ސިޓީ އަދި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖައްސަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓު ހެދޭނެ އިންތިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު ވެސް އެފަދަ ބައެއް ކައުންސިލްތަކުން އެ ހިދުމަތް ދެމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ، މުހައްމަދު ޝައްމާން ފާހަގަކުރެއްވީ، ޝައްމާން ވިދާޅުވީ އާންމުންގެ އަތުން ބޮޑު ހަރަދެއް ނުގޮސް ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަށް އެ އަތޮޅުތަކުން ލިބިގެންދާ ގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މާލެއަށް އައިސް ޕާސްޕޯޓު ނަގަން ދާ ހަރަދު ޕާސްޕޯޓެއް ހެދުމުގެ ހަރަދަށްވުރެ ބޮޑުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިދާރާތަށް ލާމަރުކަޒީ ކުރުމުގެ ގޮތުން އަތޮޅުތަކުން ޕާސްޕޯޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައިސް މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ޝައްމާން ވިދާޅުވީ، މިހާރު ވެސް ސިޓީތަކުން ޕާސްޕޯޓު ހެދޭނެ އިންތިޒާމު ގާއިމުކޮށްފައިވާނެ ކަމަށާއި އަދި ހއ. ދިއްދޫގައި ވެސް ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމު ގާއިމުކޮށްފައިވާނެ ކަމަށެވެ.
"ރައީސްގެ މި ނިންމެވުމާ ގުޅިގެން އިދާރީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ މަސައްކަތްތަށް މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ. މުވައްޒަފުން ނެގުމުގެ އިންތިޒާމުތަކާއި، ޕާސްޕޯޓު ސެޓަޕް ގާއިމުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރަމުން މިދަނީ. މިކަމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އާންމުންނަށް މިކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދިޔުން. ރައިސް ވެސް ވިދާޅުވަނީ މިފަދައިން." އޭނާ ވިދާޅުވިއެވެ.
މަހެއްގެ މައްޗަށް 1200 އެއްހާ މީހުން ޕާސްޕޯޓު ހެދުމަށް މާލެ އަންނަ ކަމަށާއި މިގޮތަށް އައިސް މާލެގެ ތިބުމާއި ކެއުމާއި ދެކޮޅު ޓިކެޓަށް ބޮޑެތި ހަރަދުތައް ދާކަން ޝައްމާން މިއަދު ފާހަގަކުރެއްވިއެވެ.
ޝައްމާން އިތުރަށް ވިދާޅުވީ ޕާސްޕޯޓު ހައްދަން އަތޮޅުތަކުން މާލެ އަންނަ މީހުންގެ އަތުން ފަސް ހާހާއި ހަ ހާހާއި ދެމެދުގެ އަދަދެއް ކޮންމެ މީހެއްގެ އަތުން ހަރަދުވާ ކަމަށެވެ.
"މިގޮތަށް ހަރަދު ކުރާނަމަ ހުރިހާ ރައްޔިތުންނަށް ބަލާކަމުގައިވާނަމަ އަހަރެއްގެ މައްޗަށް އެބަ ހަރަދުވޭ 7.7 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން. އެހެންވީމަ ރައީސްގެ މި ނިންމެވުމާ ގުޅިގެން އަޅުގަނޑަށް ގަބޫލު ކުރެވެނީ މިހާރު ކުރަމުންދާ ހަރަދުތައް އެއްކޮށް ކަހަލަ ގޮތަކަށް ކެނޑިގެންދާނެ ކަމަށް. އަދި އަވަސް ފުރުސަތެއްގަ އެ މީހަކު ހުންނަ އަތޮޅަކުން ޕާސްޕޯޓު ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތްދޭ އޮފީސްތައް ގާއިމުވެގެންދާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެކީ އެއްފަހަރާ ހުރިހާ އަތޮޅެއްގައި ނުފެށުނު ކަމުގައި ވީނަމަވެސް ރައީސްގެ އިރުޝާދާއެކު ޝެޑިއުލްކޮށްގެން މި މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ