ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެން ދަތިކަން ހައްލުކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ލެބޯޓްރީގެ ޚިދުމަތް ތަރާފަރުކުރުމާއި ބަނދަރު މަރާމާތުކުރުމާއި ބީޗް ތަރައްޤީކުރުމަށް ބޭނުންވާކަމާއި އަދި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރާއިރު އެސަޙައްދަށް ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އާމްދަނީ ހޯދަން ބިމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ