ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހުތަކާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. ބިލުގައި ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކުން އަދި އެ ތަންތަނުގައި ޤާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށްފައިވެއެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވޭނެ މޭރުމުން އެފަދަ ޝަކުވާތައް ކޮމިޓީން ބެލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު ހަރުދަނާކުރުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޒުކުރާ މިންވަރު ބަލައި މޮނިޓަރ ކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް ސަރުކާރުން މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަސައްކަތުގެ ރަސްމީ ވަގުތެއް ނުވަތަ ވަޒީފާގެ މުއާމަލަތަކާ ގުޅިގެން ކަމަށްވާން ނުޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމުގައި އެތަނަކަށް ޚާއްސަ ސިޔާސަތެއް އެކުލަވާލަންޖެހޭނެ ކަމަށާއި ވަޒީފާގެ މާހައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެފައިވާ މާހައުލަކަށް ހެދުމަށް އެފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނުގެ ދަށުން އެކުލަވައިލާ ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް އަންގަންޖެހޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނުގައިވާގޮތުން މި ކޮމިޓީ އެކުލަވާލުމަށްފަހު އަންގަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
މިހާރު ޤާނޫގައިވާގޮތުން ކޮމިޓީގައި 3 މެންބަރުން ތިބެންޖެހޭނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން އެކަކީ އަންހެނަކަށްވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ މަދުވެގެން 3 މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރެވޭނެ ކަމަށް ބަޔާންކޮށްފައެވެ. އަދި އެ ކޮމިޓީ އެކުލަވާލަންޖެހޭނީ ދެ ޖިންސުގެ މެންބަރުންގެ މައްޗަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ކޮމިޓީން މައްސަލަތައް ބަލަންޖެހޭ ގޮތުގެ އުސޫލު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވާއިރު އެ ކޮމިޓީތަކުން ބަލާ މައްސަލަތަކުގައި ގޮތް ނިންމައި ފިޔަވަޅު އަޅާނަމަ އެކަން 5 ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މައްސަލަ ބަލައި ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ކޮމިޓީއަށް ލިބޭއިރު އިތުރު މުއްދަތެއް ބޭނުންކަމަށް ފެންނަ ނަމަ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.
މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް މި އިސްލާހުގެ ދަށުން ލިބޭނެއެވެ.
ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ޚިދުމަތެއްގެ މީހެއް ނަމަ އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރިމ މަގާމެއްގައި ހުރި މީހަކަށްވީތީ މައްސަލަ ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ފަރާތްތަކާމެދު ކޮމިޓީތަކުގެ ނިންމުންތަކާއި މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވަން އިސްލާހުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ