ޞަހްޔޫނީ ދައުލަތާއި އެމެރިކާއިން ޙައްޤަކާ ނުލައި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން އީރާންގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް އަދި ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. އެމެރިކާގެ ރުހުމާ އެކު ޔަހޫދީން ދިން ޙަމަލާގައި އެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޯވެފައިވާއިރު، އީރާނުން ވަނީ ރައްދުގައި ގަލްފުގެ ޤައުމުތަކުގެ ތެލާއި ގޭސް ދަނޑުތަކާއި ހަކަތައިގެ ސިނާއަތުގެ ބިނާރުތަކާއި ވަސީލަތްތަކަށް ޙަމަލާ ދޭން ފަށާފައެވެ. މިއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް %5.6 އަށް އުފުލި، ބްރެންޓް ކްރޫޑްގެ އަގު 107.38 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޢާންމު ރައްޔިތުންނަށް ވެސް މި ވަނީ މި ކަމުގެ ހިތްދަތި ނަތީޖާ ތަހައްމަލު ކުރަން ޖެހިފައެވެ.
އެމެރިކާގެ ބާޒާރުގައި ޑީސަލް ފީފާއެއްގެ އަގު 85 ޑޮލަރަށްވުރެ މައްޗަށް އުފުލި، ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލެމުން ދިޔުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުގައި ހުރި ދޯހަޅިކަމުގެ ހެއްކެއްގެ ގޮތުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ދުނިޔޭގެ ތެލުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ އެކު، ދުނިޔޭގެ ބާޒާރަށް ދުވާލަކު ނެރޭ ތެޔޮ ފީފާގެ އަދަދު 10 މިލިޔަނުން މަދުވުމުގެ ބިރު އުފެދުމުން، ޓްރަމްޕް ވަނީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގުތައް ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. މި ގޮތުން، ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަވަން ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެމެރިކާ ސަރުކާރުން މިހާރު އުޅެނީ އަމިއްލައަށް ކޮނުނު ވަޅުން ސަލާމަތް ނުވެވިގެންނެވެ.
ޔަހޫދީން ދެކުނު ޕާސް ގޭސް ދަނޑުތަކަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރުން ވަނީ ޤަޠަރުގެ ރާސު ލިއްފާން ހަކަތައިގެ މަރުކަޒަށް ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ) ސަޢޫދީ ޢަރަބިއްޔާގެ ހަކަތައިގެ ބިނާރުތަކަށް ވެސް އީރާންގެ ޙަމަލާތައް އަމާޒުކުރިއެވެ. އީރާނުން ބުނީ، ޙަމަލާތައް އަމާޒު ކުރަމުން އެ ދަނީ، ހަނގުރާމައިގައި އެމެރިކާއާއި ޞަހްޔޫނީންނަށް އެހީތެރިވަމުންދާ ގަލްފުގެ ޤައުމުތަކަށް ކަމުގައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެެންޓް ކްރޫޑް ފިޔުޗަރސް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔަރީގެ ފަރަގު ވޭތުވެދިޔަ 11 އަހަރު ނުއުފުލޭ މިންވަރަކަށް އުފުލިގެން ދިއުމަކީ، އިސްތިޢުމާރީ ބާރުތަކުން އީރާނާ ކުޅެން އުޅުމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދީ ބިންގާ ގުޑައިފިކަމުގެ ސާފު ހެއްކެއްގެ ގޮތުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. އަދި، މި ކާރިސާއަށް ނިމުމެއް އަންނާނީ، އީރާނަކީ މެދިއިރުމަތީގެ ސަރަޙައްދީ ބާރެއްގެ ގޮތުގައި ބަލައިގަނެ، ޞަހްޔޫނީންގެ އުދުވާންތައް ހުއްޓާލުން ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ހަނގުރާމައިގެ ނަތީޖާއަކީ ކާރިސާއަކަށް އެމެރިކާ ވެއްޓި، ތަކުލީފުގައި ޖެހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ