ހަމާސް އާއި އިސްރާޢީލުން ގޮތް ދޫކުރަން ޖެހޭ - މިސްރު

ހަނގުރާމަ ހުއްޓާލުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އާއި އިސްރާއީލުން ގޮތްދޫކުރަން ޖެހޭ ކަމަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ބައިވެރިޔާ މިސްރުން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ފެށުނު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމުގެ މެދުވެރިއަކަށް ހަރަކާތްތެރިވީ ގަތަރުންނެވެ. ނަމަވެސް އެކަން ކުރެވޭ ގޮތް ނުވުމުން އެންމެ ފަހުން މެދުވެރިއަކަށް ވެފައިވަނީ މިސްރެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އެކި ފަހަރު މަތިން ހަމާސް އާއި އިސްރާއީލުގެ ވަފުދުތައް ވަނީ މިސްރަށް ގޮސްފައެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ދެފަރާތުން ވެސް ހުށަހަޅާފައިވަނީ ޑިމާންޑްތަކެކެވެ. މި ޑިމާންޑްތަކަށް ދެ ފަރާތުން ވެސް އެއްބަސްވެފައެއް ނުވެއެވެ.
މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލަން ބޭނުންނަމަ، ދެބައި މީހުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ދޫ ދޭން ޖެހޭނެ ކަމަށެވެ. އަދި ޝަރުތުތަކުގައި މާ ބޮޑަށް ހަރުކަށި ސިޔާސަތުތައް ނުގެންގުޅެ މުއާމަލާތް ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިސްރުން މިފަދައިން ބުނެފައިވަނީ ހަމާސް އިން ހުށަހެޅި ހުށަހެޅުން ވަކި ސަބަބެއް ބަޔާން ނުކޮށް އިސްރާއީލުން ގަބޫލު ނުކުރަން ނިންމިކަން ހަމާސް ޖަމާއަތުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ