ފަހަތުން އަރައި އަލް ފެއިހާ އަތުން މޮޅުވެ އަލް އިއްތިހާދު ހަތަރުވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އަލް ފެއިހާ އަތުން މޮޅުވެ ޗެންޕިއަން އަލް އިއްތިހާދުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ސައުދީ ލީގުގެ ކުޅުން ރޭ އަލުން ފެށިއިރު، ރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ފެއިހާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު އަބްދުލްހަމީދު ސަބީރީ އެވެ.
ފެއިހާ އިން ލީޑު ހޯދުމުގެ ކުރިން އަލް އިއްތިހާދަށް ވެސް ވަނީ ލީޑު ނެގުމަށް ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް ފެއިހާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
Advertisement
އިއްތިހާދުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ. އަދި އެޓީމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަޙްމަދު އަލް ޣަމްދީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި އަލް އިއްތިހާދުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މަރުވާން އަލް ޞަޙާފީ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން އަލް އިއްތިހާދަށް 46 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. ެަދި މިމެޗުން ބަލިވި އަލް ފެއިހާ އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ