފަދަ ގޮތަކަށް ހަރަދުވެގެންދާތީ އެކަމުގެ ހަގީގަތް ވީއެންމެ އަވަހަކަށް ބައްލަވައިދެއްވުމަށް މެންބަރު މުހައްމަދު އިބްރާހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ 2024 ވަނަ އަހަރުއެވެ. މިމަހުގެ 2 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ފެށި މި މަޝްރޫއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރަނީ، ތިމާވެއްޓާ ރަހުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީވީ)އެވެ.
މާލެ ޓެކްސީ އެޕް ތައްޔާރުކުރުމުގައި ކޮރަޕްޝަން އޮތްކަމަށް ތުހުމަތުކޮށް، މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ