ހޮޓާތަކުގެ އަގު ތިރިކުރަނީ، ފީފާ އުއްމީދު ކުރާ ވަރުގެ އާމްދަނީ އެއް ނުލިބިދާނެ!

ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގެ ހޮޓާތަކުގެ އަގުތައް ތިރި ކުރަން ފަށައިފި އެވެ.
މި ގޮތުން ބައެއް ހޮޓާތަކުން ވަނީ ވަރަށް ބޮޑެތި ޑިސްކައުންޓްތައް ދެމުންނެވެ. އަދި ފަތުރުވެރިންނަށް ކަމުދާނެ ގޮތަކަށް ޕެކޭޖްތައް ބަދަލު ކުރުމާއި އެހެނިހެން ކަންކަން ވެސް ދަނީ ތައާރަފް ކުރަން ފަށައިފަ އެވެ. މިގޮތަށް ހަދަން ފެށީ މިހާތަނަށް ފީފާއިން ބުކްކޮށްފައިވާ އެތައް ހޮޓަލެއް ވެސް ކެންސަލް ކުރުމާ ގުޅިގެންނެވެ.
ތަޖުރިބާކާރުން ބުނަނީ މިއީ މިވަގުތު އެމެރިކާގެ އިމިގްރޭޝަން ސިޔާސަތާއި އެ ގައުމާމެދު މުޅި ދުނިޔޭގައި ފެތުރެމުންދާ ހިތްހަމަ ނުޖެހުންތަކުގެ ސަބަބުން ވޯލްޑް ކަޕް ދުވަސްވަރު މެހުމާނުން މަދުވެދާނެ ކަމަށް ބަލާފައި ގެންނަމުންދާ ބަދަލެއް ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އަންދާޒާ ކޮށްފައިވަނީ މި މުބާރާތުން އެމެރިކާ އަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. ނަމަވެސް މިއަދަދު ހަގީގަތަކަށް ނުވެދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ. ސަބަބަކީ ގިނަ ގައުމުތަކަކަށް ވިޔަފާރީގެ ޓެރިފް އެމެރިކާއިން ބޮޑުކޮށްފައިވުމާއި އެ ގައުމަށް އެތެރެވުން ހަރުކަށިކޮށްފައިވުމާއި އެމެރިކާގެ ބައިވެރިވުމާއެކު އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ދަތިވެ، ތެލުގެ އަގުބޮޑުވެ، ދަތުރު ފަތުރުގެ އަގުތައް މަތިވެފައިވާތީ އެވެ. އެމެރިކާގެ ބައެއް ފަރާތްތަކުން ލަފާ ކުރަނީ މެޗުތައް ކުޅޭ ދުވަހުގެ އެޓެންޑެންސް ލަފާކޮށްފައިވާ އަދަދަށްވުރެ ތިން ބައިކުޅެ ދެ ބައި މަދުވާނެ ކަމަށެވެ.
އެމެރިކާގެ ސެނެޓަރުން ވަނީ ވޯލްޑް ކަޕާ ދިމާކޮށް އެ ގައުމުގައި އަގުތައް އުފުލޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މި ގޮތުން އާއްމު ދަތުރު ފަތުރުގެ އަގު 20 ޑޮލަރުން 90 ޑޮލަރާއި 100 ޑޮކަރާ ދެމެދަށް އުފުލޭނެ އެވެ. އަދި ބޮޑުވާ އަގު ފީފާއިން އާއްމުންނަށް ދޭން ޖެހޭނެ ކަމަށް ނިއުޔޯކް ސެނެޓަރުން ވަނީ ގޮވާލައިފަ އެވެ. ސަބަބަކީ މުބާރާތުން ފީފާ އަށް 11 ބިލިއަން ޑޮލަރު ފައިދާ ވާނެ ކަމަށް ލަފާ ކޮށްފައިވާތީ އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ވޯލްޑް ކަޕް ފަށާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ