މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން 'ދައުރު'ގައި އަޅުގަނޑު ލިއުނީ 'މި ތޮއްޖެހުމުގެ ހާސްކަމުން ފިލުވައިދޭން' ޖެހޭ ކަމުގެ ލިއުމެކެވެ. އޭގެ ފަހުން ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި، މިހާރު މި އަންނަނީ ބޭނުންކުރަމުންނެވެ.
ނަމަވެސް ޗެކިން ކައުންޓަރުތައް ހިމެނޭ ސަރަހައްދުގެ ތޮއްޖެހުން ވީ ބޮޑެވެ. ރާއްޖެ އައިސް ފޮށީގެ އިންތިޒާރުގައި އެތައް އިރެއް ހޭދަކުރަން ޖެހެ އެވެ. އެހެންކަމުން ވީއައިއޭގެ އާ ޓާމިނަލްގެ ތަޖުރިބާ ފުރިހަމައެއް ނޫނެވެ. އުނދަގުލާއި ހާސްކަމެވެ. ބައެއް ހިދުމަތްތަކުގެ ފެންވަރު ދަށެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި މިހާތަނަށް އެއް ކަމަކަށް ހިންގި އެންމެ ބޮޑު މަޝްރޫއު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ)ގެ ޓާމިނަލްގެ އެއްވެސް ހިސާބަކުން، މިހާ އަވަހަށް، ހާސްކަން އުފެދޭ ނަމަ އެއީ ސީރިއަސް މައްސަލައެކެވެ.
އަޅުގަނޑު 5 ޖެނުއަރީ 2025ގައި 'މި ތޮއްޖެހުމުގެ ހާސްކަން ފިލުވަން 600 މިލިއަން ޑޮލަރު، އަދިވެސް އޮތީ އިންތިޒާރު' ރިޕޯޓް ލިއުނީ އިންޑިއާއަށް ކުރި ދަތުރެއްގައި އޭރުގެ ބާ ޓާމިނަލްގެ ހާލަތު ފެނިފަ އެވެ. އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ މީހުން ގިނަވެފަ އެވެ. ޗުއްޓީ ނިންމާފައި ފުރާ މީހުންނާއި ބޮޑު ޗުއްޓީގައި ބޭރަށް ދަތުރުކުރާ ދިވެހިންތަކުން، ޑިޕާޗާ ޓާމިނަލް ފުރިބާރުވެފަ އެވެ.
މި މަހު ހަތަރު ވަނަ ދުވަހު، ހުކުރު ވެސް ނުކޮށް، ދަތުރަށް ފެށީ ޗެކިން ކައުންޓަރުތައް ދޮށުގައި ބާރު ބޮޑުވާނެ ކަމަށް ބަލައިގެންނެވެ. ވީ އެހެންނެވެ. ޓާމިނަލް ތެރެއަށް ވަން އިރު އިންޑިގޯގެ ފްލައިޓްތަކަށް އަރަން ތިބި މީހުންތަކުން ތަން އޮތީ ފުރި ބާެރުވެފަ އެވެ. އޮންލައިންކޮށް ޗެކިން ހަދައިގެން ހުރި އިރު ވެސް ކައުންޓަރާ ހަމައަށް ދާން އެތައް އިރެއް ހޭދަވި އެވެ.
ޗެކިން އަސްލު ފަށަން އޮތް ގަޑީގެ ދޮޅުގަޑިއިރު ކުރިން ދިޔައިމާ ވެސް ކުރެވުނީ ގޯސް ތަޖުރިބާއެކެވެ.
މިހާ ބާރު ބޮޑީ ކީއްވެގެންތޯ ކައުންޓަރުގައި އިން މުވައްޒަފު ކައިރީގައި އަހާލުމުން ލިބުނީ އަޖައިބެއް ކަހަލަ ޖަވާބެކެވެ. އޭނާގެ ވާތް ފަރާތުގައި ހުރި ކައުންޓަރުތަކެއް ދައްކާފައި ބުނީ އެ ތަނުން ދެ ކައުންޓަރުގައި ތިބި ދެ މުވައްޒަފު، އަންގާ ވެސް ނުލައި، ދިޔައީ ކަމަށެވެ.
ރާއްޖޭގެ މައި އެއާޕޯޓްގެ އަގުބޮޑު އާ ޓާމިނަލްގެ ހިދުމަތެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި އިންޖީނެވެ. ޓޫރިސްޓުންގެ ހިތްހަމަޖެހުން ފެށޭނީ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދިޔައިމައެއް ނޫނެވެ. އެއާޕޯޓުންނެވެ. އަރާމު ޗުއްޓީއަށް ފަހު ރާއްޖެއިން ފުރާއިރު ވެސް އެމީހުންގެ ހާސްކަމެއް، އެއާޕޯޓް ތެރޭގައި އޮވެގެން ނުވާނެ އެވެ.
އާ ޓާމިނަލަށް 600 މިލިއަން ޑޮލަރު ހޭދަކުރީ ޓޫރިޒަމަށްޓަކަ އެވެ. އެކަމަކު ކިއޫތައް ދިގުވެ، ޓޫރިސްޓުން އުފުލަން ޖެހޭ ބުރައިގެ ޝަކުވާގައި ޓާމިނަލްގެ ރީތިކަމުން ލިބޭނެ ހިތްހަމަޖެހުމެއް ނެތެވެ.
"އިމިގްރޭޝަން ނިންމާފައި ބެލްޓްތަކާ ހަމައަށް ދާއިރު ފޮށިތައް ހުންނަން ޖެހޭނީ ބެލްޓް މަތީގައި،" ޓޫރިސްޓުންނަށް ހިދުމަތް ދޭން އެއާޕޯޓްގައި މަސައްކަތްކުރާ ރިސޯޓެއްގެ ތަޖުުރިބާކާރު އެއާޕޯޓް ރެޕަކު ބުންޏެވެ.
"އެކަމަކު އެހެންނެއް ނޫން އާ ޓާމިނަލްގައި މިވަނީ. ވަރަށް ގިނައިރު ވޭ ބައެއް ފަހަރަށް ފޮށިތައް ލިބެން ވެސް. ޓޫރިސްޓް މީހާއަށް ޓާމިނަލުން ނުނިކުމެވި ބޭކާރު އެތައް ވަގުތެއް އެބަ ދޭ."
އެންމެން ވެސް އުއްމީދުކުރީ އާ ޓާމިނަލްގެ ޗެކިން ސަރަހައްދު ތަނަވަސްވާނެ ކަމަށެވެ. ނަމަވެސް ބާ ޓާމިނަލަށް ވުރެ ވެސް އެކަން ވީ ގޯހެވެ. އެކަކު ބުނީ ޗެކިން ކައުންޓަރުތަކާއި ވަންނަ ދޮރާ ދެމެދު އޮތް ޖާގަ މާ ކުޑައީ ކަމަށެވެ. ބޮޑުކުރެވޭކަށް ވެސް ނެތެވެ. އެހެންކަމުން މިއީ ފުރަތަމަ ޑިޒައިން ފެށި ހިސާބުން ވެސް އުފެދުނު ބޮޑު މައްސަލައެކެވެ.
ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ފުރަތަމަ ޑިޒައިން ހެދިއިރު ކަމާ ގުޅޭ ހުރިހާ ދާއިރާތަކުގެ މަޝްވަރާ ނެތުމެވެ.
"ޓާމިނަލްގައި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް އެނގޭނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް. އެއީ ރެޕުން. އެ މީހުންނާ ބައްދަލެއް ނުކުރޭ. ރިސޯޓްތަކުގެ މީހުންނާ ބައްދަލެއް ނުކުރޭ. ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ކައިރީގައި އެއްވެސް އެއްޗެކޭ ނާހާ. ކޮންމެ ދުވަހަކު އެއާޕޯޓް ބޭނުންކުރާ މީހުންނަކާ ބައްދަލެއް ނުކުރޭ،" އޭނާ ބުންޏެވެ.
އެމްއޭސީއެލްގެ ވެރިންނާއި ބޯޑު ޑިރެކްޓަރުންގެ ވިސްނުމަށް އެކަނި ކަންކަން ދޫކޮށްލުމަށް ވުރެ އެއާޕޯޓްގެ ތަރައްގީގައި ހިމަނަން ޖެހޭ އެތައް ބަޔަކު ތިބޭކަން، އޭނާ ފާހަގަކުރި އެވެ.
"އެ ޕްރޮސެސް ނެތީމާ ހަގީގަތުގައި ވަރަށް ގޯސްކޮށް މި ދިމާވަނީ ކަންކަން. އަޅުގަނޑަކަށް ނޭނގޭ އެކި ސްޓޭކްހޯލްޑަރުންްގެ ހިޔާލު ނުހޯދާ ސަބަބެއް. އެ މަޝްވަރާތައް ނެތީމާ މިހާރު މި މައްސަލަތައް ދިމާވަނީ،" އޭނާ ބުންޏެވެ.
އެމްއޭސީއެލްގެ މިހާރުގެ ވެރިންނަކީ ޕީއެސްއެމް އާއި އެމްއެމްޓީވީ އަދި ސަރުކާރާ ގުޅުން އޮންނަ ބައެއް މީޑިއާތައް ފިޔަވައި އެހެން މީޑިއާތަކާ ވާހަކަ ދައްކާ ބައެއް ނޫނެވެ. އެހެންކަމުން މި ރިޕޯޓަށް އެމްއޭސީއެލްގެ ބަހެއް ނުލިބެ އެވެ.
އަޅުގަނޑު ވާހަކަ ދެއްކީ އެއާޕޯޓްގެ ތަޖުރިބާ ހުރި ބައެއް އެހެން މީހުންނާ އެވެ. އާ ޓާމިނަލްގައި މިހާރު ދިމާވާ މައްސަލަތަކަށް ބަލާފައި އެ މީހުން ބުނީ ރާއްޖެ އަންނަ ބަޖެޓް އެއާލައިންތައް ބާ ޓާމިނަލަށް ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. ބާ ޓާމިނަލް މިހާރު ބޭނުންކުރަނީ ޑޮމެސްޓިކް ޓާމިނަލަށެވެ.
"ޑޮމެސްޓިކަށް ބައެއް ނަގާފައި ވެސް ބަޖެޓް އެއާލައިންތަކަށް ހިދުމަތް ދެވިދާނެ އެތަނުން،" އެއް ތަޖުރިބާކާރަކު ބުންޏެވެ.
"އެ ޓާމިނަލްގައި ހުންނާނެ ހުރިހާ ހިދުމަތެއް. ޑިއުޓީ ފްރީ ވެސް ހިންގިދާނެ. ކާ ތަންތަން ވެސް ހިންގޭނެ."
އޭރުން އާ ޓާމިނަލް ހާއްސަވާނީ ރާއްޖެ އަަންނަ އެންމެ ބޮޑެތި އެއާލައިންތަކަށެެވެ. އެންމެ ބޮޑެތި ބޯޓުފަހަރަށެވެ.
މިއީ މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިފައި އޮތް ދުވަސްވަރެކެވެ. އެހެންކަމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. އާންމު ހާލަތަށް ޓުރިޒަމް އެޅުމުން އާ ޓާމިނަލްގެ ތޮއްޖެހުން ވާނީ ބޮޑުކަން، ތަޖުރިބާކާރުން ބުނެ އެވެ.
"މިހާރުން މިހާރަށް ކުރެވޭނެ ކަމަކީ ރާއްޖެ އަންނަ ހުރިހާ ފްލައިޓްތައް އާ ޓާމިނަލަށް ނުގެނައުން،" އެހެން ތަޖުރިބާކާރަކު ވެސް އެއްބަސްވި އެވެ.
ޓާމިނަލްގެ އެތެރޭގައި ދަތުރުވެރިންނަށް ލިބެން ހުރި ހިދުމަތްތައް ވެސް އެހާމެ މަދެވެ. މިސާލަކަށް ރެސްޓޯރެންޓް/ކެފޭ އެވެ. މައި ތަނަކަށް ހުރީ ކޭއެފްސީ އެވެ. އެތަނުގައި ދަމާލާ ކިއު ވެސް، ބައެއް ފަހަރަށް އެހާމެ ބޮޑެވެ. މިވަރުގެ ޓާމިނަލެއް ހިންގާ ނަމަ ދަތުރުވެރިންނަށް ލިބެން ހުންނަ ފުރުސަތުތައް ގިނަކުރަން ޖެހޭނެ އެވެ. ތަފާތު ވައްތަރުގެ ކެއުންތަކެވެ. އެންމެން ޖަންކް ފުޑަކަށް ނުދާނެ އެވެ.
އެމްއޭސީއެލްގެ އާމްދަނީ މަތިކުރަން ޓާމިނަލަކީ ރަންގަނޑެކެވެ. އެ ރަންގަނޑުގެ ބޭނުންހިފަނީ އަގުބޮޑުކޮށް ކުއްޔަށް ތަންތަން ދީގެންނެވެ. ކުލި ބޮޑުވާ ވަރަކަށް ތަނުން ވިއްކާ އެއްޗެހީގެ އަގު ވެސް ބޮޑުވެ އެވެ. އެހެންކަމުން ލިބޭ ހިދުމަތުގެ ފެންވަރަށް ވުރެ ދަތުރުވެރިންގެ އަތުން ކުރަން ޖެހޭ ހޭދަ މަތިވެ އެވެ.
މިއީ ކޮން ކަހަލަ ނުބައި ތަޖުރިބާއެއް ހެއްޔެވެ؟ ހިދުމަތުގެ އަގު ބޮޑުވާން ޖެހޭނީ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކޮށްގެންނެވެ. މިސާލަކަށް ސީއައިޕީއަށް ނަގާ ފީ އެމްެއޭސީއެލްއިން މިހާރު ވަނީ 219 ޑޮލަރުން 275 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އެކަމަކު ހިދުމަތަށް އައި ބަދަލަކީ، ކުރިއަށް ވުރެ ލަހުން ފޮށިތައް ލިބުމެވެ.
"މިހާރު ސީއައިޕީއަށް އަންނަ ޓޫރިސްޓް މީހާގެ ފޮށި ލިބެން އެބަ ނަގާ ގަޑިއެއްހާ އިރު. ބަލަ، ޓޫރިސްޓް މީހާ ބޮޑު އަގު ދީފައި ސީއައިޕީއަށް އެ އަންނަނީ ހުރިހާ ކަމެއް އަވަހަށް ނިންމަން ދޯ. އޭނާ ބޭނުންވާނެ ރިސޯޓަށް ނައްޓާލަން އަވަހަށް،" މަތީ ފަންތީގެ ޓޫރިސްޓުންގެ ހިދުމަތުގައި އުޅޭ އެއާޕޯޓް ރެޕަކު ބުންޏެވެ.
"ތަނުގެ އަގު ބޮޑުވެއްޖެ. އެކަމަކު ހިދުމަތް ރަނގަޅެއް ނޫން. އާ ޓާމިނަލާ އެކު ވީ ގޯސް."
ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުންނާއި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނޭ ގޮތަށް ބޮޑު ޓީމެއް އެކުލަވާލާށެވެ. އެ ޓީމު މުޅި އެއާޕޯޓްގެ ހުރިހާ މަސައްކަތަކާއި ހިދުމަތްތަކެއް، ކެތްތެރިކަމާ އެކު ބަލާށެވެ. ހަގީގީ މައްސަލަތައް ދެނެގަންނާށެވެ.
އެތައް މިލިއަން ރުފިޔާއެއް ހޭދަކުރި ބޮޑު ރަސްމިއްޔާތަކަށް ފަހު ޓާމިނަލް އެ އޮތީ ހުޅުވައިފަ އެވެ. އޭގެ ފަހުން ފުރަތަމަ އަހަރު ފުރެނީ އެވެ. އެކަމަކު އުއްމީދުކުރި ވަރާ ގާތެއް ވެސް ނޫނެވެ. މީގެ މާނައަކީ ކަންކަން ރަނގަޅު ނުވުމެއް ނޫނެވެ. ރަނގަޅު ކުރެވޭނެ އެވެ. ކުރަން ވެސް މަޖުބޫރެވެ.
ހާސްކަމެއް ނުކެނޑުނު، މިވީ ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ