އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދާ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަމާޒުކޮށް އުމަރު ފާޑު ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ބާލާފައިވާ ކަމަށް ބުނެ މިސަރުކާރަށް ތާއީދުކުރާ ބައެއް މީހުން އިއްޔެ އިން ފެށިގެން ސޯޝަލްމީޑިއާގައި އެކަން ފާހަގަކުރަމުން ދަނިކޮށެވެ.
ރާއްޖޭގައި ގާއިމުވި އިންޑިއާ ސިފައިންގެ މައްސަލައިގައި އުމަރު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އިން އަޅުގަނޑުމެންގެ ސަރުކާރުތައް މޮޔަ ހެއްދުމުގެ ގޮތުން ކުރަމުންދާ ކަންކަމުގެ ތެރެއިން އަނެއްކާވެސް ކަމެއް ކޮށްލައި ސަރުކާރު "މޮޔަކޮށްފި" ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ދެ ގައުމުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަތަކަކީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.
"އިންޑިއާގެ އަސްކަރީ ސިފައިން ވަރަށް ބޮޑަށް މިތާ އެބައޮތް. އިންޑިއާގެ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކާއި، ޑޯނިއާ މަތިންދާ ބޯޓަކާއި، ރާޑަ ސްޓޭޝަންތަކާއި، ނޭވަލްގެ މުވައްޒަފުން މިތަނުގައި އެބަތިބި،" މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޑރ. މުއިއްޒުއާ ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ.
ދިވެހި ސިފައިން ބޭނުންކުރާ ޔުނީފޯމެއްގެ ކުލަތައް ރަމްޒުވާ ގޮތަށް ހަދާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަދައްވަނީ -- ފޮޓޯ: އަވަސް
ކުރިން ސިފައިންގޭގައިވެސް މަސައްކަތް ކުރައްވާފައިވާ އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިފައިވާ ކަމަށް ބުނާ މައްސަލައިގައި އޭނާގެ ހިޔާލު ހުރި ގޮތުގެ މައްޗަށް ހާއްސަ ލިޔުމެއް ލިޔުއްވާ އާންމުކުރައްވާނެ ކަމަށެވެ. އެ ލިޔުން ކިޔާލުމަށްވެސް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބިނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ފިޔަވާ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބެފައެއް ނުވެ އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ވެސް މިއަދުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދު ހާމަކުރެވޭނީ އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފޭބުމުން ކަމަށްވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން މީގެކުރިން ގާއިމުވެ ތިބީ އެ ގައުމުން ހަދިޔާ ކުރި ކަމަށް ބުނާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވުމަށާއި އެ އުޅަނދުތަކުގެ މެއިންޓަނަންސް މަސައްކަތްތަކުގައެވެ.
އިންޑިއާ ސިފައިން ނުދޭ، މޮޔަ ހެއްދުވީ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ