ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަފީގް މަހްމޫދު އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ފަސް މެންބަރުން ތިއްބަވާ އެޗްއާރުސީގެ ދެ މެންބަރެއްގެ ފަސް އަހަރުގެ ދައުރު ހަމަވަނީ އަންނަ މަހު 8އަކަށް ހަމަވާތީ، މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފަ އެވެ. އޭގެ ތެރެއިން ކޮމިޓީން ރުހުން ލިބުނީ ޝަފީގަށެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅައި، މެންބަރުންގެ ރުހުން މަހްމޫދަށް އޮތްތޯ ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ، 65 މެންބަރުންގެ ވޯޓުންނެވެ.
މި މައްސަލަ ދިރާސާ ކުރި ހިއުމަން ރައިޓްސް ކޮމިޓީން ޝަފީގަށް %83 މާކްސް ދީފައިވެ އެވެ. ރައީސްގެ ލިސްޓުގައި ކުރީގައި އޮތީ، މުހައްމަދު ފާރިސް ތޯހާ ހ. ސޯސަންގެ ކޮމިޓީގެ ރުހުމެއް ނުލިބެ އެވެ. އެހެންވެ ތަޅުމުގައި އޭނާގެ ނަމެއް ވޯޓަށް އަހާފައެއް ނުވެ އެވެ.
ކޮމިޓީގެ ރުހުން ލިބެނީ އެވްރެޖް %75 މާކްސް ލިބިގެންނެވެ. ފާރިސްއަށް ކޮމިޓީން ދީފައި ވަނީ %53 މާކްސް އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފާރިސްގެ އިންޓަވިއު ތެރެއިން އޭނާއާ ގުޅޭ ގެވެށި އަނިޔާގެ ތުހުމަތުތަކެއް ޕީއެންސީގެ ކޮމިޓީ މެންބަރުން ފެންމަތި ކުރި އެވެ. އަދި އެއީ ކޮމިޓީއަށް އައި ޝަކުވާއެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުންވެސް އެއްވެސް ޝަކުވާއެއް ކޮމިޓީއަށް ލިބިފައި ނުވެ އެވެ. އެގޮތުން:
ފާރިސްއަށް އަމާޒުވި ތުހުމަތަކީ، އޭނާގެ ކުރީގެ އަނބިމީހާ އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކޮމިޓީގައި ފާރިސް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ
އަދި މި ތުހުމަތުތައް ނޫސްތަކުން މިވަހާކަތައް ރިޕޯޓު ކުރުމުންއެކު އަމިނަތުވެސް ވަނީ އެކަން ދޮގު ކުރައްވާފަ
އެފަދަ މައްސަލައެއް އެއްވެސް އިދާރާއަކަށް މީގެ ކުރިން ހުށަހަޅާފައި ނުވާނެ ކަމަށްވެސް ބުނެފައި އައިމިނަތު ބުނެފައިވޭ
މި ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނޭ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު (އަސްމާތަ)އަކީ، އާމިނަތުގެ މަންމަ އެވެ. ފާރިސްގެ އިންވިއު ކުރިއަށް ދިޔަ ބައްދަލުވުމުގައި އާއި އޭނާއަށް މާކްސް ދިނުމުގައި އަސްމާ ބައިވެރިވެވަޑައިގެންގައި ނުވެ އެވެ.
އާންމުކޮށް ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގައި ކުރިއަށްދާ ބައްދަލުވުންތައް ކުރިއަށް ދަނީ ސިއްރުކޮށްގެންނެވެ. ނަމަވެސް މި މައްަސަލައިގައި މަޖިލީހުން އަމަލުކޮށްފައި ވަނީ ތަފާތުކޮށެވެ. އެ ވާހަކަތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ފާރިސްއަކީ މީގެ ކުރިން ސިފައިންގޭގެ ވަޒީފާވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އެތަނުން އޭނާ ވަޒީފާ އަދާ ކުރެއްވިއިރު، ލާއިންސާނީ އަމަލުތަކެއްވެސް ހިންގެވިކަމަށް ބުނާ ތުހުމަތުތަކާ ގުޅޭ ގޮތުން ކޮމިޓީން އޭނާއާ ސުވާލު ކުރި އެވެ. އެ ތުހުމަތުވެސް އޭނާ ދޮގު ކުރެއްވި އެވެ.
އެޗްއާރުސީއެމްއަށް ޝަފީގް މަހްމޫދު އައްޔަން ކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ