މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ 2 ބިލިއަނަށް ޖައްސާނަން: ޒަރިޔަންދު

މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ހޮއްވަވައިދެއްވައިފި ނަމަ އެ ކައުންސިލްގެ އާމްދަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއަށް ޖައްސަވައިދެއްވާނެ ކަމަށް މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެއެވެ. އޭނާ އަންނަނީ އިދިކޮޅު ޕީއެންއެފްގެ ތާއީދާ އެކު މާލޭ މޭޔަރުކަމަށް ވާދަކުރައްވަމުންނެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން މި ސިޓީގެ ބިންތައް ދޫކުރުމުގައި ރިޝްވަތުގައި ހިފައި، އަގަކަށްނުވާ ކަހަލަ އަގުތަކެއްގައި ބޮޑެތި ބިންތައް ދޫކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އާމްދަނީ ވަރަށް ދަށްކަން އޭނާ ފާހަގަކުރެއްވިއެވެ. "މާލޭގައި ބައެއް ބިލްޑިންތައް އެބަހުރި އެ ބިލްޑިންތަކުގެ އެކި ބައިތައް ކުއްޔަށް ދީގެން މަހެއްގެ މައްޗަށް 900،000 ރުފިޔާގެ އާމްދަނީއެއް ލިބޭ. އެކަމަކު، އަޅުގަނޑުމެން މި ބޮޑު މާލޭ ސިޓީގެ އެތައް ސަތޭކަ އަކަފޫޓެއްގެ ބިން ކުއްޔަށް ދީފައި ހުރީއިރުގައި އަޅުގަނޑުމެންނަށް މި ލިބެނީ އެހާކަންހާވަރު،" ޒަރިޔަންދު ވިދާޅުވިއެވެ. ޒަރިޔަންދު: އޭނާ ވިދާޅުވީ ވަކި ލޯގޯއަކަށް ތަބާނުވާނެ ކަމަށް -- ފޮޓޯ/ ޕީއެންއެފް އޭނާ ވިދާޅުވީ، މޭޔަރުކަމަށް ހޮއްވަވައިފި ނަމަ މާލޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީ ބޮޑުކޮށްދެއްވާނެ ކަމަށެވެ. އެ ގޮތުން، މިހާރު މާލޭ ސިޓީ ކައުންސިލަށް ވަންނަނީ އަހަރެއްގެ މައްޗަށް 208 މިލިއަން ރުފިޔާގެ އާމްދަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އަދަދު އޭނާގެ މޭޔަރުކަމުގެ ފަސް އަހަރު ނިމޭއިރު ދެ ބިލިއަން ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް އޭނާ ވައުދުވެލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މާލޭ ސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ވެހިކަލްތަކުގެ އަހަރީ ފީއަށެވެ. އެކަމަކު، އެ ވެހިކަލްތަކަށް ވެސް ރަނގަޅު މަގަކާއި ޕާކިން ހޯދައިނުދެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. "އޭގެ ތެރެއިން 125 މިލިއަން ރުފިޔާ މި ލިބެނީ މި ދުއްވާ ސައިކަލުތަކާއި ވެހިކަލްތަކުގެ އަހަރީ ފީއަށް. ވިސްނަވާ، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ 60 ޕަސެންޓް މި އަންނަނީ މަގުމަތީގައި ދުއްވާ ވެހިކަލްތަކުން. އެކަމަކު، ވެހިކަލްތައް ޕާކްކުރާނެ ތަނެއް ނުދެއްކޭ. ވެހިކަލްތައް ދަތުރުކުރާނެ މަގެއް ނުހެދޭ. މިއީ ހާލަތަކީ،" ޒަރިޔަންދު ވިދާޅުވިއެވެ. އޭނާއަކީ ވަކި ސިޔާސީ ލޯގޯއަކަށް ތަބާވާނެ މީހެއް ނޫން ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތަބާވާނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ