މަރުވުމަކީ ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެ ކަމެއްކަމަށް ވިސްނައިދެނީ ޝައިޠޯނާ! މަރުވުމަކީ މާބޮޑު ބިރުވެރިކަމެއްގެ ފެށުން!

މަރުވުމަކީ ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެ ކަމެއްކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ. ވިސްނާށެވެ. މަރުވުމުން ހިތްހަމަޖެހުމާ އުފާވެރިކަން ލިބުން އޮތީ މުއްމިނުންނަށެވެ. ކިތަންމެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވިޔަސް އެއްވެސް މުއްމިނަކު މަރުވުމަކަށް ނުއެދޭނެއެވެ.  
މަރުވުމަކީ މާބޮޑު ބިރުވެރިކަމެއްގެ ފެށުން ކަމަށް ބުނަންޖެހެނީ މަރުވުމުން ތިމާއާއިމެދު ކަންކަން ވެގެންދާނެ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެތީއެވެ. އެންމެ ކުޑަމިނުން މަލާއިކަތުން ކުރައްވާ 3 ސުވާލަށް ޖަވާބުދެވޭނެކަންވެސް އެނގެނީއެއް ނޫނެވެ.   
ބައްދަލުވާ ބައެއް މީހުން ބުނެއެވެ! "އިތުރަށް ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ." އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނެއެވެ. "ކުރިމަތިވާ މައްސަލަތައް ގިނަކަމުންނެވެ." ދުނިޔޭގައި އުޅެން ބޭނުން ނުވާނަމަ ދާނީ ކޮން ތަނަކަށްތޯ ސުވާލުކުރުމުން ބުނެއެވެ. "މަރުވާނީއެވެ." އަހުރެން ބުނަމެވެ. މަރުވުމަކީ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލައަށް މަރުވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭ މައްސަލަތައް މާބޮޑުވާނެއެވެ. 
އަހުރެން ބުނަމެވެ. "އަހުރެމެންގެ ތެރެއިން އެއްވެސް މީހަކު މިދުނިޔެއަށް އައީ އަމިއްލައަކަށް ނޫނެވެ. އަމިއްލައަށް ދުނިޔެއަށް އަންނަން ބޭނުންވެގެން ދުނިޔެއަށް އައިސްހުރި (އުފަންވި) ހަމައެކަކުވެސް ނުހުންނާނެއެވެ. އަހުރެމެން ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާއެވެ. އަދި ދުނިޔެއަށް ފޮނުއްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ."  
އަދިވެސް އަހުރެން ބުނަމެވެ. "މާޔޫސްވެ ކަރު އެލުވައިނުލާށެވެ! ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފާސްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ފާސްވެއްޖެނަމަ ދެއްވަވާ ނިޢުމަތްތައް ފެނުމުން ތިބާ ކަންބޮޑުވާނީ ދުނިޔޭގައި ކުރިމަތިކުރެއްވެވި އިމްތިޙާންތައް މަދުވެގެންނެވެ. އުފުލަން ޖެއްސެވި ތަކްލީފްތައް ކުޑަވެގެންނެވެ."  
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ބޮޑެތި ތަކްލީފްތައް އަދި ގިނަގިނައިން ތަކްލީފްތައް އުފުލަން ޖައްސަވަނީ އަހުރެމެންނަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ މަތިކުރައްވަވަން ވެގެންނެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހަކަށް ދެރައެއް ދެއްވެވުމަކަށް ނޫނެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އިންސާނުންނަށް ކަމަށްވާއިރު އެއްވެސް މީހަކަށް ދެރައެއް ނުދެއްވަވާނެކަން އެއީ ޔަޤީންކަމެއް ނޫންހެއްޔެވެ؟  
ލޮބުވެތިއެކުވެރިންނޭވެ! ދުނިޔޭގައި ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހުނަސް މިމޭރުމުން ވިސްނައިފިނަމަ އެމީހަކު ކަންބޮޑެއް ނުވާނެއެވެ. ހުންނާނީ އުފަލުންނެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ