މާލެ ސަރަހައްދުން ގޯތިތައް ދޫކޮށްފައިހުރީ އާބަން ސިޓީގެ މިންގަނޑުން ބޭރުން: މުއްތަލިބް

އެމްޑީޕީގެ ސަރުކާރު ފައިބައިގެންދަމުން މާލެ ސަރަހައްދުން ގޯތިތައް ދޫކޮށްފައިވަނީ އާބަން ސިޓީގެ މިންގަނޑުން ބޭރުންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހުޅުމާލެ ފޭސް ތިނެއްގެ ހިއްކައި ނިމިފައިވާ ބިމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މާލެ ސަރަހައްދުން ގޯތިތައް ދޫކޮށްފައިވަނީ، ހިއްކަން ހުރި ހުރިހާ ހިސާބަކުންކަމަށެވެ. އެގޮތުން ގުޅީފަޅުގެ ޕޯޓް ޑިވެލޮޕް ކުރުމަށްޓަކައި ކަނޑައަޅާފައި ހުރި ބިން ފިޔަވައި ބާކީ ހުރި ބިންތައް ހުރީ ގޯތިތައް ކަނޑާފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުންވެސް ގިނަ އަދަދެއްގެ ގޯތި ދޫކުރަން ނިންމާފައި ހުރި ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިސް އެގާރަސަތޭކަ ސާދަ ގޯތި ގުޅީފަޅަށް ބަދަލުކޮށްގެންވެސް އެންމެ އެކަށީގެންވާ ވަރަކަށް ގިރާވަރު ޕްލޭން އެއް ނުކުރެވުނުކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ފަރާތްތަކަށް ގޯތި ދޭން ޖެހޭތީވެ، އެ ގޯތިތައް ގިރާވަރުން ކަނޑާފައި ދިނުމަށް ނިންމީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން ބޭނުންވޭ އޭރުގައި މާލެ ސަރަހައްދުން ހިއްކަން ހުރި ހުރިހާ ބިމަކުން ދެވެން އޮތް އެންމެ ގިނަ އަދަދަކަށް ގޯތިތައް ކަނޑައަޅާފައި ހުރީ. ހަގީގަތުގައި އާބަން ސެންޓަރަކަށް، އާބަން ސިޓީއަކަށް ބޭނުންވާ ވަރަށް ވުރެސް މާ ގިނައިން ގޯތިތައް ދޫކޮށްފައި ހުރީ
ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު
މިނިސްޓަރު ވިދާޅުވީ އެއްވެސް ބެލުމެއް އަދި ޕްލޭނެއްނެތި، އެހާގިނަ އަދަދަކަށް ގޯތިތައް ދޫކޮށްފައިހުރުމުން ބޭނުންވާ ވަރަށް ހިތްފަސޭހަކޮށްލާނެ ސަރަހައްދުތައް ކަނޑައަޅަންވެސް ދަތިވެފައިވާކަމަށެވެ. އެގޮތުން އެފަދަ ސަރަހައްދުތައް އެތަންތަނުގައި މަދުވާނޭކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 
އެމްޑީޕީ ސަރުކާރުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ފޭސް ތިނެއްގެ ފަޅޫތެރެއިން ގޯތިތައް ދޫކޮށްފައިވާކަން ސަރުކާރުން މީގެ ކުރިން ފާހަގަކޮށްފައިވާއިރު، މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފޭސް ތިނެއްގެ ސަރަހައްދު ހިއްކުމަށް ބޮޑު ހަރަދެއް ކުރަންޖެހުނުކަމަށެވެ. އެކަން އެހެން ދިމާވީ ހިއްކި ސަރަހައްދަކީ މީގެ ކުރިން ފޭސް އެކެއް ހިއްކުމަށްޓަކައި ކަޓަރ ސަކްޝަން ޑްރެޖަރ ބޭނުންކޮށްގެން ވަރަށް ފުންކޮށް ކޮނެފައި އޮތް ތަނެއްކަމަށެވެ. އެހެންކަމުން ފޭސް ތިނެއްގެ އެ ސަރަހައްދު ހިއްކުމަށް ގިނަ އަދަދަކަށް ވެލި ބޭނުންކުރަން ޖެހުނުކަންވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްތަން ނިމިފައިވާއިރު، މިހާރު ކުރަމުންގެންދާ މަސައްކަތްތަކަކީ އެތަންތަނުން ގޯތިތައް ލިބުނު މީހުންނަށް ގޯތިތައް ދިނުމުގެ މަސައްކަތެވެ.  އަލަށް ހިއްކި ފޭސް 3 އިން 63 ހެކްޓަރު ހިއްކާފައިވާއިރު އެތަނުން 1،351 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގުޅީފަޅުން ގޯތި ދިނުމަށް 150 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުން 3،520 ގޯތި ދޫކުރާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ