އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފި

އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭގޮތް ހެދުމަށް ޕެންޝަނާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރުއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކާއެކުގައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ. އަދި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.
މީގެ އިތުރުން ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާހުގެ ދަށުން ވަނީ ކަނޑައަޅުއްވާފައެވެ.
ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަކީ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހެއްތޯ ނުވަތަ އަސާސީ ޕެންޝަން ޙައްގު މީހެއްތޯ ބެލުމުގައި އަމަލުކުރަންވާ އުސޫލުތަކާއި އިޖުރާއަތްތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު ކަނޑައަޅަންޖެހޭނި ޕެންޝަން އޮފީހުގެ ބޯޑުންނެވެ. މި ބިލުގައި އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ޤާނޫނުއަސާސީގެ ދަށުން ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމަކަށް އަތުވެއްޖެނަމަ ނުވަތަ ދައުލަތާއި ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ގުޅިއްޖެނަމަ އެ މީހަކަސް ޕެންޝަން ނުލިބޭނެކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ގެދޮރު ގަތުމަށްޓަކައި ނުވަތަ އިމާރާތްކުރުމަށް އަދި މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ޕެންޑަން ފަންޑުގެ ފައިސާއިން ކޮލެޓަރަލައިޒްކުރެވޭނެކަމަށްވެސް ބިލުގައިވަނީބަޔާންކޮށްފައެެވެ. މިކަމަށް ޚާއްސަ ގަވާއިދެއް ހަދަންޖެހޭއިރު މިފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ބޭންކުން ދޫކުރާ ލޯނަކަށް ނުވަތަ ފައިނޭންސް ކުރާ ކުންފުންޏަކުން އަދި މާލީ މުއައްސަސާއަކުން ދޫކުރާ ލޯނުތަކަށެވެ.
ޓަރމިނަލް އިލްނަސް ކަމަށް ބިލުގައި ބުނެފައިވަނީ ސިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަސްދުވަހަށްވުރެ ދިގުމުއްދަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތަކެވެ. އެ ހާލަތުގައި އެ މީހާގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވޭނެއެވެ.
މި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު އިތުރު އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބަވާނީ 9 މެންބަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭނީ ޗެއަރޕާސަން އާއި ދައުލަތުގެ މާލީ ކަންކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާގެ ސިވިލް ސަރވިސްގެ އިސް މުވައްޒަފަކާއި ސޯޝަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ވުޒާރާއެއްގެ ސިވިލް ސަރވިސް މުވައްޒަފަކާއި ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާއެއްގެ ސިވިލް ސަރވިސް މުވައްޒަފެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރ އަށް ނިސްބަތްވާ 5 މެންބަރުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ސީއީއޯ ފިޔަވައި އެހެން މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. ސީއީއޯ އައްޔަން ކުރާނީ ބޯޑުންނެވެ.
މިހާރު ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރެއިން ސެކިޔުރިޓީސް މާލެޓް ރެގިއުލޭޓަރުންގެ ފަރާތުން އައްޔަން ކުރައްވާފައިވާ މެންބަރުން ނޫން އެހެން ހުރިހާ މެންބަރުން މަޤާމުގައި ދެމި ތިބޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. އަދި ބާކީ ހުސްކޮށް ހުރި މަޤާމުތަކަށް ޤާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި މެންބަރުން އައްޔަން ކުރަންވާނެ ކަމަށާއި 60 ދުވަހުގެ ތެރޭގައި ސީއީއޯ އައްޔަން ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ