ބިލު މިހާރު އޮތް ގޮތުން، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު" އެކުގައި ބޭއްވިދާނެ ތޯއެވެ؟
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލް ވަރަށް ނުބަލަން އުޅުނީމެވެ. އެއީ އެހެން ސަބަބަކަށް ޓަކައެވެ. ނަމަވެސް އެ ބިލު ތަޞްދީޤު ކުރުމުގެ ކުރިން ނަގާ ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ހިނގާ ބަހުޘްތައް ގިނަވެ އެބިލަށް ބަލާލާ ހިތްވީއެވެ. ޤާނޫނުއަސާސީއަށް ގެންނަށް ހުށަހަޅާފައިވާ އިޞްލާޙަކީ ބޮޑު އިޞްލާޙެކެވެ. ނިޒާމު ބަދަލު ކުރުމާގުޅުން ހުރި ބިލެކެވެ. އެހެންވެ، އެ ބިލް ކިޔާލީމެވެ. ބިލް ކިޔާލުމުން، ފުރަތަމަވެސް ފެނުނީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބިލެއް އޮންނާވީ ގޮތް ނޫންގޮތަކަށް ކަންކަން ހިމެނި، ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްކޮށްފައި އޮތް ކަމެވެ. ޤާނޫނީގޮތުން ދެއުޅިއެއްނުވާނެ ކަންތައްތަކެއް ފެނިގެން ދިޔައެވެ. އެހެންކަމުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމުގެ ބަހުޘާ ހަމައަށް ދިއުމުގެ ކުރިން، މިބިލް ޤާނޫނަކަށް ވެއްޖެނަމަ، ދެން ނިކުންނާނެ ޤާނޫނީ ނަތީޖާތަކާ މެދު ސުވާލު ކުރުން މާ މުހިންމުކަމަށް ފެނިއްޖެއެވެ. ޤާނޫނުއަސާސީގައި ބަޔާން ކުރާ ގޮތުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވެނީ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. (70(ށ)1) ވީމާ، އެނޫން ގޮތަކަށް ނުގެވެނޭއެވެ. ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެންނަން ހުށަހަޅާ ބިލެއްގައި ހިމަނަންޖެހޭ ކަންކަންތަތައް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާން ކުރެއެވެ. އެމާއްދާ ބަޔާން ކުރާ ގޮތުން، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްކުރާ ބިލެއްގައި ހިމެނޭނީ ދެބާވަތެއްގެ ކަންތަކެވެ. ފުރަތަމަ ބާވަތަކީ، ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުގެ ބައިތަކެވެ. އިޞްލާޙުގެ ތެރޭގައި، އުނިކުރުމާއި އިތުރުކުރުމާއި ބަދަލު ކުރުން ހިމެނެއެވެ. އެބައި ތަކަކީ ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ވެގެންދާނެ ބައިތަކެކެވެ. ދެވަނަ ބާވަތަކީ، އެބިލެއްގައިހިމޭ، އެއިޞްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންކަމެވެ. އެ އިޞްލާޙަކާއި ގުޅިގެން ކުރަންޖެހޭ ކަންކަމަކީ، ޤާނޫނުއަސާސީގެ އެތެރޭން ކުރާންޖެހޭ ކަންކަމެވެ. އެއީ ޤާނޫނުއަސާސީގެ ބޭރުން ކުރާންޖެހޭ ކަންކަމެއް ނޫނެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ މާއްދާއަކަށް ގެންނަ އިޞްލާޙަކާއި ގުޅިގެން، ޤާނޫނުއަސާސީގެ މާއްދާތަކުގެ ތަރުތީބަށް ބަދަލު އަންނަނަމަ އެފަދަ ބަދަލެއް ގެނައުމުގެ ވާހަކަ ހިމެނިދާނެއެވެ. ނޫނީ ޤާނޫނުއަސާސީގެ މާއްދާއަކަށް ގެންނަ ބަދަލެއްގެ ސަބަބުން ޤާނޫނުއަސާސީގައި ހިމަނާފައިވާ ޖަދުވަލަކަށް ބަދަލެއް އަންނަ ނަމަ، ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ ތަނެއްގެ ބޮޑުމިނަށް ބަދަލު އަންނަ ނަމަ އެބަދަލެއް އަންނާނެގޮތް ފަދަ އެ އިޞްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންކަން ހިމެނިދާނެއެވެ. މިއާޚިލާފަށް، ޤާނޫނުއަސާސީއަށް ގެންނަ އިޞްލާހެއްގެ ނަތީޖާއަކުން ނިކުންނާނެ ކަންކަން ކުރާނެ ގޮތެއް ޤާނޫނުއަސާސީއަށް އިސްލާޙުގެންނަން ފާސްކުރާ ބިލެއްގައި ނުހިމެނޭނެއެވެ. އޭގެ މިސާލަކަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ބޭރުން އެހެން ޤާނޫނުތަކަށް ގެންނާންޖެހޭ އިޞްލާޙުތަކާއި އެ އިޞްލާޙެއްގެ ސަބަބުން ކުރާންޖެހޭ އެހެން ކަންތައްތައް ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ފާސްކުރާ ބިލެއްގައި ނުހިމެނޭނެއެވެ. މިސާލަކަށް، ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙެއްގައި ޗާގޯސްއަކީ ދިވެހި ރާއްޖޭގެ ބައެއް ކަމުގައި ކަނޑައަޅައި ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާއިރު، ޤާނޫނުއަސާސީގައި ބަޔާން ކުރާ ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު އަންނާނެތީ، އެބިލުގައި ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު އަންނާނެ ގޮތް ބަޔާން ކުރެވިދާނެއެވެ. ނަމަވެސް ޤާނޫނުއަސާސީގައި މިފަދަ އިޞްލާޙެއް ގެންނަން ފާސްކުރާ ބިލެއްގައި، ޗާގޯސްގައި މީހުން ވަޒަންވެރިވާނެ ގޮތާއި އެތަން ޢިމާރާތް ކުރާނެ ގޮތުގެ ވާހަކަ ނުގެނެވެއެވެ. އެއީ އެހެން ޤާނޫނުތަކުން ތަންޒީރު ކުރާނެ ކަންކަމެވެ. ވީމާ، މިފަދަ ކަންކަމަކީ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙާ ގުޅޭ ކަންކަމުގެ މާނައިގައި ހިމެނޭ ކަންކަމެއް ނޫނެވެ. މިގޮތަށް ޤާނޫނުއަސާސީއާ ސީދާ ގުޅިފައިވާ ކަންކަން ފިޔަވައި އެހެންކަންކަން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކުރާ ބިލެއްގައި ނުހިމެނުމަށް ޤާނޫނުއަސާސީގައި ލިޔެފައިވަނީ ސަބަބުތަކެއް ހުރެގެންނެވެ. މައިގަނޑު ސަބަބަކީ، ޤާނޫނުއަސާސީ އިޞްލާޙުކުރާ ބިލެއް ޤާނޫނަކަށްވުމާއެކު، އެޤާނޫނު ޤާނޫނުއަސާސީއާ އެކުވެގެން ގޮސް، އެޤާނޫނު ވަކިން އޮންނަ ޤާނޫނެއްގެ ގޮތުގައި ދެމިނުއޮތުމެވެ. ޤާނޫނުއަސާސީގެ އިޞްލާޙުތަކާއެކު ވުޖޫދުގައި އަބަދުވެސް އޮންނާނީ ޤާނޫނުއަސާސީއެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރާ ޤާނޫނުތައް ޤާނޫނުއަސާސީ އިޞްލާޙުވުމުއެކު ވެސް އޭގެ ޤާނޫނީ ބާރުވެރިކަމާއެކު ވުޖޫދުގައި އޮންނަގޮތް ދިމާވާނަމަ، ޤާނޫނުއަސާސީގެ ދުސްތޫރީ ބާރުވެރިކަމާމެދު ސުވާލު އުފެދޭނެ އެހެން ޤާނޫނެއް ވުޖޫދުން ފެންނާން ފަށާނެއެވެ. އެކަމުގެ ސަބަބުން ޤާނޫނީ ތަރުތީބު އޮޅުން ބޮޅުން ވާން ފަށާނެއެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މިހާރު ފާސްކޮށްފައިވާ އަށްވަނަ އިޞްލާޙަށް ބަލާއިރު، މިނަތީޖާ ނިކުމެގެން އަންނަތަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮވެއެވެ. ވީމާ، ފުރަތަމަ އެ ބިލް އޮތް ގޮތަށް ތިރީގައި ނަކަލު ކޮށްލާނަމެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީ: -- ބިލު ނަންބަރު 2026/2 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީއަށް އަންނަނިވި އިޞްލާޙުތައް ގެނައުން. 1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުން. 72. (ރ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވަންވާނީ، މި ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. 2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 79 ވަނަ މައްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން. 79. (ހ) ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ. 3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުން. 79. (ނ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. 4. (ހ) މި ޤާނޫނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާއަށާއި، 79 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށްޓަކައި، މިޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާންޖެހޭ އިންތިޚާބު ބާއްވަންވާނީ، އެ މާއްދާގައި ބަޔާންކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީންނެވެ. (ށ) މި ޤާނޫނުނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު، 2028 ޑިސެމްބަރު 1 ވަނަ ދުވަހު ހަމަވާނެއެވެ. މި ޤާނޫނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާންޖެހޭ އިންތިޚާބު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވައި، އެ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، 2028 ޑިސެމްބަރު 1 ވަނަ ދުވަހުގެ ކުރިން ނިންމައި، އެ ތާރިޚުގައި އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެއެވެ. 5. މިޤާނޫނަށް ޢަމަލު ކުރަން ފަށާނީ، މިޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. މި ބިލަށް ބަލާއިރު، މިބިލުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަ ނައްޞުތަކަކީ، މިބިލުގެ 1 ވަނަ މާއްދާއިން 3 ވަނަ މާއްދާއަށް ބަޔާން ކުރާ ނައްޞުތަކެވެ. މިބިލް ތަޞްދީޤުވެ ޤާނޫނަކަށްވުމާއެކު، އެނައްޞުތައް ޤާނޫނުއަސާސީގެ ތެރެއަށް ވަދެގެން ގޮސް ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނިގެންދާނެނެއެވެ. މިއާ ޚިލާފަށް، މިބިލުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބަލާއިރު، އެ ދެއަކުރުގައި ބަޔާން ކުރަނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަ ނައްޞުތަކެއްގެ ވާހަކައެއް ނޫނެވެ. އެއީ ޤާނޫނުއަސާސީގެ ތެރެއަށް ވަދެގެންދާނެ ނައްޞުތަކެއް ނޫނެވެ. ހަމަ އެހެންމެ، އެ ބިލުގެ 4 ވަނަ މާއްދާގެ އަކުރުތަކަށް ބަލާއިރު، އެނައްޞުތަކުގައި ބަޔާން ކުރަނީވެސް ޤާނޫނުއަސާސީއަށް ގެންނަ އެއިޞްލާޙާއި ގުޅިގެން ކުރާންޖެހޭ ކަންތައްތަކެއްގެ ވާހަކައެއް ނޫނެވެ. ވީމާ، މިއީ ޤާނޫނުއަސާސީގެ 266 ވަނަ މާއްދާއާ އެއްގޮތަށް ފާސްކޮށްފައިވާ ބިލެއްކަމަށް ނުބުނެވޭނެއެވެ. މިބިލުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ، ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިޞްލާޙުގެ ނަތީޖާއެއްގެ ގޮތުން ދެން ޢަމަލު ކުރަންޖެހޭ ގޮތެއްގެ ވާހަކައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށްޓަކައި، އިންތިޚާބު ބާއްވަންޖެހޭ ގޮތެވެ. ޤާނޫނުއަސާސީގެ 8 ވަނަ އިޞްލާޙާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ޢަމަލުކުރަންޖެހޭ އުޞޫލަށް ބަދަލެއް އަންނަ ނަމަވެސް، އެއުޞޫލެއް ނުވަތަ އެބަދަލެއްގެ ވާހަކަ ބަޔާން ކުރާނީ، ޤާނޫނު ނަންބަރު: 2009/2 ( ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާހެއް ގެނެސްގެން އެޤާނޫނުގައެވެ. އެވާހަކަތައް ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ފާސްކުރާ ބިލުގައި ހިމަނައިގެން ނުވާނެކަން ޤާނޫނުއަސާސީގެ 266ވަނަ މާއްދާއިން ސާފުވެއެވެ. މިއަށްވުރެ ސީރިސް ނުރަގަޅު ނަތީޖާއެއް ނިކުންނަނީ، މި ބިލުގެ 4 ވަނަ މާއްދާގެ (ށ) ނައްޞު އޮތް ގޮތުންނެވެ. މިއަކުރަކީ، ޤާނޫނުއަސާސީގައި ނުހިމެނޭ ނަމަވެސް ޤާނޫނުއަސާސީ އިޞްލާޙު ކުރާ ބިލު ތަޞްދީޤުވާ ޙާލަތަކުގައި އެޤާނޫނުގައި ވަކިން ވުޖޫދުވެ އޮންނަ އަކުރެކެވެ. މިއަކުރުގައި އޮންނަނީ؛ "މި ޤާނޫނުނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު، 2028 ޑިސެމްބަރު 1 ވަނަ ދުވަހު ހަމަވާނެއެވެ. މި ޤާނޫނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާންޖެހޭ އިންތިޚާބު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވައި، އެ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، 2028 ޑިސެމްބަރު 1 ވަނަ ދުވަހުގެ ކުރިން ނިންމައި، އެ ތާރިޚުގައި އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެއެވެ." މިފަދައިންނެވެ. ކުރިން ބަޔާން ކުރިހެން، މި ނައްޞަކީ، ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނޫނީ އަކުރަކަށް ގެންނަ އިޞްލާޙެއް ނޫނެވެ. ވީމާ، މިމާއްދާ ވެގެންދާނީ ޤާނޫނީ މާއްދާއަކަށެވެ. ދުސްތޫރީ މާއްދާއަކަށް ނޫނެއެވެ. ޤާނޫނީގޮތުން ދެކޮޅު ނުޖެހޭ ކަންކަން ފެންމަތިވާން ފަށާހިސާބަކީ މިއެވެ. ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުވާ ޙާލަތުގައި، ޤާނޫނުއަސާސީގެ 79 ނުވަތަ މާއްދާ ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ވުޖޫދުވެގެންދާނީ ތިރީގައި ބަޔާންކުރާ ގޮތަށެވެ؛ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 79. (ހ) ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ. (ށ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރާންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމާންވާނެއެވެ. (ނ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. 2024ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގެ ވޯޓު ގުނުން - ސަން ފޮޓޯ/ މޫސާ ނަދީމް މިގޮތަށް ޤާނޫނުއަސާސީ އިޞްލާޙުވުމާއެކު ފާހަގަ ކޮށްލަންޖެޙޭ ކަމަކީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އެއްވެސް ނައްޞަކުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) އަށް ބަދަލެއް ނުގެންނަ ކަމެވެ. އެނައްޞު ދުސްތޫރީ ބާރުވެރިކަމުގައި އޮތްކަމާއި އޮންނާނެ ކަމެވެ. ވީމާ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރާންޖެހޭ ޙާލަތުގައި، އެބިލް ތަޞްދީޤު ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމާއި އަލަށް މެންބަރުން އިންތިޚާބު ކުރުމާގުޅޭ ގޮތުން ދެ ނައްޞެއް ފެންނާން އޮންނާނެއެވެ. އެއްނައްޞަކީ، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި މިހާރުވެސް އޮތް ދުސްތޫރީ ނައްޞެކެވެ. އެއީ ކުރިންސުރެ ބަދަލެއް ނައިސް އޮތް ދުސްތޫރީ ނައްޞެކެވެ. އަނެއް ނައްޞަކީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުވެ އެ ބިލް ޤާނޫނަކަށް ވެގެންދާއިރު، ވުޖޫދުވާ އެ ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި އޮންނަ ނައްޞެވެ. އެއީ، ދުސްތޫރީ ނައްޞަކަށް ނުވާގޮތަށް ޤާނޫނުއަސާސީގެ އެއްވެސް ބައެއްގެ ގޮތުގައި ނުހިމެނޭހެން ވަކިން އެޤާނޫނުގައި އޮންނާނެ ޤާނޫނީ އިޖުރާއީ ނައްޞެއްކެވެ. އެއީ އެއްގޮތަކަށްވެސް ދުސްތޫރީ ބާރުވެރިކަން ލިބިދޭނެ ދުސްތޫރީ ނައްޞެއް ނޫނެވެ. އެއީ ޤާނޫނުއަސާސީގެ ބައެއް ކަމުގައި ނުވާ ކަމަށްޓަކައެވެ. މިޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމާގުޅޭ ގޮތުންނާއި ރައްޔިތުންގެ މަޖިލީހަށް އަލަށް މެންބަރުން ހުވުމާގުޅޭ ގޮތުން ޢަމަލު ކުރަންޖެހޭ ގޮތް އެއް ނައްޞު އަނެއް ނައްޞާ ތަޢާރުޟުވާ ދެ ނައްޞެއް ވުޖޫދު ވާނެއެވެ. އެއްނައްޞަކީ ދުސްތޫރީ ނައްޞެކެވެ. އަނެއް ނައްޞަކީ ދުސްތޫރީ ނައްޞަކަށް ނުވާ ނަމަވެސް ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލް ޤާނޫނަކަށް ވާ ޙާލަތުގައި ވުޖޫދުވާ ނައްޞެކެވެ. ވަކިކަމެއް ކުރުމާ ގުޅޭ ގޮތުން، ޤާނޫނުއަސާސީގައި ބަޔާންކުރާ ދުސްތޫރީ ނައްޞަކާއި ހަމަ އެކަން ކުރުމާގުޅޭ ގޮތުން ޤާނޫނެއްގައި ބަޔާން ކުރާ ޤާނޫނީ ނައްޞަކާއި ތަޢާރުޟުވާ ޙާލަތުގައި ގަދަވެގެންދާނީ ދުސްތޫރީ ނައްޞެވެ. އެއީ ބަހުޘެއް އޮތް މައުޟޫޢެއް ނޫނެވެ. އެނައްޞުގެ މައްޗަށް ޤާނޫނީ ނައްޞަކަށް ގަދަވެ ނުގަނެވޭނެއެވެ. މިޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ދުސްތޫރީ ގޮތުން ލާޒިމުވާނީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގައި (ށ) ގެ ނައްޞުގައި އޮތް މުއްދަތުތަކަށް ބަލައިގެންނެވެ. އެއީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރާންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމާންވާނެކަމަށް އޮންނަ ދުސްތޫރީ ނައްޞެވެ. "ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ" ޢުމުރު ހަމަކުރަން 05 އަހަރު ގުނާނެ ގޮތެއް ސާފުވާނެ ދުސްތޫރީ ނައްޞެއް ވުޖޫދުވާނެ ގޮތަށް ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރިއިރު ހިމަނާފައެއް ނެތެވެ. އެއާޚިލާފަށް، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލްގެ 4 ވަނަމާއްދާގެ (ށ) ގައި ބަޔާން ކުރަނީ " މި ޤާނޫނުނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު، 2028 ޑިސެމްބަރު 1 ވަނަ ދުވަހު ހަމަވާނެއެވެ." މިއީ ކުރިން ބުނިހެން ދުސްތޫރީ ނައްޞެއް ނޫންކަމަށްވާތީ، ދުސްތޫރީ ނައްޞަކުން އެކަށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްކުރާ ޤާނޫނީ ނައްޞަކުން ދަލެއް ނުކުރެވޭނެއެވެ. އެޤާނޫނީ ނައްޞު ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙެއްގެ ގޮތުގައި ހިމަނައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން ނޫނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިންގަމުންދާ ދައުރު ބަދަލެއް ނުކުރެވޭނެއެވެ. މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލު ކުރުމާގުޅޭ ނައްޞު ޤާނޫނުއަސާސީއަށް ބަދަލު ގެންނަ ނައްޞެއްގެ ގޮތުގައި ބިލުގައި ހިމެނިފައެއް ނެތެވެ. މިޙާލަތުގައި، ހިމަގުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަ ކުރުމަށް 05 އަހަރު ގުނާން ފަށަންޖެހޭނީ ދުސްތޫރީ ނައްޞަށް ބަލައި ފެށި ހިސާބުން ގުނައިގެންނެވެ. މިގޮތުން ބަލާއިރު ފެންނާން އޮތީ، ޤާނޫނުއަސާސީގެ އިންތިޤާލީ ބާބުގެ 296 ވަނަ މާއްދާގެ ދަށުން 15 ފެބުއަރީ 2009 ގެ ކުރިން އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވި ތާރިޚުން ގެށިގެން ފަސް އަހަރުން ދައުރު ހަމަވަމުންދާ ގޮތަށް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހެއެވެ. މިގޮތުން ބަލާއިރު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރަން ފެންނަ ކަމަށް ވޯޓުދީގެން އެބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރިނަމަވެސް، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވަންޖެހޭނީ "ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ" ޢުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރާންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމާންވާނެކަމަށް ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތަށެވެ. ވީމާ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމަށް ފާސްކޮށްފައިވާ ބިލު ތަޞްދީޤުކޮށް ޤާނޫނަކަށް ވިޔަސް އެބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ އިޖުރާއަތަށް ޢަމަލެއް ނުކުރެވޭނެއެވެ. އެއީ ޤާނޫނުއަސާސީގެ 79 ވަނަ މައްދާގެ (ށ) ގައި އެއޮތް ދުސްތޫރީ ނައްޞު އެގޮތަށް އޮވެފައި، "ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ" ތަޢުރީފެއް ބަޔާންކުރާ ދުސްތޫރީ ނައްޞެއް ފެންނާން ނެތުމާ އެކުގައެވެ. ވީމާ، ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާ ފަރާތްތަކުން، ބިލް ހުށަހެޅުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް ގިނަ ކަން ހުންނާނެކަމާއި، އާދައިގެ ބިލަކާއި، މަނިޓަރީ ނޫނީ ފައިސާއާގުޅޭ ބިލަކާއި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ހުށަހަޅާ ބިލަކާއި މިއީ އޭގެ ޒާތުގައި ތަފާތުތަކެއް ހުންނަ އަދި ތަފާތު ނަތީޖާތަކެއް އެކުލެވޭ ބިލުތަކެއް ކަން ވިސްނުމުގައި ބަހައްޓަންޖެހެއެވެ. އެހެންކަމުން، ރައްޔިތުންގެ ޢާންމު ހިޔާލު ހޯދުމަށް ވޯޓުނެގުމަށް ރައްޔިތުންނާއި ކުރިމަތިކުރަންޖެހޭ ހަޤީޤީ ސުވާލަކީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް މިހާރު އޮތް ގޮތުން، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު" ދުސްތޫރީ ހަމަތަކުގެ މަތިން އެކުގައި ބޭއްވިދާނެ ތޯއެވެ؟ ދުސްތޫރީ ވިސްނުމަކުން ވިސްނާ ބަލާއިރު، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ 4 ވަނަ މާއްދާގެ (ށ) ޤާނޫނުއަސާސީގެ ނައްޞެއްގެ ގޮތުގައި ހިމަނާނެ ގޮތެއް ހަދައިގެން މެނުވީ، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) މިހާރު އޮތް ގޮތުން، ދެ އިންތިޚާބު އެކުގައި ބޭއްވޭނެ ދުސްތޫރީ ހަމައެއްނެތެވެ. އިންސާނާގެ ބާރު ހުރީތީ ދެން އިންތިޚާބު އެއްކުރުމުގެ ބޭނުމުގައި ތަޅައި ދުއްކާލި އެރުވިދާނެއެވެ. ނަމަވެސް އެއީ ޤާނޫނީ ހަމައަކުން ހިނގާ ކަމެކޭ ނުބުނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ