މާލޭ މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެތަން ހިންގުން ހަވާލުކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީ އިން އެތަން ކުއްޔަށް ދޫކުރަން ކަނޑައެޅި އަގަށް ވުރެ ކުޑަކޮށް ކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭ މަސްކާރުކޭޓު ހިންގުން ހަވާލުކޮށްފައިވާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރު ކުރަން ނިންމި ނަމަވެސް، ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަ އަގަކަށް އެތަން ދޫކޮށްފައިވާކަން ފާހަގަވުމުން މުއްދަތު އިތުރު ނުކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
ތަފްސީލް - މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީ އިން ކަނޑައަޅާފައި އޮތީ މާރުކޭޓު 130،000ރ އަށް ކުއްޔަށް ދޫކުރުމަށެވެ. ނަމަވެސް އެއަދަދު ކުޑަކޮށް70،000ރ އަށް ދޫކުރަން ކަނޑައެޅީ އެހެން ކޮމެޓީ އަކުން ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
"ބިޑް ކޮމެޓީ އިން ނިންމާފައި އެބައޮތް 130،000ރ އަށް ދޭން. ބިޑް ކޮމެޓީ އިން ނިންމާފައި އޮތް ނިންމުމެއް އެހެން ކޮމެޓީ އަކުން ބަދަލުކޮށްފައި އޮންނަނީ. އަޅުގަނޑަށް ލީގަލް ލަފާ މި ލިބެނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް،" މޭޔަރު ވިދާޅުވި އެވެ.
"އަދި އެބަހުރި އަޅުގަނޑުމެން ބަލާލަން ޖެހޭ ކަންތައް. މިވަގުތުން މިވަގުތަށް [ކުރިއަށް] ގޮސްފިނަމަ ބޮޑެތި ތުހުމަތުތަކެއް މުޅި ކައުންސިލަށް އައިސްފާނެ ކަމަށް ފެންނަނީ ފެންނަން ހުރި ޑޮކިޔުމެންޓުތަކުގެ އަލީގައި."
އޭނާ ވިދާޅުވީ މާރުކޭޓު ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރިން ނުފެންނަ އެހެން ލިޔުންތަކެއް ފެނިއްޖެ ކަމަށެވެ.
"ވަރަށް ބައިވަރު މައްސަލަތައް އުޅޭ ކޮންޓްރެކްޓެއް މި އުޅެނީ،" އާޒިމް ވިދާޅުވި އެވެ.
އެފަދަ މައުލޫމާތު ހިމެނޭ ލިޔުންތައް ފެންނަވަރަކުން ކައުންސިލް ބައްދަލުުވުމަށް ގެންނަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާރުކޭޓުގެ ކަރަންޓު ބިލަށް އަރާފައިވާ 400،000ރ އަށް ވުރެ ގިނަ ފައިސާ ވެސް ނުދައްކާ އެބަހުއްޓެވެ.
އާޒިމް ވަނީ މާރުކޭޓު ކުއްޔަށް ދޫކުރަން އަލުން ބިޑަށް ހުޅުވާލަން ހުށަހަޅުއްވައިފަ އެވެެ.
މަސްމާރުކޭޓް ރައީސް ގެ މޭޔަރުކަމުގައި ކުއްޔަށް ދީފައި އޮތީ މާ ކުޑަ އަގެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ