ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސަށް ދިން ހަމަލާއަކީ ޓެރަރިޒަމް، އެކަން ބަލައިނުގަންނާނަން: ރާއްޖެ
އަވައްޓެރި ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ބަލޯޗިސްތާނު ޕްރޮވިންސްގައި ދިން ހަމަލާއަކީ ސީދާ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ، އެ ކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، ޓެރަރިޒަމްގެ އެއްވެސް އަމަލަކީ ރާއްޖޭން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. މި ދަނޑިވަޅުގައި، ބަލޯޗިސްތާނަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ކިޔައިފައެވެ. އަދި މި ހިތާމަވެރި ވަގުތުގައި ޕާކިސްތާނުގެ ރައްޔިތުންނާއި ސަރުކާރާއެކު ތިބިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ، ހަމަލާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. ޕާކިސްތާނުގެ ދެކުނު ހުޅަނގުގައި އޮންނަ ބަލޯޗިސްތާނު ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކާ ގުޅިގެން 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، ބޭރު ރިޕޯޓުތަކުގައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދުވަހު ދިން ހަމަލާގައި އާންމުންގެ 31 މީހަކާއި ބަލޯޗިސްތާނު ޕްރޮވިންސްގައި ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުންގެ ތެރެއިން 17 އޮފިސަރަކު ވަނީ މަރުވެފައެވެ. އަދި މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ ތެރެއިން 145 މީހުން މަރާލާފައިވެއެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ބަލޯޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ) ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ. ޕާކިސްތާނު ސަރުކާރުން ވަނީ، އިންޑިއާ ސަރުކާރުން ބީއެލްއޭއަށް ވާގިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން އެކަން ދޮގުކުރެއެވެ. ބީބީސީއާ ހަވާލާދީ ޕާކިސްތާނުގެ ޖޫނިއާ އިންޓީރިއާ މިނިސްޓަރު ޠަލާލް ޗައުދަރީ ވިދާޅުވީ، ބީއެލްއޭއިން ހަމަލާތައް އަމާޒުކުރީ ބަލޯޗިސްތާނުގެ ވެރިރަށް ކޫތާއާއި، އަދި ކައިރި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކަށާއި ސްކޫލުތަކަށާއި ބޭންކުތަކަށާއި މާކެޓުތަކަށް ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ކޫތާގެ އިދާރީ ބައެއް އިމާރާތްތަކާއި މަގުތައް އެއް ދުވަހަށް ބަންދުކުރިއިރު، މުވާސަލާތީ ޚިދުމަތްތައް މެދުކެނޑި، ރޭލުގެ ދަތުރުތައް ވެސް މަޑުޖައްސާލާފައިވެއެވެ. ބީއެލްއޭއިން ބުނީ، 31ވަނަ ދުވަހު ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 84 ސިފައިންގެ މީހަކު މަރާލައި، އިތުރު 18 ސިފައިންގެ މީހަކު ރަހީނުކޮށްފައިވާ ކަމަށެވެ. އެކަމަކު ޕާކިސްތާނުގެ ސިފައިންގެ ފަރާތުން މިކަމާ މެދު އެއްވެސް އެއްޗެއް އަދި ނުބުނެއެވެ. ޕާކިސްތާނުގެ 44 ޕަސެންޓު ކަވަރުކުރާ ބަލޯޗިސްތާނުގައި އެ ގައުމުގެ 240 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ