ސިޔާސީ މީހުން ކަނޑައިގެން ހައިރާނެއް ނެތް ؛ މި ބަދަލުގެ އިންޒާރު ދެއްވި

އެއީ ރައީސްގެ އަމާޒަށް ވާސިލުވުމަށް އަޅުއްވާ ފިޔަވަޅުތަކެވެ. މިއީ ސަރުކާރު ބައިބައިވެ ފުނޑުފުނޑުވެގެން ވާ ކަންކަމެއް ނޫނެވެ. ސަރުކާރުގެ ދުވަސް ގޮސް ނިމުމުގެ ފެށުން އައިސްގެން ވާ ކަމެއް ވެސް ނޫނެވެ. އަމުދުން އެއީ ހައިރާންވެ އަންތަރީސް ވާން ޖެހޭ ވަރުގެ ކަންކަމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަ މަސް ފުރުނީ މިދިޔަ ހުކުރު ދުވަހު އެވެ. އިހަކަށް ރެއާއި ހަމައަށް އޮތީ އެމަނިކުފާނުގެ ސަރުކާރުން މި ކުރު މުއްދަތުގައި ހޯދި ކާމިޔާބީ ތަކުގެ ވާހަކަ އެވެ. ނަމަވެސް މިދިއަ ދެތިން ދުވަހާއި ރެއާއި އިއްޔެގެ މައުލޫ މުޅިން ތަފާތެވެ. މިހާރު އެންމެ ގަދަ އަޑަކީ ސަރުކާރުގެ ބައެއް މަގާމުތަކުން މީހުން ވަކި ކުރަމުން ގެންދާ ވާހަކައިގެ އަޑާއި ސަސްޕެންޑް ކުރަމުން ގެންދާ ވާާހަކައިގެ އަޑެވެ. ދެން ވަކި ކުރާނީ / ސަސްޕެންޑް ކުރާނީ ކާކުތޯ ކުރާ ސުވާލުތަކެވެ. 
އަންގާރަ ދުވަހުގެ ރޭ އިރުއޮއްސެނިކޮށް އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން، މަޝްހޫރު ވިޔަފާރިވެރިޔާ / ރައީސް މުއިއްޒުގެ އިންވެސްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން ޖަނާ އިސްތިއުފާ ދެއްވި އެވެ. ނޫރައިންގެ އިސްތިއުފާއާއެކު އިއްޔެ އޮތީ ސަރުކާރުގެ ބައެއް މަގާމުތަކުން ބޭފުޅުން ވަކި ކުރެއްވުމެވެ.އެންމެ ފުރަތަމަ އައީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަކި ކުރެއްވި ހަބަރެވެ. އޭގެ ފަހުން އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހައިރު ވަކި ކުރެއްވި ކަން ހާމަ ކުރެއްވި އެވެ. ދެ ޑެޕިއުޓީ މިނިސްޓަރަކު ގެއަށް ފޮނުވާލައްވާ މަސްއޫލިއްޔަތުން އެކަހެރި ކުރެއްވި އެވެ. ދެ ޑެޕިއުޓީންނަށް ވެސް އޮތީ ސުލޫކީ މައްސަލަ އެއްގައި ސަސްޕެންޑް ކުރެއްވި ކަމުގެ ތުހުމަތެވެ. ތަފްސީލެއް ނެތެވެ.އަދިވެސް ވަކި ކުރާ ލިސްޓް އޮތީ ކުރިއަށެވެ. މަސައްކަތުން އެކަހެރި ކުރާ ލިސްޓް ވެސް ދިގު ވާނެ އެވެ. ވަރަށް އާދަޔާހިލާފު ނަންތައް ވެސް ހިމެނޭ ކަމަށް ވެއެވެ. އެކަމަކު މިއީ ބަޔަކަށް ވަރަށް ހައިރާން ކުރުވަނި ކަމަކަށް ވަނީ ވެފަ އެވެ. އެއް ބައެއްގެ ނަޒަރު ގައި ސަރުކާރުގެ ކަންކަން މި ދަނީ ނިމޭށެވެ. ވެރިކަމުގެ މިހާ ކުރީކޮޅު، ރައީސް މުއިއްޒުގެ ސަރުކާރުގެ ހަލާކު ފެށުނީ އެވެ. ސަރުކާރު ރޫޅި ބައިބައިވުން ފެށުނީ އެވެ. 
އެކަމަކު ހަގީގަތުގައި މިއީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ރައީސް މުއިއްޒު ކުރީން ވިދާޅުވެފައިވާ ވާހަކަފުޅުތަކާއި އެމަނިކުފާނުގެ މަސައްކަތްޕުޅުގެ އަމާޒު ހުރި ގޮތުގެ ކުޑަ ހިސާބެއް ޖެހި އެއްވެސް މީހަކު ވެސް މި ފެންނަ ކަންކަމާއި ހައިރާން ވެގެން ނޫޅޭނެ އެވެ.ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި އެވެ. ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ވަރަށް ގިނަ ބަދަލުތަކުގެ ވާހަކަ ވިދާޅުވި އެވެ. އޭގެ ތެރޭގައި މީގެ ކުރީން ވެރިއަކު ކުރައްވާފައި ނެތް ބޮޑެތި، ބޮޑެތި އެތައް ކަންތައްތަކެއް ވެސް ހިމެނެ އެވެ. އެ ވައުދުތަކާއެކު އެންމެ ގިނައިން ތަކުރާރު ކުރެއްވި ބަސްފުޅަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ނަތީޖާ ނެރުމަށަށެވެ. އެ ނޫން ބޭނުމެއް ނެތެވެ. ވެވަޑައިގަންނަވަނީ ހުސް ވައުދުތަކެއް ނޫން ކަމުގައި ތަކުރާރު ކުރެއްވި އެވެ. އެކަމުގެ ޔަގީން ކަން ރައްޔިތުންނަށް އިތުރަށް ދެއްވުމުގެ ގޮތުން އެ ހުރިހާ ވައުދުފުޅުތަކެއް ފޮތެއްގައި ލިޔެ ޝާއިއު ވެސްް ކުރެއްވި އެވެ. ހުރިހާ ކައުންސިލްތަކާއި މުއައްސަސާތަކަށް ވައުދު ފޮތް ފޮނުއްވެވި އެވެ. ދެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ގައި / ޓީމުގައި ހިމެނިވަޑައިގަންނަވާނީ ނަތީޖާ ނެރެ ދެއްވާނެ ބޭފުޅުން ކަމެވެ. ރައްޔިތުންނަށް އިހްލާސްތެރި ތެދުވެރީން ކަމެވެ. ރައްޔިތުންގެ ހިދުމަތުގައި ވަަރުބަަލިވުމެއް ނެތި އަމާޒަށް ވާސިލުވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާނެ މުރާލި ބޭފުޅުން ކަމަށެވެ. އެނޫން ދެވަނަ އެއްވެސް ބޭފުޅަކަށް ފުރުސަތު ނުދެއްވާނެ ކަމެވެ. އާންމު ތަގުރީރުތަކާއި ކެބިނެޓް ބައްދަލުވުންތަކާއި ސަރުކާރުގެ އިސްވެރީންގެ ބައްދަލްވުންތަކާއި ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ މީޓިންތަކުގައި ވެސް ރައީސް އެ ވާހަކަފުޅު ތަކުރާރު ކުރައްވާ ވިދާޅުވެފައިވެ އެވެ.
އެ ވާހަކަފުޅު ވިދާޅުވަނީ ވެސް ވަރަށް ސާފުކޮށް ތިލަކޮށް ސާދާ އިބާރާތްތަކުންނެވެ. ހުރިހާ ބޭފުޅުން ވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކޮށް ދެއްވުމަށް އެދިވަޑައިގެން ދެން ވިދާޅުވަނީ އެ ނޫންނަމަ މަގާމުގައި ނުހުންނެވޭނެ ކަމެވެ. މުރާލި ވާން ޖެހިވަޑައިގަންނަވާނެ ކަމާއި ރައްޔިތުންގެ ހިދުމަތުގައި އިހްލާސްތެރިވާން ޖެހޭނެ ކަމެވެ.ތުހުމަތުތައް ބައްލަވާނެ ކަމާއި ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގެންފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމެވެ. އެކަމުގައި އެއްވެސް ހާއްސަ ކަމެއް ހަމަ އެއްވެސް ބޭފުޅަކަށް ނޯންނާނެ ކަމެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އިހްލާސްތެރި ކަމާއެކު ވެވަޑައިގެންނެވި ވައުދުތަކެއް ފުއްދެވުމަށް ކަމާ އެ ނޫން ދެވަނަ އެޖެންޑާ އެއް ނެތް ކަމެވެ.
ރައީސްގެ އެ ވާހަކަފުޅު އެހެން ހަރުފަތަކަށް ގެންދެވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމަނިކުފާނަށް ރައްޔިތުން ދެއްވުމުންނެވެ. އެވަރުގެ ބޮޑު އިތުބާރަކާއި ޔަގީން ކަމެއް ދެއްވުމުންނެވެ.މަޖިލީސް އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗު ގައި އޭޕްރީލް 22 ވަނަ ދުވަަހުގެ ރޭ އޮތް ބައްދަލު ވުމުގައި ރައީސް ވިދާޅުވީ މިފަދައިންނެވެ."ދެން އޮތީ މަސައްކަތް ކުުރުން. މަސައްކަތުގެ ދުވެލި އަވަސް ކުރުން. ވޭތުވެ ގެން މިދިޔަ ފަސް މަސްދުވަހު ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް ކަންކަމުގައި ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިކުރެއްވި އިތުބާރާއި ދެއްވި ތާއީދުގެ މައްޗަށް މި ފަސް މަހު ކުރެވުނު މަސައްކަތަށް ވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދިނުމުގެ މަސައްކަތް،""އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވުމުގެ ދުވަސްތައް،" ޖޯޝު ގައި ދެއްކެވި ވާހަކަފުޅު ގައި ރައީސް އިތުރަށް ވިދާޅުވި އެވެ.
ރައީސް އެ ރޭ ވަނީ އެމަނިކުފާނާއެކު ސްޓޭޖް ގައި ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރީންނާއި އިންތިހާބީ މަޖިލީސް މެންބަރުންނަށް ވެސް ހާއްސަ މެސެޖެއް ދެއްވާފައެވެ. ވިދާޅުވީ މިިދޔަ ފަސް މަސް ދުވަހަކީ އަދި އެއްޗެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ އެ ޓީމު ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ 24 ގަޑިއިރު ހޭލާ ކަމަށެވެ."މި ޓީމު ދެން ނުނިދާނެ. މި ދަންނަަވަނީ އަމަލީ ގޮތުން ނުދިދާނެ ވާހަކައެއް ނޫން. މަސައްކަތުގައި ދެން ތިބޭނީ. ރައްޔިތުން އެދޭ މަތީ ސްޕީޑްގައި އެ ގިޔަރުގައި މަސައްކަތު ކުުރުމުގައި. އަޅުގަނޑު އަޅުގަނޑުގެ ކެބިނެޓްގެ މެންބަރުންނަށާއި ކުންފުނިތަކުގެ ވެރީންނަށް އަދި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާނީ މިދިޔަ ފަސް މަސް ދުވަހަކީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ 24 ގަޑިއިރު ހޭލައޭ،"އަދި ވިދާޅުވީ އެމަނިކުފާނަކީ ބަހަނާ ދައްކަވާނެ ބޭފުޅެއް ނޫން ކަމުން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވައުދުވީ ގޮތަށް ތަރައްގީ ގެނެސް ދިނުން ކަމެވެ. ގައުމުގައި ހުރި ބޮޑެތި ހުރިހާ މައްސަލަތައް ހަމަޖެއްސެވުމެވެ. ހާއްސަކޮށް ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް މާޒީއަށް ދޫކޮށް ވެވަޑައިގެންފައިވާ ގޮތަށް އެ މައްސަލަ ހައްލު ކުރައްވަން ބޭނުންފުޅުވާ ކަމެވެ. ހަލާކުވެފައި އޮތް އިގްތިސާދު ކޮޅަށް ޖެހުމަށް އެ ފަސް މަސް ދުވަހު ކުރެއްވި މަސައްކަތް ތިން ހަތަރު ގުނަ އަވަސް ކުރައްވާ އިތުރު ކުރައްވާނެ ކަމެވެ. ރައްޔިތުންގެ ނިންމުމުން އެ ރައްޔިތުން ބުނެދިނީ ވާހަކަ ދެއްކުމުގެ ދުވަސްތައް މާޒީކޮށް އަމަލުން ކަންކަން ދެއްކުމުގެ ދުވަސްތައް ފެށުން ކަމަށެވެ. ދެން ފެންނާނީ އަމަލު ކަން ކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ. އަދި ޔަގީންކަން ދެއްވީ ދެން އޮތީ އުފާފާގަތި ގައުމަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށެވެ."އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން،" ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ރައީސް ރޭ ވިދާޅުވި އެވެ. 
އެހެންވީމަ ރައީސްގެ މިސްރާބު ސާފެވެ. އެމަނިކުފާނުގެ ވާހަކަފުޅު ބަދަލެއް ނުވެ އެވެ. ކަންކަން އެ ހިނގަނީ އެ މަގުންނެވެ.ބޭފުޅަކު ސަރުކާރުން ވަކިކުރައްވައިފިނަމަ އެއީ އެމަނިކުފާނު އެ ވިދާޅުވި މިސްރާބަށް ކަންކަން ގެންދެވުމުގައި އެބޭފުޅަކު ނާގާބިލްވީ އެވެ. ނުވަތަ ނަތީޖާ ނުނެރެވި ފެއިލްވީ އެވެ. މަސްއޫލިއްޔަތުން އެކަހެރި ކުރައްވާ ގޭގައި ބަހައްޓަވައިފިނަމަ ނަޒާހަތްތެރި ކަމާ މެދު ސުވާލެއް އުފެދުނީ އެވެ. ނޫނީ ސުލޫކީ މައްސަލަ އެއް ޖެހި ރައީސް ކަނޑައެޅުއްވި އަހްލާގީ މިންގަނޑުން އެ ބޭފުޅަކަށް ބޭރުވެވުނީ އެވެ.އެހެންވީމަ ސަރުކާރުގެ މަގާމަކުން ބޭފުޅަކު ވަކި ކުރެއްވުން / ސަސްޕެންޑްކޮށް ގޭގައި ބެހެެއްޓެވުން އެއީ އެހާ ހައިރާންވާންވީ ކަމެއް ނޫނެވެ. އެއީ ކަން ކުރައްވާނެ ގޮތް ރައީސް ވަރަށް ސާފުކޮށް ވިދާޅުވެފައި ވާތީ އެވެ. ކޮންމެ ބޭފުޅަކަށް ވެސް ރައީސް ދެއްވީ ހަ މަސް ދުވަހެވެ. އެ މުއްދަތު ފާއިތުވެއްޖެ އެވެ. ދެން އޮތީ ރައީސްގެ ޓީމާ އެކު އަމާޒަށް ވަޑައިގެންނެވޭނެ ބޭފުޅުންނާ އެކު ކުރިއަށް ވަޑައިގަތުމެވެ. ކޮންމެވެސް ބޭފުޅުން ކޮޅެއް ދަތުރުގެ މިހާ ހިސާބުން ސަރުކާރާ ވަކިވެވަޑައިގަަންނަވާނެ އެވެ. އޭގެ ތެރޭގައި ވަޒީރުން ވެސް ހިމެނިވަޑައިގެންފާނެ އެވެ. ކުންފުނިތަކުގެ ވެރީންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީން ވެސް ހިމެނިވަޑައިގަންނަވާނެ އެވެ. މިވަގުތާ ހަމައަށް އަދި ފެންނަނީ ރައީސްގެ އަމާޒު ކައްސާލުމެއް ނެތި ސާފުކޮށް މިސްރާބަށް ދަތުރު ކުރައްވާ މަންޒަރެވެ. މަގާމު ދެއްވިތާ 24 ގަޑިއިރު ނުވަނީސް ވަކި ކުރެއްވި ބޭފުޅުން އަލުން މަގާމުތަކަށް ގެންނަވައިފި އެވެ. މަގާމު ދެއްވުމަށް ފަހު ކުއްލި ގޮތަކަށް ވަކި ކުރައްވާ އެހެން މަގާމުތަކަށް ބަދަލު ވެސް ކުރައްވައިފި އެވެ. މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނު ކުރެެެއްވި މުހައްމަދު ފަހުމީ ހަސަން ވަކި ކުރައްވާ އަލުން މަގާމު ދެއްވުމާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އެމަގާމުން ވަކިކުރައްވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރުން ފަދަ ނިންމެވުންތައް ރައީސް ވަނީ ނިންމަވާފަ އެވެ.އެއީ ރައީސްގެ އަމާޒަށް ވާސިލުވުމަށް އަޅުއްވާ ފިޔަވަޅުތަކެވެ. އެއީ ސަރުކާރު ބައިބައިވެ ފުނޑުފުނޑުވެގެން ވާ ކަންކަމެއް ނޫނެވެ. ސަރުކާރުގެ ދުވަސް ގޮސް ނިމުމުގެ ފެށުން އައިސްގެން ވާ ކަމެއް ވެސް ނޫނެވެ. އެއީ އެކަން ހިނގާނެ ގޮތް ކަމަށް ރައީސް މާ ކުރީން ވިދާޅުވެފައިވާ ގޮތެވެ. އެހެންވީމަ އެއީ ހައިރާންވެ އަންތަރީސް ވާން ޖެހޭ ވަރުގެ ކަންކަމެއް ނޫނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ