އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޝިލްޕާގެ ފޮޓޯތައް ފޮހެލުމަށް އިންޑިއާގެ ހައި ކޯޓަކުން އަމުރުކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ހުއްދަނެތި ބަތަލާގެ ފޮޓޯތަކެއް އޮންލައިން ބައެއް ޕްލެޓްފޯމްތަކުން ބޭނުންކުރަމުން އަންނާތީ އެ ފޮޓޯތައް ފޮހެލުމުގެ އަމުރަކަށް ބޮމްބޭ ހައިކޯޓުގައި ޝިލްޕާ އެދިއްޖެއެވެ. ބޮމްބޭ ހައިކޯޓަށް ބަތަލާ ޝިލްޕާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި ބަތަލާގެ ފޮޓޯތަކެއް އޭއައި މެދުވެރިކޮށް އޮންލައިން ބައެއް ޕްލެޓްފޯމްތަކުން އަންނަނީ ބޭނުންކުރަމުންނެވެ. އެ ފޮޓޯތަކަކީ ހަމައެކަނި ބަތަލާގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށާއި ބައެއް ފޮޓޯތައް ހަދާފައިވަނީ އެއްވެސް ކަހަލަ ހައްދެއްނެތި ވަރަށް ހަޑި ހުތުރުކޮށް ކަމަށް ޝިލްޕާ ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. ބަތަލާ ޝިލްޕާ ޝެޓީގެ ފިލްމު "ސުކީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އެފަދަ ފޮޓޯތަކަކީ ބަލާލަންވެސް ނުކެރޭހޭ ހުތުރުގޮތަކަށް ހަދާފައިވާ ފޮޓޯތަކެއް ކަމުން ވަގުތުން ވަގުތަށް ޝިލްޕާގެ ހުރިހާ އެފަދަ ފޮޓޯތައް ނައްތާލުމުގެ އަމުރަށް ޝިލްޕާ ވަނީ އެދިފައެވެ. ޝިލްޕާގެ ޓީމުން ހުށަހެޅި މި މައްސަލައާ ގުޅިގެން ބޮމްބޭ ހައިކޯޓުން ވެސް ވަނީ ބަތަލާގެ އެފަދަ ފޮޓޯތައް ވަގުތުން ވަގުތަށް ނައްތާލުމަށް އޮންލައިން ޕްލެޓްފޯމްތަކަށް އަމުރުކޮށްފައެވެ. ބޮމްބޭ ހައިކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެހެން އަންހެނުންނެކޭ އެއްގޮތަށް ޝިލްޕާއަށް ވެސް އަމިއްލަ ނަފުސުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހައްގު ލިބިގެންވެއެވެ. އެއްވެސް އަންހެނެއްގެ ކަރާމާތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ފޮޓޯތައް އެގޮތަށް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް ބޮމްބޭ ހައިކޯޓުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޝިލްޕާގެ ހުއްދަނެތި ބަތަލާގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް މީގެފަހުން ބޭނުންކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ބަޔާންކޮށް އެ އަމުރާ ޚިލާފުވާ މީހުންނާ މެދު ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބޮމްބޭ ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. ފިލްމުތަކުން މި ފަހުން ވަރަށް މަދުން ފެންނަ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023ގައި ގެނެސްދިން ފިލްމު "ސުކީ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ