ވެއްޔާއި ކިސަޑު އެޅި ރަސްމާލޭގެ ވަށައިގެންވާ ފަރުތައް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ ނަޝީދުގެ ކަންބޮޑުވުން ވެއްޔާއި ކިސަޑު އެޅި ރަސްމާލޭގެ ވަށައިގެންވާ ފަރުތައް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ ނަޝީދުގެ ކަންބޮޑުވުން

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ ބޮޑަށް ގެއްލުންވާ ކުޑަ ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ ރަސްމާލެ ހިއްކާތީ ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އެމަނިކުފާނު އެންމެ ފަހުން ކ. މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކޮންޓްރޯލެއް ނެތި ކުނޑި ކިސަޑު ފެތުރެމުން ދިއުމުގެ ސަބަބުން، ވަށައިގެންވާ މުރަކަ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ފަޅު ފުންކުރުމާއި ބިން ހިއްކުން ހިމެނޭކަން އަހަރެން ގަބޫލުކުރަން. ނަމަވެސް، ހުރިހާ ކޮންޓްރެކްޓަރުން ވެސް ސަރުކާރުގެ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ގަވާއިދުތަކަށާއި، އީއައިއޭ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،"
ރަސްމާލޭގެ ދެކުނުން އޮންނަ ގުޅި، މާފުށި އަދި ގުރައިދޫއަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ތިން ރަށެވެ. ދެކުނު މާލެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ވެސް ހިންގަމުން އަންނައިރު ގެސްޓުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓްތަކާއި ރާޅުތައް ހަލާކުވަމުން އަންނަ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.
މިފަދަ ހުރިހާ މަޝްރޫއުއެއް ވެސް ހިންގަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެއްކޮށް ހިއްކާ ނިމުނީ ކެޕިޓަލް މެރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ހިއްކި ސައިޓު ޖޭ އެކަންޏެވެ.
އެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި މޯހަން މުތާ އެކްސްޕޯޓުން ވަނީ އެ ކުންފުންޏާ ހަވާލުކުރި ހަތަރު ސައިޓުގެ ތެރެއިން ސައިޓު އެފް ހިއްކަން ފަށާފަ އެވެ. އަދި ޗައިނާގެ ދެ ކުންފުންޏާ ހަވާލުކުރި ތަންތަނުގެ ތެރެއިން ސައިޓު ސީ އާއި ސައިޓު އެލްގެ އިތުރުން ސައިޓު އޭ ވެސް އަންނަނީ ހިއްކަމުންނެވެ.
މި ޕްރޮޖެކްޓު ހިންގަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ އަށް ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެހާތަނަށް 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިއްޖެ އެވެ. މިއީ ފަހުގެ ޕްލޭނުގައި ހިއްކަން ބުނި ބިމުގެ ސަރަހައްދުގެ 21 ޕަސެންޓެވެ.
އެޗްޑީސީން މި މައުލޫމާތު ހާމަކުރީ، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ތަކުގެ ތެރޭގައި ހިމެނޭ "ކްރިސްޓޮބަލް ކޯލޮން"، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ނެރުނު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ