ޒަމާނީ ރަންނަމާރި ބަލިކުރުމަށް އަބުލްބަރަކާތަކަށް ބޭނުންވެފައި ޒަމާނީ ރަންނަމާރި ބަލިކުރުމަށް އަބުލްބަރަކާތަކަށް ބޭނުންވެފައި

ރަންނަމާރި ވާހަކަ ނޭނގޭނީ ކާކަށް ހެއްޔެވެ؟ އަޅުގަނޑުމެންގެ ކޮންމެ ދިވެއްސަކު ބޮޑުވީ އެ ވާހަކައާ އެކުގަ އެވެ. އާއިލާއާއި މަދަރުސާއިން އަޅުގަނޑުމެންނަށް ކިޔައިދިނީ އެއް ތައްގަނޑަކަށް ފެތި ހިމުންވާ އެއް ވާހަކައެކެވެ. އެންމެންނަށް އެނގޭ ވާހަކައަކަށް ވާތީ އެ ވާހަކައަށް ވަރަށް އަވަސް ކަޅިއެއް އެއްލަމާ ހިނގާށެވެ.
ދިވެހިރާއްޖެ އިސްލާމްވުމުގެ މާ ކުރިން، މި ރަށްތަކަށް ކަނޑުން އަރާ ބޮޑު އިފުރީތެއްގެ ނުރައްކާ އޮތް ކަމަށް ބުނެވެ އެވެ. މި އިފުރީތަށް ކޮންމެ މަހަކު އެއްފަހަރު ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު ގުރުބާން ކުރަން ޖެހެ އެވެ. އެ ކުއްޖާ ރޭގަނޑު ބުދުކޯލަށް ލާފައި ބަހައްޓަނީ އެވެ. ހެނދުނު ބަލާއިރު އެ ކުއްޖާ އޮންނަނީ މަރުވެފަ އެވެ. ނުވަތަ މަރާލާފަ އެވެ. މި ބިރުވެރިކަމުން ސަލާމަތްވީ ބޭރުގެ ދަތުރުވެރިއެއް ކަމަށްވާ އަބުލް ބަރަކާތުލް ބަރުބަރީގެ ސަބަބުންނެވެ. އޭނާ އެ އަންހެން ކުއްޖާގެ ބަދަލުގައި ބުދުކޯލުގައި އިނދެ، މުޅި ރޭގަނޑު ގުރުއާން ކިޔެވުމުން އެ ބޮޑު އިފުރީތު ފިލައި ރައްކާވެގެން ދިޔައީ އެވެ. ނުވަތަ އިފުރީތުގެ ދުވަސް ދިޔައީ އެވެ. މި މުއުޖިޒާތް ފެނި ރަސްގެފާނު އިސްލާމްވެ ރާއްޖޭގެ ރައްޔިތުން ވެސް އިސްލާމް ދީނަށް ތަބާވި އެވެ. ބަސްބުނާހިނދުން ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވީ އެވެ.
ތުންތުންމަތިން ކިޔަމުން އައިސް، މިހާރު ފޮތްތަކަށްވެސް ތިރިކުރެވިފައިވާ މި ވާހަކައަކީ ބޭރުފުށަށް ބަލާއިރު ނިކަން ފުރިހަމަ ވާހަކަ އެކެވެ. ސިޔާސީ ނިޒާމެއްގެ ބިންގަލުގެ ގޮތުގައި ބޭނުންކުރާ ގިނަ ވާހަކަތަކެކޭ އެއްފަދައިން، މި ވާހަކައިގެ ފަހަތުގައިވެސް، މަތިމަތިން ފެންނާން އެހުރި މަންޒަރަށްވުރެ ފުން މާނަތަކެއް ވެއެވެ.
މި ވާހަކައިގެ ސިޔާސީ ބާރުވެރިކަމުގެ ކުލަވަރުތައް އެއްފަރާތްކޮށްލުމަށްފަހު ފުންކޮށް ވިސްނާލައިފިނަމަ، ބައެއް ސުވާލުތައް އުފެދެ އެވެ. މި އިފުރީތުގެ ޝިކާރައަކީ އަބަދުވެސް ބިކުރުވެރި އަންހެން ކުދިން ކަމުގައި ވުމުގެ ހިކުމަތަކީ ކޮބައިހެއްޔެވެ؟ ފިރިހެނުންގެ މަސް އިފުރީތަށް ކަމުނުދަނީބާ އެވެ؟ އިފުރީތަށް ކުރެވޭ މި ގުރުބާނީއަކީ މާ ސިއްރިއްޔާތުގައި ކުރެވޭ ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ އެތައް ޒަމާނެއް ވަންދެން ހިނގަމުންދިޔަ އެކަންތަކުގެ އެކޮޅުމިކޮޅު ބަލާން އެ ބުދުކޯލަށް ދާނޭ ހިތްވަރު ހުރި އެކަކު ވެސް އޭރު މާލޭގައި ނެތީ ހެއްޔެވެ؟ ހަމަ ހިލާ އެހެނެއް ނުވާނެ އެވެ.
ރަންނަމާރީގެ ވާހަކައަކީ ކަނޑުން އެރި މަހުލޫގެއްގެ ވާހަކައަށްވުރެ ބޮޑަށް، ވެރިންގެ ފާހިޝް އަމަލުތަކާއި، ޒިންމާތަކުން ބަރީއަވުމަށް ބޭނުންކުރި އުކުޅުތައް ބުނެދޭ ވާހަކައެއްގެ ގޮތުގައިވެސް ބެލިދާނެ އެވެ. އެއީ ވެރިކަމުގެ ބާރުގައި ތިބި މީހުންގެ ވަހުށީ އަމަލުތައް ފޮރުވުމަށް އުފެއްދި ވާހަކައެކެވެ. މި ނަޒަރުން ބަލާއިރު، އެ އިފުރީތަކީ ބޭރުން އައި އެއްޗެއް ނޫނެވެ. އެއީ ބިރުވެރިކަމާއި، ހަނުހުރުމާއި، އަދި ސަގާފީ އާދަކާދައިގެ ނިވާފަތްގަނޑުގެ ތެރެއިން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ފޮރުވިފައި އޮތް ކަމެކެވެ. އެބުނާ ރަންނަމާރިއަކީ އެހެން ދެވަނަ އެއްޗެއް ނޫނެވެ. އެ ޒަމާނުގެ ރަސްގެފާނު، ނުވަތަ ވެރިކަމުގެ ފަރާތުގެ ބާރުގަދަ މީހެކެވެ. ބިކުރުވެރި އަންހެންކުދިން ބުދުކޯލަށް ގެންދިޔަ ގެންދިއުމަކީ އޭނާ ޖިންސީ އެދުން ނިއްވާން ހިޔާރުކުރި މުޑުދާރު މަގެވެ.
މި ނަޒަރުން ބަލާއިރު، އަބުލް ބަރަކާތުގެ ދައުރު މުޅިން ބަދަލުވެގެންދެ އެވެ. އޭނާއަކީ ހަމައެކަނި ގުރުއާނުގެ މުއުޖިޒާތުން އިފުރީތެއް ބަލިކުރި މީހެއް ނޫނެވެ. އޭނާއަކީ ބާރުގަދަ މީހުން އެންމެ ބިރުގަންނަ ފަދަ މީހެކެވެ. އެއީ ހެކިވެރިއެކެވެ. ކަންކަމަށް ފާރަވެރިވެ، ނިޒާމުގެ ތެރޭގައި ފޮރުވިފައި ހުރި ކަންކަން ހާމަކުރަން ކެރުނު މީހެކެވެ. ރަސްގެފާނު ގަންނަމުން ދިޔަ ގަނޑު ފަޅައިއެރުމުން އެފަކީރަށް އިތުރު ގޮތެއް ނޯންނާނެ ނޫންހެއްޔެވެ؟ އެހެންކަމުން، އިސްލާމްވުމަކީ ރަސްގެފާނަށް އައި ހަމައެކަނި ރޫހާނީ ބަދަލެއް ނޫނެވެ. އެއީ ވެރިކަމުގެ ނިޒާމަށް އައި ސިޔާސީ ބަދަލެކެވެ. އެއީ ފަޅައިއަރައިފާނެ ކަމުގެ ބިރު ފެންމަތިވީ ހިނދު، ބާރުވެރިން އަމިއްލަ ސޫރަ ބަދަލުކޮށްލައިގެން ބާރުވެރިކަމުގައި ދެމިތިބުމަށް ކުރި ކަމެކެވެ.
ރަންނަމާރި ވާހަކައިގައި މި ކުލަވަރު ޖައްސައިގެން ކިޔަން އުޅުނީމާ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެސް އަމިއްލަ ނަފުސަށް އުނދަގޫވާތީ މިއީ އާންމުކޮށް ދެކެވޭ ވާހަކައަކަށް ނުވީ އެވެ. އެކަމަކު މިއީ މާބޮޑަށް ހަގީގަތާ ގާތް ވިސްނުމެއް ނޫންތޯ އެވެ. އެކަމަކު ވެސް އަޅުގަނޑުމެންގެ ބަޔަކު އަދިވެސް ތިބީ ސުކޫލުން ދަސްކޮށްދީ ހިތުގައި ބިންވަޅު ނެންގުވި ވާހަކައަށް އިތުރު ފިކުރެއް ދިނުމެއް ނެތި އެވާހަކަ ގަބޫލުކޮށްގެންނެވެ.
އެ ހާދިސާގެ ފަހަށް އަށް ގަރުނު ވެއަތުވެ ނުވަ ވަނަ ގަރުނު ހިނގަމުންދާއިރު ދިވެހިން ގަބޫލުކޮށްގެން މިތިބީ ރަންނަމާރި ބަލިކުރެވިއްޖެ ކަމަށެވެ. ނަމަވެސް އިފުރީތުންނަކީ އެހާ ފަސޭހައިން މަރުވާ ބަޔަކަށް ނުވަނީ ތޯއްޗެކެވެ. އަދިވެސް އެ ރަންނަމާރީގެ އަސަރު އެބަ ފެނެ އެވެ. ޒަމާނީ ގޮތުގަ އެވެ.
މި ޒަމާނުގެ ރަންނަމާރި އަރަނީ ކަނޑަކުން ނޫނެވެ. އަދި އެސޮރު ފާޅުގައި ގުރުބާނީއަކަށްވެސް ނޭދެ އެވެ. އޭގެ ބަދަލުގައި އެސޮރުގެ މަސައްކަތް ހިނގަނީ މުއައްސަސާތަކާއި، ބާރުގެ ގިންތިތަކާއި، އަދި ސިއްރު ބިރުދެއްކުންތަކުގެ ތެރެއިންނެވެ. އެސޮރު ހަޅޭކެއް ނުލަވަ އެވެ. އާންމު ތަންތާކު މީހުންނެއް ނުމަރަ އެވެ. ނަމަވެސް، ސިއްރު ސިއްރުން މީހުންގެ ދިރިއުޅުން ހަލާކުކޮށްލަ އެވެ.
މިއަދުގެ ޒުވާން އަންހެނުން ބުދުކޯލަށް ލައި ބަންދުކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި އޮފީސްތަކާއި، ދައުލަތުގެ އެންމެ ހުރުމަތްތެރި ހުދު ގަނޑުވަރު ފަދަ ބާރުގެ ކިއްލާތަކުގައި އެކުދިން ތާށިކުރަނީ އެވެ. ކިޔަމަންތެރިކަން ހޯދަނީ އިޖުރާއަތްތަކުގެ ނަމުގައި ބިރުދައްކައިގެންނެވެ. އަދަބު ދެނީ އަހުލާގީ ފިޔަވަޅުގެ ނަމުގަ އެވެ. އަދި ހަނުހުރުމަކީ ޕްރޮފެޝަނަލްވުން ކަމަށް ބުނެ މަޖުބޫރުކުރުވަ އެވެ. ބަސް ނޭހުމުގެ ނަތީޖާ އޮންނަނީ ނުލިޔެވި ނަމަވެސް އެންމެނަށް އެނގޭ ގޮތަށެވެ. ވަޒީފާގެ ކުރިއެރުން ހުއްޓެ އެވެ. އަބުރު ކުނިކޮށްލެވެ އެވެ. ސިހުރު ހެދުމާއި އެ ނޫން ވެސް ވިޔާނުދާ ތުހުމަތުކޮށް ބައެއް މީހުން ޖަލަށް ލެވެ އެވެ. މަގާމުން ދަށްކުރެވެ އެވެ. ނުވަތަ ވަކި ސަބަބެއް އެންގުމެއް ނެތި ވަޒީފާއިން ވަކިކުރެވެ އެވެ. އަދި ބައެއް ހިތާމަވެރި ހާލަތްތަކުގައި، މިކަހަލަ ރަންނަމާރީގެ ދުއްޕާނަށް ކެތްނުކުރެވޭ ވަރަށް ޕްރެޝަރު ބޮޑުވެ ބައެއް ކުދިންގެ ފުރާނަވެސް ގެއްލި ގޮއްސި އެވެ.
މިޒަމާނުގެ ރަންނަމާރި އެސޮރުގެ މަސައްކަތް ހިންގާލަނީ ނިޒާމީ އިންތިޒާމުގެ ހުރިހައި ބާރެއްގެ އެންމެ އުހުންނެވެ. ޖަލަށް ލެވުނު މީހަކު ޖަލަށް ލެވުނީ ކީއްވެގެންކަމާއި، މަރުވި ކުއްޖަކު މަރުވީ ކީއްވެގެންކަމާއި، ވަޒީފާއިން ވަކިކުރެވުނު ކުއްޖާ ވަޒީފާއިން ވަކިކުރެވުނީ ކީއްވެގެންކަން ވެސް އޮންނަނީ ސިއްރު ކުރެވިފަ އެވެ. ބައެއް ހޮޓާހޮޓަލުގައި ބަޔަކު މީހުން ލައްވާ ޗުކުޗުކެއްގެ އަޑު ފިޔަވައި އެހެން އަޑެއް ނީވޭނެ އެވެ. އިވުނަކަ ނުވެސް ދޭނެ އެވެ.
ރަންނަމާރީގެ އަސްލު ވާހަކައިގެ މޮޅުކަމަކީ، އަނިޔާވެރިކަމަކީ ބޭރުގެ އެއްޗެއްގެ ގޮތުގައި ދެއްކުމެވެ. ވެރިކަމުގެ ބާރާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި، އިފުރީތެއް ދެކެ ބިރުގަތުމަށް މުޖުތަމައަށް ދަސްކޮށްދިނުމެވެ. މި ޒަމާނުގެ ރަންނަމާރިވެސް ބޭނުންކުރަނީ ހަމަ މި އުކުޅެވެ. މި އަންހެން ކުދިންނަށް ދިމާވި ގިލަންތަކަކީ ވަކިވަކި ހާދިސާތަކެއް ކަމަށާއި، މިއީ އަމިއްލަ ފަރުދުންގެ ނާކާމިޔާބީއެއް ކަމަށް އަހަރެމެންނަށް ގަބޫލުކޮށްދެ އެވެ. މިއީ މުޅި ނިޒާމުގެ ތެރޭގައި އޮތް ކަމެއްކަން ގަބޫލުކުރާކަށް އެމީހުން ބޭނުމެއް ނުވެ އެވެ. ހުރުމަތްތެރި ހުދުގަނޑުވަރުގެ މޭޒުތަކަށް ވާހަކަ ދެއްކޭނަމަ އެ މޭޒުތައް ހާދަ ވާހަކައެއް އަހަރުމެންނަށް ކިޔައިދޭނެ އެވެ. އެންމެ ފަހުން ގެއްލިގެން ދިޔަ ވަޒީފާތަކުގެ ކުރިޔަށް ހިނގައިދިޔަ ހާދިސާތަކުގެ ތެތް، ތަތްކަން އެ މޭޒުތަކުގައި އަދިވެސް ހަރުލާފައި އެހުރީ އެވެ.
ރާއްޖޭގެ އެތެރެކޮއިލުގެ ހުރުމަތް ވެއްޔާ މޮޑެވިއްޖެ އެވެ. މިއަދު ރާއްޖެއަށް ބޭނުންވަނީ ގަދީމީ ވާހަކަތަކަކަށް ޝައުގުވެރިވުމެއް ނޫނެވެ. ނުވަތަ އަހުލާގީ ކާމިޔާބީތަކަކީ ދާއިމީ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ތިބުމެއްވެސް ނޫނެވެ. ބޭނުންވަނީ މި ހިނގާ ކަންކަން ހުއްޓުވުމެވެ. މިއޮތީ މިމަގަށް ދިވެހިރާއްޖެއަށް މިސްރާބު ދައްކާނޭ އަބުލްބަރަކާތަކަށް އަނެއްކާ ވެސް ބޭނުންޖެހިފަ އެވެ.
މި ޒަމާނުގެ އަބުލް ބަރަކާތަކީ ހަމައެކަނި މުއުޖިޒާތެއް ދައްކާނެ މީހެއް ނޫނެވެ. އެއީ ކަންކަން ހާމަކުރާނެ މީހެކެވެ. ދެކޮޅުވެރިވާނެ މީހެކެވެ. ބާރުވެރިން ބޭނުންވާ ގޮތާ ހިލާފަށް، ހަނުހުރުމުގެ ބަދަލުގައި ބަސް ބުނަން ކެރޭނޭ މީހެކެވެ.
ޒުވާން ބިކުރުވެރި އަންހެން ކުއްޖެއްގެ ލިބާހުގައި ބުދުކޯލުގައި ނުވަތަ ހުރުމަތްތެރި ހުދުގަނޑުވަރުގައި އަލުން ރޭކުރާނެ އަބުލްބަރަކާތަކު ފާޅުނުވާހައި ހިނދަކު މި ޒަމާނުގެ ރަންނަމާރި ދިރިއޮންނާނެ އެވެ. ކަނޑަކު ނޫނެވެ. ބިރުވެރިކަމާއި އަނިޔާވެރިކަމާއި ސިއްރުވެރި ރޭވުންތަކުން ފޮރުވިފައިވާ ހުދު ގަނޑުވަރެއް ފަދަ ހިމާޔަތުގެ ކިއްލާގަ އެވެ. ސަމާލުވާށެވެ. އެސޮރު މިހާރު ވެސް އެ ގެންދަނީ އިތުރު ޝިކާރައަކަށް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ