ނާޒިމް ވަކިކުރަން އޮއްވައި, މަޖިލީހުގެ ޗުއްޓީ ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރަން, ޕީއެންސީން ހުށަހަޅާފައި ވަނިކޮށް, މަޖިލީހުގެ ޗުއްޓީ ފަސް ކުރަން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ހިނގަމުންދާ ދައުރުގެ ފަހު ދުވަހަކީ މާދަމާއެވެ. ނަމަވެސް އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކުރަން މިއަދު ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން ދައުރު ދަންމާލުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ. https://www.sun.mv/221969 މިއަދުގެ ޖަލްސާގައި މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. މިއާއި އެކު މަޖިލީހުގެ މި ދައުރު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްވިކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ އިއްޔެ އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެ ކަމެއް އެ ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، އެ މައްސަލައިގައި ބަހުސްކުރާއިރު، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ. އެކަމަކު، އޭނާއާ ގުޅޭ ވޯޓުގައި ވޯޓެއް ނުދެވޭނެއެވެ. ބެލެވޭގޮތުގައި ޕީއެންސީގެ ބޭނުމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނާޒިމް އެ މަގާމުން ވަކި ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ