ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޫކޮށްލަން ބޭނުންފުޅުވަނީ ގައުމު އިސްކުރެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ގައުމަށް ފައިދާވުމުގެ ބަދަލުގައި ވަނީ ގެއްލުން ކަމަށާއި، އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަމެޖޯރިޓީ ގެއްލޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދަނީ ކޮން މަންފާއެއް ލިބެން އޮތަތީތޯ ޕީއެންސީގެ އާންމު މެންބަރުން ސުވާލު ކުރަމުންދާ ކަމަށެވެ.
"އެހެން ސުވާލު އުފެދޭނެ ނުންތޯ، މިއަދާ ހަމައަށް އައިއިރު ސަރުކާރުތަކުން، ޕާޓީތަކުން މަސައްކަތްކޮށްފައި އޮތީ އެ މީހުންގެ އަމިއްލަ ވިސްނުމުގައޭ. އަމިއްލަ ފައިދާ އިސްކޮށްފަ އޮތީ. ގައުމެއް ނޫނޭ އިސްކޮށްފަ އޮތީ. އެހެންވީމާ އެ ސުވާލު އުފެދޭނެއޭ، އުފެދުމުގެ ހައްގުވެސް އެބައޮތޭ، އެ އުފެދުުމުގެ ފުރުސަތުވެސް އެބައޮތޭ. އެހެންވީމާ އެ ސުވާލު އުފެދޭނެ. އެކަމަކު އަޅުގަނޑު މިއަދާ ހަމައަށް އައިއިރު ތިންވަނަ އަހަރަށް ދިޔައިރުގައި އަޅުގަނޑުގެ ކިބައިން މި ސަރުކާރުން ކިބައިން އަދި މި ޕާޓީގެ ކިބައިން ރައްޔިތުންނަށް ފެނިފައި ހުރީ އެކަމެއް ނޫނެއް ނުންތޯ. އަޅުގަނޑުމެން އިސްކުރީ ގައުމު. ގައުމު އިސްކޮށްގެން އަޅުގަނޑުމެން މިއަދާ ހަމައަށް މިއައީ" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ހަ މަސް ދުވަހުގެ އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން މި ދޫކޮށްލަން ބޭނުންވަނީ. ދޫކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ ގައުމު އިސްކުރަންށޭ"
އެހެން ކަމުން ރައީސް ވަނީ ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ދެއްވުމަށް ވޯޓް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ވަނީ ކައުންސިލް އިންތިޚާބު ދޫކޮށްލާ "ފެންނަ ނުފެންނަ" ވޯޓަށް ފޯކަސް ކޮށްގެން މުޅި އިދިކޮޅުން މިއަދު ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ބަދަލުތައް ރާއްޖެއަށް ގެންނަން ބޭނުންނުވާތީ ކަމަށްވެސް ވިދާޅުވެފަ އެވެ.
ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލު ތަސްދީގު ކުރަން ރައްޔިތުން ރުހުން ދީފި ނަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނެ އެވެ. އޭރުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރު މިހާރު ވެސް އޮތް ގޮތަށް ނޮވެމްބަރު 17 ފެށުނަސް އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނީ ޑިސެންބަރު 1 ގަ އެވެ.
ސުޕަ މެޖޯރިޓީ ދޫކޮށްލަން ބޭނުންވަނީ ގައުމު އިސްކުރަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ