ހިރާ ސްކޫލުގެ ދިވެހި 'ސްކްރިބަލް'؛ ބަހަށް ދިން ހަދިޔާއެއް

'ބަސްވާރު'ގެ ނަމުގައި ހިރާ ސްކޫލުން، ދިވެހި ސްކްރިބަލް ގޭމެއް ނެރެފި އެވެ.
ވީ ކިހިނެއް؟- އައްޑޫގައި ހުންނަ ހިރާ ސްކޫލުން، މި ގޭމު ނެރެފައިވަނީ ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ބަހުގެ މިނިސްޓަރު ޑރ. އާދަމް ނަސީރު އިބްރާހީމެވެ.
އާއްމުކޮށް އިނގިރޭސި ބަހުން އޮންނަ ސްކްރެބަލް ގޭމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަޝްހޫރު ކުޅިވަރެކެވެ. އަކުރުތައް ބޭނުންކޮށްގެން ބޭނުން ލަފުޒުތަކެއް ހަދާ މި ގޭމުން، ބަސްކޮށާރު މުއްސަނދި ވެ އެވެ.
ހިރާ ސްކޫލުގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ދީނީ އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވީ ދިވެހި ބަހުން މި ގޭމު އުފެއްދެވުމުގެ ހިޔާލު އައީ، ސައުދީ އަރަބިއްޔާގެ އެމްބަސީއިން ރާއްޖޭގައި ބޭއްވި އިވެންޓެއްގައި، އަރަބި ބަހުން އެ ގޭމު ކުޅޭތަން ފެނިވަޑައިގެންނެވުމުންނެވެ.
"އެ ވަގުތު ހިތަށް އެރީ ދިވެހި ބަހުން ވެސް އެ ފަދަ ގޭމެއް އޮތުން ވަރަށް މުހިއްމޭ،" އަނީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ތިން އަހަރު ކުރިން އެ ގޭމު އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، އަސްރަފީ ބުކްޝޮޕުން އެ ފަދަ ގޭމެއް ގަންނަވައި، އޭގެ 'ޕްރޮޓޯޓައިޕް' ހައްދަވައިގެންނެވެ. އަދި ގޭމު މުޅިން ނިންމަވައި، އެކި އުމުރު ފުރާގެ މީހުންނަށް އޭގެ އަޖުމަ ބެއްލެވުމަށް ދެއްވި ކަމަށާއި ހުރިހާ އެންމެންގެ ފަރާތުން ވެސް ފެނުނީ ޝައުގުވެރިކަން ކަމަށް ވިދާޅުވި އެވެ.
މި ގޭމު ތަޖުރިބާކޮށްލި ގިނަ މީހުން ދުށީ، މިއީ ދިވެހި ބަހަށް ދިން ހަދިޔާއެއް ކަމަށެވެ.
ހިރާ ސްކޫލުން ބުނީ އަސްރަފީގެ ބުކްޝޮޕްތަކުން މި ގޭމު މިހާރު ގަންނަން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ