އެމެރިކާއާއި އީރާނަށް ހަނގުރާމައިގެ އަސަރު ކުޑަވުމަކީ މަޝްވަރާއަށް އޮތް ހުރަހެއް

މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމުގެ މަޝްވަރާއަށް އީރާނާއި އެމެރިކާއިން ފަސްޖެހެމުންދަނީ، މި ހަނގުރާމައިން އެ ދެ ޤައުމަށް ސީދާ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަވުމުންކަމަށް ބެލެވޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރުގެ ކުރީގެ ނައިބު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ކުރީގެ ނައިބު މާކް ކިމިޓް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، މި ހަނގުރާމައިގެ ސަބަބުން އީރާނާއި އެމެރިކާއަށް ސީދާ ގޮތުން ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަ ކަމަށެވެ.
ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އެ ނިރުބަވެރި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާއެކު، ތެލާއި ގޭހުގެ ސަޕްލައި ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މި މަހުގެ 8ވަނަ ދުވަހުން ފެށިގެން ޙަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވީ ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިގޮތުން، އީރާނާއެކު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބުން ޕާކިސްތާނަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރު ފަސްކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، މަޝްވަރާތައް އަނެއްކާ ވެސް ހުއްޓުމަކަށް އައިސްފައެވެ.
ކިމިޓް ވިދާޅުވި ގޮތުގައި، ސުލްޙައިގެ މަޝްވަރާތައް ބާއްވައި، މި ހަނގުރާމައަށް އަވަސް ޙައްލެއް ގެނައުމަށް އީރާނާއި އެމެރިކާއިން ފަސްޖެހެމުންދަނީ، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް ކުޑަވުމުންނެވެ.
މިގޮތުން، ހުރްމުޒް ބަންދުކުރުމުން ތެލުގެ ސަޕްލައިއަށް އައިސްފައިވާ ދަތިކަން، ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު، އެމެރިކާއަށް ކުޑަކަމަށް އޭނާ ޤަބޫލުކުރައްވައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، ކިމިޓް ވިދާޅުވި ގޮތުގައި، އެމެރިކާއިން ރަނގަޅު ތެލުގެ ރިޒަރވެއް ޤާއިމުކޮށްފައި އޮތުމެވެ.
މީގެއިތުރުން، ފާއިތުވި 47 އަހަރު ހަނގުރާމައިގެ ޙާލަތުގައި އީރާނު އޮތް އިރު، އީރާނުން ބޭނުންވާ ގޮތް ޙާޞިލްވަންދެން މި ޙާލަތު ތަޙައްމަލު ކުރުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާކަމަށް ވެސް ކިމިޓް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ