ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ގެޒެޓްގައި އާއްމުކުރި އިއުލާނުގައި އިލެކްޝަނުން ބުނެފައިވަނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަންހެނުްނގެ ކޮމިޓީތަކަށް އިންތިޚާބު ކުރަންޖެހޭކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ފެބުރުއަރީ އެކެއްވާ އާދިއްތަދުވަހުގެ 15:30 ހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. 
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހެނީ އިލެކްޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް ކޮމިޝަނުން އަންގާނީވެސް ޕޯޓަލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ، އަންނަ އޭޕްރިލްމަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އިންތިހާބު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އެދުވަހުގެ ހެނދުނު 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައިކަމަށް އިލެކްޝަނުން ބުނެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 225 ދާއިރާއަކަށް 678 މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އަންހެނުްނގެ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އިލެންޝަންސްގެ ވޯޓާސް ލިސްޓަށް ބަލާއިރު ކުރިއަށްއޮތް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 294,937 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ފިރިހެނުންނެވެ. އެއީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ