އެހެން ގައުމުތަކުގައި ފަތުރުވެރިން އަތުން އަގުނަގަނީ އެ ގައުމެއްގެ ފައިސާއިން، ރާއްޖޭގައި ވެސް ކަންކުރަންވީ އެހެން: ނަސީމް
ދުނިޔޭގެ އެހެން ގައުމުތަކުގައި ފަތުރުވެރިން އަތުން ޚިދުމަތަށް އަގު ނަގަނީ އެ ގައުމެއްގެ ފައިސާއިން ކަމަށާއި، ރާއްޖޭގައި ވެސް އަގު ނަގަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެއެވެ. މެމްބަރު ނަސީމް މިހެން ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. މައުރޫފް ޒާކިރު ހުށަހެޅުއްވި އިސްލާހަށް ފާޑުވިދާޅުވަމުން ނަސީމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭރުން އަންނަ ފަތުރުވެރިން އަތުން ކޮންމެ ޚިދުމަތަކަށް ވިޔަސް އަގު ނަގަނީ އެ ގައުމެއްގެ ފައިސާއިން ކަމަށާއި، ސާވިސް ޗާޖު ދިނުމުގައި ވެސް ބޭނުންކުރަނީ އެ ގައުމެއްގެ ފައިސާ ކަމަށެވެ. ނަތީޖާއަކީ އެ ގައުމަކަށް އަންނަ ފަތުރުވެރިޔާ، ރަސްމީކޮށް ޑޮލަރު މާރުކުރާ ތަނަކުން އެ ގައުމެއްގެ ފައިސާއަށް ބަދަލުކުރަން ޖެހުމެވެ. "ދުނިޔޭގައި ވަރަށް ގިނަ ގައުމުތައް އެބަހުރި، ކޮންމެ ގައުމަކުން ވެސް ކަންކަމުގައި ނުވަތަ ސާވިސް ޗާޖު ދޭން ބޭނުންކުރަނީ އެ ގައުމެއްގެ ފައިސާ،" ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް މިހާރުން މިހާރަށް މި އުސޫލަށް އަމަލުކުރަން ޖެހޭ ކަމަށެވެ. މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ބޭރު ފައިސާ މުވައްޒަފުންނަށް ދިނުމުގެ ކުރިން ދިވެހި ރުފިޔާއަށް މާރުކުރުން ހުއްޓުވުމަށެވެ. އެގޮތުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންނަށް ބަހާއިރު އެ ފައިސާ ލިބުނު ބާވަތަކުން (ކަރަންސީއަކުން) ދޭންޖެހޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ވަގުތީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް، ސީދާ ފަތުރުވެރިންނަށް ހިދުމަތްދޭ ނަމަ، ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް މައުރޫފްގެ އިސްލާހުގައިވެއެވެ. މައުރޫފް ވިދާޅުވީ މި ބިލުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ގާނޫނުން ކަށަވަރުކޮށްދޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމައަށް ހޯދައިދިނުން ކަމަށެވެ. ނަމަވެސް ނަސީމް ވަނީ ދިވެހި ފައިސާއާ ދުރަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވެ، އިސްލާހު ހުށަހެޅުއްވި މެމްބަރު ވެސް ދިވެހި ފައިސާއާ ގާތްވާން ޖެހޭ ކަމަށް ވިދާޅުވެ ބަހުސް ނިންމަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ