ފާޑުކިޔުން އިންފަންޓީނޯއަށް ބަލައެއްނުގަނެވުނު: ބުނީ ފިތުނަ އުފެއްދީއޭ

ނިމިދިޔަ ވޯލްޑް ކަޕްގައި ފާހަގަކުރެވުނު މައްސަލަތަކަށް ފާޑުކީ މީހުންނަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަރުގަދަ ރައްދެއް ދީފި އެވެ. 
އިންސްޓަގްރާމްގައި އާންމު ކުރި 15 ޕެރގްރާފްގެ ދިގު ބަޔާނުގައި، ފީފާގެ ރައީސް ވަނީ އޭނާ އަށާއި އެ އިދާރާ އަށް ފާޑުކީ އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް، ފިތުނަ އުފައްދާކަމަށް ތުހުމަތ ކޮށްފަ އެވެ. 
"ނަފުރަތާއި ފާޑުކިއުންތަކުގެ ތެރެއަށް ކަލޭމެން ގެނބިފައި ތިއްބެވި ވަރުން މުޅި މުބާރާތުގެ ހަގީގީ އުފާވެރިކަން ގެއްލުނީ،" ފާޑުކީ ނޫސްވެރިންާއި އެކްޓިވިސްޓުންނަށް ސީދާ ރައްދު ދެމުން، އިންފަންޓީނޯ ލިޔުއްވާފައިވެ އެވެ.
"ގަލަމާއި ކަރުދާސް ހިފައިގެން އަދި ސްކްރީންތަކުގެ ނިވަލުގައި ތިބެގެން ނަފުރަތާއި ދޮގުވާހަކަތައް ފަތުރާ މީހުންނަށް ބުނެލަން އޮތީ ކަލޭމެން ފަހަތުގައި ތިއްބެވިިއިރު ފީފާގައި ތިބި އަހަރެމެން މިތިބީ އެންމެ ކުރީ ސަފުގައި މަސައްކަތްކޮށް ދުނިޔޭގެ އެންމެ ފުރިހަމަ ޝޯ ބެލުންތެރިންނަށް ފޯރުކޮށް ދޭން."
ވޯލްޑް ކަޕާ ދީމާކޮށް ބައެއް ޓީމުތަކަށާއި ސަޕޯޓަރުން އަދި ބައެއް އޮފިޝަލުންނަށް އެމެރިކާއިން ކުރިމަތި ކުރި ވިސާގެ މައްސަލަތާއި ބެހޭގޮތުން ވެސް އިންފަންޓީނޯ ވާހަކަ ދައްކާފައިވެ އެވެ. ރެފްރީންގެ ނިމުންތަކާ ގުޅޭ މައްސަލަތާކައި އިންފަންޓީނޯގެ މިހާރުގެ އެންމެ ގާތް އެކުވެރިޔާ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޯނުން ގުޅުވައި، އެ ގައުމުގެ ފޯވާޑް ފޮލާރިން ބަލޯގުންގެ އެއް މެޗުގެ ސަސްޕެންޝަގެ އުވައިލައިދިން މައްސަލައާ ބެހޭގޮތުން ވެސް އިންފަންޓީނޯ ވަނީ އޭނާގެ ސޯޝަލްޑ މީޑިއާގެ އެކައުންޓުން ލިޔެފަ އެވެ. 
ބަލޯގުންގެ ރަތް ކާޑް ކެންސަލް ކުރި މައްސަލަ، ދިފާއު ކުރުމުގެ ގޮތުން އިންފަންޓީނޯ ލިޔެފައި ވަނީ ކާޑް ކެންސަލް ކުރުމަކީ ދުނިޔޭގެ މަޝްހޫރު ލީގުތަކުގައި ވެސް ހިންގާ ކަންތައް ކަމަށެވެ. އެކަމަކު އެ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކީ އެފަދަ ލީގުތައް އޮތް ގައުމުތަކުން ކަމަށް އޭނާ ބުނެފައިވެ އެވެ.
"ގޯސްކޮށް ދެއްކޭ ރަތް ކާޑު ނުވަތަ ރީނދޫ ކާޑު. ނުވަތަ ވަކި ހާލަތްތަކެއްގައި ކުޅުންތެރިން ސަސްޕެންޑް ނުކުރުމަށް ފަހުން ނިންމާ ނިންމުންތަކަކީ ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ވެސް އާންމުކޮށް ހިނގާ އަދި ބަލައިގަންނަ ކަންކަމެވެ. ހައިރާންވާންޖެހޭ ކަމަކީ މިފަދަ އުސޫލުތަކަށް އަމަލުކުރާ ގައުމުތަކުން މިކަމަށް ފާޑުކިޔަމުންދާތީ އެވެ،" އިންފަންޓީނޯ ލިޔުނެވެ. 
ވޯލްޑް ކަޕަށް ފީފާއިން ނެގި ސޮމާލީއާގެ ރެފްރީ އުމަރު އާތަން އަތުގައި ސައްހަ ވިސާއެއް އޮއްވައި، އޭނާ އަށް އެމެރިކާއަށް ވަނުމުގެ ހުއްދައެއް ނުދިނެވެ. އިރާން ޓީމަށް ކުރިމަތި ކުރި ވިސާގެ އުނދަގޫތައް އިންފަންޓީނޯ ދިފާއު ކުރި އެވެ. އޭނާ ސިފަކުރި ގޮތުން އިރާން ޓީމަށް އެމެރިކާ އަށް އެތެރެވެވުނީ ވިސާގެ އެއްވެސް މައްސަލައެއް ނުޖެހި އެވެ. 
"އިރާނުން އެމެރިކާއަށް އެތެރެވީ އެއްވެސް ނުރައްކާތެރި ހާދިސާއެއް ނުވަތަ މައްސަލައެއް ނުޖެހި އެވެ. އިރާން ޓީމަށް އެތެރެވުމުގެ ވިސާ ލިބުނީ ފުޓްބޯޅައަކީ ސުލްހައަށްޓަކައި ކުޅެވޭ އެއްޗަކަށްވާތީ އެވެ. އެއީ ސިޔާސީ ކަމެއް ނޫނެވެ. ސިއްހީ ބޮޑެތި މައްސަލަތަކާއި ނުވަތަ އެނޫންވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ގައުމުތަކަށް ވެސް ވަނީ ވިސާ ދީފަ އެވެ."
އިންފަންޓީނޯގެ މި ދިފާއުއާ ގުޅިގެން، އޭނާ އަށް އަނެއްކާވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭނާގެ ސުލޫކީ މައްސަލައެއް މީގެކުރިން ވެސް ފެންމަތި ކުރި ޖަމާއަތެއްކަމަށްވާ، ފެއާސްކެއާއިން ބުނީ އިންފަންޓީނޯއަކީ ހަގީގަތާ ކުރިމަތިލާން ބޭނުންނުވާ މީހެއްކަން، ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ